ނ. މާފަރުގައި ތަރައްޤީކޮށް ފައިވާ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޯވިޑް ޓެސްޓް ސެންޓަރު މިއަދު ހުޅުވައިފިއެވެ.

އެ ސެންޓަރު ހުޅުވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ.

Ad
rt

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރު ވެރިކަމަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މާފަރު އެއާޕޯޓު އޮތް ސަރަހައްދަކީ ގިނަ އަދަދެއްގެ މަތީފެންވަރުގެ ރިސޯޓުތައް ހިންގާ ސަރަހައްދެކެވެ.

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާއިރު އެ އެއާޕޯޓުގައި މިހާރު ވަނީ ތާމަލް ކެމެރާ ބަހައްޓައިފައެވެ. އަދި އެއާޕޯޓުގެ ޓާމިނަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދަތުރުތަކަށް ދަނީ ތައްޔާރުވަމުންނެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމު ކުރި ކޯވިޑް ޓެސްޓް ސެންޓަރު ގާއިމްކުރީ ސޮނޭވާ ކުންފުނީގެ ޚަރަދުގައެވެ. އެތަނަށް ބޭނުންވާ މެޝިނަރީސް އިންސްޓޯލުކޮށް، ސެންޓަރު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުންނެވެ.

ކުރީގެ ސަރުކާރުން ފެށި މާފަރު އެއަރޕޯޓް މަޝްރޫއަށް ޚަރަދުކުރީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިންނެވެ. އެގޮތުން 60 މިލިއަން ޑޮލަރު އެ ފަންޑުން ހޭދަކުރި އެވެ. އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.