ހަނިމާދޫ މަގުހެދުން: މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް!

Hanimaadhoo Magu

ޤައުމުގައި އޮންނާނީ ދެފަޅިއެވެ. އެއްފަޅިއަކީ ސަރުކާރު ފަޅިއެވެ. އަނެއްފަޅިއަކީ ސަރުކާރާއި އިދިކޮޅުފަޅިއެވެ. އެ ދޭތެރޭގެ މެދެއް ނޯންނާނެއެވެ.

އެ އިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކޮންމެ ކަމަކީ، އެކަމަކީ އަދި އެންމެ ރަނގަޅު ކަމެއް ނޫންކަމުގައި ވިޔަސް، އަދި އެކަން ހަމައެދަނީ އެންމެ ރަނގަޅަށް ނޫންކަން އެނގިތިބެމެ، އެކަން އެ އޮތީ ހަމަ އެންމެ ރަނގަޅަށޭ ބުނެ ބަހަނާވެސް ދައްކާނެއެވެ. މިއީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ގޮތެވެ.

ދެންއޮތީ އިދިކޮޅެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރަމުން ގެނދިޔަކަމުގައި ވީ ނަމަވެސް އެ ކަމަކީ ފައިދާހުރި ކަމެއްކަމުގައި ޤަބޫލެއް ނުކުރާނެއެވެ. އަދި އެ ކަމަކީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނެތް ގެއްލުން ހުރި ކަމެއްކަމުގައި ދައްކަން ވަކާލާތުކޮށް ބަހުސްކޮށް ވެސް ހަދާނެއެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް މިއީވެސް ކަން ހިނގަމުންދާ ގޮތެވެ.

ސަރުކާރުތަކުން ރަށުގައި ހިންގާ ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން ވާހަކަ ދައްކައި އެކަމަށް ބިނާކުރުވަނިވި ފާޑެއް ކިޔުމަކީ އެންމެ ފައިދާބޮޑުގޮތް ކަމުގައި ދެކެމެވެ. ގޯސްކަމެއް ހުރިއްޔާ ރަނގަޅުކުރަން މަސައްކަތް ކުރުމަކީ އޮތްކަމެކެވެ. ބޯހަރުކަމާއި ގޮތްދޫނުކުރުމަކުން ވާނެފައިދާއެއް ނޯންނާނެއެވެ.

ހަނިމާދޫގެ މަގުތަށް ހަދަމުންދާއިރު އެކަމާއި ގުޅިގެން އަޅުގަނޑު ހިތައް އަންނަ ބައެއް ވާހަކަތަށް ހިއްސާކޮށްލުން އެއީ މައްސަލައެއް ކަމުގައި ނުދެކެމެވެ. ހަނިމާދޫގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އަމަލީގޮތުން ފެށީ ރައީސް އަބްދުﷲ ޔާމީނުގެ ޒައާމަތުގައެވެ. ވެރިކަން ބަދަލުވީ ނަމަވެސް ހަމަ ޕޮރޮޖެކްޓް ދަނީ ކުރިއަށެވެ. ހުއްޓުމެއް ނާދެއެވެ.

މަގުތައް ހެދުމަށް ޕްލޭން ކުރެވިފައި އޮތީ ރަށުގައި ހުރި ސަރުކާރުގެ ގިނަ މުއައްސަސާތަށް ތާރު މަގުތަކުން ދަތުރު ކުރެވޭނޭފަދަ ގޮތަކަށެވެ. ތާރުއަޅަން ނިންމާފައިވާ މަގުތަކުގެ ތެރޭގައި ރަށުގެ ބައެއް ބޮޑެތި މަގުތަކުގެ އިތުރުން ކުދި ހިމަ ގޯޅިތައްވެސް ހިމެނެއެވެ.

ރަށުގެ ފުޅާ ބޮޑެތި މަގުތަކުގައި ދެފަރާތުގައި ތާރުއަޅާ ލެވެލްއަށް ވުރެ މައްޗަށް އުފުލާއިގެން ހިނގުމަށް ދުވާރު ހެދުން އެއީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް އެފަދަ މަގުތަކުގައި ވެސް ބޭނުން ނެތްވަރަށް ދުވާރު ފުޅާކުރުމަކީ ބޭކާރުކަމެކެވެ. ސަބަބަކީ މަގަށް ލިބޭ ޖާގަ ކުޑަވުމެވެ.

ކިތަންމެ ހަނި ގޯޅިއެއްގައި ވެސް ދެފަރާތުން މަގަށްވުރެ މައްޗަށް އުފުލައިގެން ދުވާރެއް ހަދަން ޖެހޭބާއެވެ؟ މިއީ އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑަށް އުފެދުނު އެއް ސުވާލެވެ. ފަނަރަ ފޫޓުވަރުގެ ނުވަތަ އެއަށްވުރެ ވެސް ހަނި ގޯޅިގަނޑެއްގައި ދެފަރާތުގައި މަގަށްވުރެ އުސްކޮށް، ދުވާރެއްގެ މަގުސަދު ވެސް ހާސިލުނުވާވަރު ދުވާރެއް ހެދުމަކީ މަގަށް ލިބޭ ޖާގަ ވަރަށްބޮޑަށް ކުޑަވެގެންދާ ކަމެކެވެ.

ކޮންމެ މަގެއްގައި ދުވާރެއް ލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޖާގަކުޑަ ހަނި ގޯޅުތަކުގައި މަގާ އެއް ހަމައަކަށް ދުވާރު ބެހެއްޓުމުން ދުވާރުވެސް ހެދުނީއެވެ. އަދި މަގަކަށް ވެސް ކުޑައެއް ނުވާނެއެވެ. ދުވާރެއް ވިއްޔާ ކޮންމެ ހެން މަގަށްވުރެ ފޫޓެއް މައްޗަށް އުފުލެންޖެހޭނެ ހެއްޔެވެ.

ޑިވައިޑާގެ މައްސަލައަށް ވެސް އެއްޗެއް ބުނެލުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ދެކެމެވެ. ރަށުގެ ބޮޑެތި މަގުތަކުގެ މެދުގައި އެއް މީޓަރު ފުޅާ ރޯޑު ޑިވައިޑާ ޖެހުމަކީ ހަމަ އެންމެ ރަނގަޅު ވިސްނުން ބާއެވެ. ބޮޑެތި މަގުތައް ކަމުގައި ނަން ކުރެވުނަސް މި ދެއްކެނީ ނިސްބަތުން ކުދި މަގުތަކެއްގެ ވާހަކައެވެ. މިފަދަ މަގުތަކެއްގައި މީޓަރެއްހާ ފުޅާ ޑިވައިޑާއެއް ޖަހައިގެން މަގަށްލިބޭ ޖާގަ ކުޑަކުރުމަކީ ކިހާ ބޭކާރު ކަމެއް ހެއްޔެވެ. ޑިވައިޑާއެއް ކޮންމެހެން ޖަހަން ބޭނުންނަމަ ފޫޓެއްވަރު ފުޅާކޮސް ވެސް އެ ޖަހާފައި ބެހެއްޓިދާނެ ނޫން ތޯއެވެ. އޭރުންވެސް ޑިވައިޑާގެ މަޤުޞަދު އެބަ ހާސިލުވޭ ނޫންތޯއެވެ.

ރޯޑް ޑިވައިޑާގެ ވާހަކަ ދައްކާނަމަ ހަނިމާދޫ ކާނޭޝަން މަގުގެ ވާހަކަ އެބަ ދައްކަން ޖެހެއެވެ. ކާނޭޝަން މަގަކީ ހަނިމާދޫގެ ކުޅިވަރު ކުޅޭބިމާ އިންވެގެން އޮންނަ މެގެވެ. ކުޅިވަރު ކުޅޭ ބިމުގައި ބޮޑު ދެ ފުޓްބޯޅަދަނޑު ގެ އިތުރުން ފުޓްސަލް ދަނޑު އޮންނަ އިރު، އެތަނުގައި މުބާރާތެއް ކުރިއަށްދާނަމަ ކުޅިވަރު ކުޅުމަށާއި، އެ ބަލަންދާ އެންމެންގެ ސައިކަލް ޕާކުކުރަން ޖެހޭނީ އެ މަގުގެ އަރިމަތީގައެވެ. މަގުގެ ކޮންމެ ފަޅިއަކަސް ފަސް ފޫޓު ފުޅާ ދުވާރެއް ލާފައި އަދި މެދުގައި ތިންފޫޓޫ ފުޅާ ރޯޑް ޑިވައިޑާރ ޖެހުމުން އެ މަގުގެ ކޮންމެ ފަރާތަކަށް ލިބެނީ އެގާރަފޫޓެވެ.

މަގުގެ އަރިމަތީގައި ސައިކަލެއް ޕާކުކޮށްފިނަމަ ދެން އިތުރު ވެހިކަލަކަށް އެތަނުން ދަތުރެއް ނުކުރެވޭނެއެވެ. މުބާރާތެއް ކުރިއަށްދާނަމަ ދަނޑަށް އެމްބިއުލާންސްފަދަ ވެހިކަލްތައް ވައްދަން ޖެހޭނެއެވެ. ނަމަވެސް ކަމެއް ދިމާވަގެން އެމްބިއުލާންސް ނުކުންނަން ޖެހޭހާލަތުގައި މަގުގައި އެންމެ ސައިކަލެއް ޕާކުކޮށްފައި ހުރި ނަމަވެސް އެތަނުން ދަތުރެއް ނުކުރެވޭނެކަމީ ފެންނަން އޮތް ހަޤީޤަތެވެ.

މަގަށް ލިބޭ ޖާގަ ތަނަވަސް ކުރެވެން އޮތްހައި ގޮތަކަށް ބަލަންޖެހެނީ މަގު ބޭނުން ކުރެވެނީ ހަމަ އެކަނި ދުއްވާ އެއްޗެހި ދުއްވާ އަދި ހިނގާ މީހުން ހިނގާކަށް އެކަނި ނޫން ކަމަށްވާތީއެވެ. ދުއްވަން ބޭނުންކުރާ ހުރިހައި އުޅަނދެއް ވެސް ޕާކުކުރަން ޖެހޭނީ ހަމަ އެ މަގުތަކުގެ އަރިމަތީގައެވެ. ކޮންމެ ގެއެއްގެ ކުރިމަތީގައި ޕާކިން ޒޯނެއް ނޯވެއެވެ. ނުވިތާކަށް މިހާރު ތާރުއަޅަން ހަމަޖެހިފައިވާ އެއްވެސް މަގެއްގައި ޕާކުކުރާނެ ޖާގައެއް ހެދިފައި ވެސް ނުވެއެވެ. ވުމާއިއެކު މަގުގެ އަރިމަތީގައި ސައިކަލެއް ނުވަތަ ކާރެއް ޕާކުކޮށްލާއިރަށް މަގުބެދެން ވެއްޖެނަމަ މަގު ބޭނުން ކުރާ މީހުންނަށް ކިހާބޮޑު ތަކުލީފެއް ހެއްޔެވެ.

ބައެއް ގެ ތައް މަގަށްވުރެ އެތައް ފޫޓެއް އުހެވެ. އަނެއްބައި ގެތައް މަގަށްވުރެ އެތައް ފޫޓެއް އަޑިއެވެ. އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި މަގު ހެދުމުގައި މަގުގެ ފެން ހިންދުމަށް ހެދިފައިވާ ފެނުގެ ނިޒާމް ވަކި ގޮތަކަށް ތައްޔާރުކުރާއިރު މިކަހަލަ ކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ގެތައް މިހާއުސްވެފައި އަނެއްބައި ގެތައް މިހައު އަޑިވެފައި ހުރުމުން މަގުގެ ކާނުތަކާއި ފެންހިދުމުގެ ނިޒާމު ފަރުމާ ކުރުމުގައި ދިރާސާ ކުރެވިފައިވާ މިންވަރާމެދު ސުވާލު އުފެދެއެވެ.

މަގުތަކުގައި ތާރުއަޅާ ނިމުމުން ބަދަލެއް ގެންނަން ވެއްޖެނަމަ އެކަމަކީ ނުވާނެ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވުމާއެކު މަގުތަށް ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން ހަދާއިރު ދިމާވެދާނެ ދަތިތަކަށް ބަލަންޖެހެއެވެ. ބިނާކުރުވަނިވި ބަދަލެއް ގެންނަން ޖެހޭތަނެއް ނަމަ އެ ބަދަލެއް ގެނެސް މަޝްރޫޢު ނިންމުމަކީ އެންމެ ފައިދާބޮޑު ގޮތެވެ.

މިވަގުތު އިސްލާހު ނުކޮށްފިނަމަ މުސްތަޤުބަލުގައި އިތުރު ތުރާލެއް ކުރިމަތިވާނީ މިމަގުތައް ބޭނުންކުރަން ތިބި ހަނިމާދޫގައި ދިރިއުޅޭ އަދި ހަނިމާދޫއަށް އަރާ ފައިބާ މީހުންނަށެވެ. މިލިޔަނުން މިލިޔަނުން ރުފިޔާ ހަރަދުކޮށްގެން ކަމެއްކުރާއިރު އެކަމެއް ކުރަންވާނީ ދުރު މުސްތަޤުބަލުގައި އެއިގެ ފައިދާ ކުރަނިވި ގޮތަކަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި