ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ލެޕްރޮޓޮމީ އޮޕަރޭޝަނެއް ކޮށްފިކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ލެޕްރޮޓޮމީ އޮޕަރޭޝަނެއް، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކަމާއި އެކު ކޮށްފިކަމަށެވެ.

Ad
rt

މި އޮޕަރޭޝަނުގައި އަންހެނެއްގެ ބަނޑުގެ ތިރިން ކަފާލައި އޯވަރީ އަށް ދިމާވެފައިވާ މައްސަލަ ރަނގަޅުކޮށް އަލުން އޯވަރީ އޭގެ މަހައްލަށް ރުޖޫއަކޮށްފައި ވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ވަނީ މި ކާމިޔާބީ ފާހަގަކޮށް އެކަމުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމަށާއި، ހޮސްޕިޓަލްގެ ތިއޭޓަރ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

މި އޮޕަރޭޝަނަކީ އެ ހޮސްޕިޓަލްގައި މިހާތަނަށްކުރި މިފަދަ އެންމެ ބޮޑު ތަޖުރިބާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނ. އަތޮޅު ހޮސްޕިޓަލުން ކާމިޔާބު ކަމާއި އެކު ލެޕްރޮޓޮމީ އޮޕަރޭޝަނެއް ކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގައި ވަނީ ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގައިފައެވެ.

އެ ހޮސްޕިޓަލްގެ ތާރީޚްގައި ނެގުނު އެންމެ ބޮޑު ސިސްޓުގެ ގޮތުގައި އެ ސިސްޓު ފާހަގަ ކުރެވިފައި ވާއިރު، އެ އޮޕަރޭޝަންގައި ވަނީ އިތުރު ސިސްޓެއްވެސް ނަގައިފައެވެ. އެ ގޮތުން ބޮޑު ސިސްޓުގައި 11/10 ސެންޓި މީޓަރ ހުރިއިރު، ކުޑަ ސިސްޓުގައި 2/2 ސެންޓި މީޓަރ ހުއްޓެވެ.