ދިވެހި ސިފައިންގެ ޚިދުމަތް މުޅި ދިވެހި ޤައުމު ބަލައިގަންނާނެ ކަމަށް ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންނާއި ބައްދަލުކުރެއްވުމަށް މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ މިރޭ ދިވެހި ސިފައިންނާއި ބައްދަލި ކުރައްވައި ކޯވިޑް ބަލިމަޑުކަމުގައި ސިފައިންދެއްކި އާދަޔާޚިލާފް ގަދަ ހިތްވަރު ފާހަގަކުރައްވައި ވިދާޅުވީ ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، މިހާތަނަށް ކުރި މަސައްކަތުގައްޔާއި، އަދި މިހާރު ކުރައްވަމުންދާ މަސައްކަތުގައި ވެސް، ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލުކަމާއި، ޤައުމަށް ޚިދުމަތް ކުރުމުގައި، އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބިކަން ކަމުގައެވެ.

މިކަމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މާތް اللهُ ގެ ވާގިފުޅާއެކު، އެ ހުރަސްތައް ގިރާކޮށް، މިއަދު މިތިބަ ޙާލަތަށް އާދެވުމުގައި، ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑުކަން އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ. އިތުރަށް އެ މަނިކުފާނު ވިދާޅުވެފައިވަނީ ދިވެހި ސިފައިންނަކީ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާޢީ އައްޑަނަ ކަމުގައެވެ. މިކަންކަމުން އެނގި ހާމަވެގެން ދަނީ ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި، ރައްޔިތުންނަށްޓަކައި ޤުރްބާންވުމަށް ދިވެހި ސިފައިންގެ ހިތުގައި އޮތް އަޒުމާއި ހިތްވަރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ ތަރައްޤީ ކުރުމާއިގެން ކުރިއަށް ދަނީ، މި ޤައުމުގެ ދިފާޢީ މައި ތަނބަކީ ދިވެހި ޢަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށް ވިދާޅުވިއެވެ. އަދި، ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި، ފަންނީ ގޮތުންނާއި، އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ގޮތުންވެސް، ސިފަވަންތަ ބަޔަކަށް ހެދުމަށް، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސިފައިންގެ ވެލްފެއަރގެ ކަންތައްވެސް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ސަރުކާރުން އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމަށް ކުރިމަތިވި ދަތިއުނދަގޫ ޙާލަތުގައި ސިފައިން އަދާކުރެއްވި ދައުރަކީ އެކަމުގައި ހުރި ނުރައްކާތެރިކަމާއި ދަތިކަން، ވަރަށް ރަނގަޅަށް އެނގި ތިއްބަވައިގެން އަމިއްލަ ހަށިގަނޑާއި ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ބެއްލެވުމެއް ނެތި ދިވެހި ސިފައިންނާއި މަތިކުރެވިފައިވާ، ޤައުމީ، ދީނީ އަދި ޤާނޫނީ ވާޖިބު ފުރިހަމަކުރުމުގެ ގޮތުން އަދާކުރެއްވި ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި ސިފައިންގެ ވެރިންނާއި ސިފައިންގެ ހުރިހާ ޔުނިޓްތަކުގެ ހުރިހާ ރޭންކުތަކުގެ ވަކިވަކި ސިފައިން ޝާމިލުވާ ގޮތަށް، ދިވެހި ރައްޔިތުންގެ ނަމުގައި، ސިފައިންނަށް، ވަރަށް ޚާއްޞަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ. އަދި، މި ދަތި އުނދަގޫ ޙާލަތުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ސާބިތުވެ ތިއްބެވި ކެތްތެރިކަން ފާހަގަކުރައްވައި، އެ ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.