ކޯވިޑް-19: ބަންގްލަދޭޝްގައި ބަލި ކޮންޓްރޯލް ނުވެ ލިސްޓްގެ 18 ވަނާގައި!

daka

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް19 ކޮންޓްރޯލް ނުވެ، 18 ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ގައުމުގެ ގޮތުގައި ބަންގްލަދޭޝް ވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ގެނެސްދޭ މަސްދަރުތައް ހާމަކުރާ ގޮތުން ބަންގްލަދޭޝް މިހާރު ހިމެނިފައިވަނީ މިބަލި ޖެހުނު މީހުން، އެންމެ ގިނައިން ތިބި 18 ވަނަ ޤައުމުގެ ގޮތުގައިއެވެ. އެ ޤައުމުން އިއްޔެވެސް ވަނީ 3,288 މީހުން ޕޮޒިޓިވް ވެފައެވެ. އަދި މިމަހުގެ 3 ވަނަ ދުވަހުވެސް އެ ޤައުމުން ވަނީ އަލަށް 3,114 މީހުންނަށް މިބަލި ޖެހިފައެވެ.

މިހާތަނަށް ބަންގްލަދޭޝްގެ 159,679 މީހަކަށް މިބަލި ޖެހިފައިވާއިރު، 70,721 މީހުން ވަނީ މިބަލިން ފަސޭހަ ވެފައެވެ. މިބަލީގައި އެ ޤައުމުން  މަރުވެފައިވަނީ 1,997 މީހުންނެވެ.

އެ ޤައުމުން ފުރަތަމަ ކޯވިޑް ކޭސްތައް ރެކޯޑް ކުރެވިފައި ވަނީ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހު 35 ކޭހެއް ރިޕޯޓްކޮށްފައި ވެއެވެ. އެ ޤައުމުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ މި ޖުލައި މަހުގެ 2 ވަނަ ދުވަހެވެ. އެދުވަހު އެ ޤައުމުން 4019 ކޭސް އަލަށް ރިޕޯޓް ކޮށްފައިވެއެވެ.

އަވަށްޓެރި އިންޑިއާގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް ބަލި ކޮންޓްރޯލް ވުމެއްނެތި ދަނީ ފެތުރެމުންނެވެ. ދުނިޔޭގެ އެންމެ ގިނައިން ބަލި ޖެހުނު މީހުން ތިބި ޤައުމުތަކުގެ ލިސްޓްގެ 4 ވަނާގައި އެ ޤައުމު އޮތްއިރު އިއްޔެވެސް ވަނީ އެ ޤައުމުގެ 24,015 މީހުންނަށް މި ބަލި ޖެހިފައެވެ. މިހާތަނަށް އެ ޤައުމުގެ 673,904 މީހުންނަށް މިބަލިޖެހި، 152,309 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ. އަދި 19,279 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

މި ބަލީގައި ދުނިޔެއިން 11,380,549 މީހުންނަށް ވަނީ ޖެހިފައެވެ. 6,439,622 މީހުން މި ބަލިން ރަނގަޅުވެ، އަދި 533,449 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި