ހަނިމާދޫގައި ކޮންޓްރަކްޝަން މަސައްކަތުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ބީތްރީ ކޮންޓްރަކްޝަން ކޮމްޕެނީގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަނިމާދޫގައި "ބްރޭކް ޓައިމް" ގެ ނަމުގައި ރަނގަޅު ފެންވަރުގެ ހިތްގައިމު ކެފޭއެއް ހުޅުވައިފިއެވެ.
26 ޖޫން 2020 ވަނަ ދުވަހުގެ ރޭ ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ މި ކެފޭއަކީ ދެ ފަންގިފިލާ ހިމެނޭގޮތަށް އިމާރާތް ކުރެވިފައިވާ ތަނެކެވެ. މިތަން ތަރައްޤީ ކުރެވިފައިވަނީ ކެފޭއަކާއިއެކު ބޭކަރީގެ ޚިދުމަތް ވެސް ހިމެނޭގޮތަށެވެ.

އެއްފަހަރާ 150 މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭހާ ޖާގައިގެ ގޮތުން ތަނަވަސް މި ކެފޭއިން ކޮފީގެ ގިނަ ބާވަތްތަކެއް ލިބެން ހުރެއެވެ. މިތަނުން ލިބެން ހުންނަ ކޮފީތަކުގެ ތެރޭގައި ލަވާޒާ ބުލެކް، ލަވާޒާ މިލްކް، އިލީ ބުލެކް، އިލީ މިލްކު، އެކްސްޕްރެއްސޯ، ލާޓޭ، ނެސްކެފޭ ބުލެކް، ނެސްކެފޭ، މިލްކު ފަދަ ކޮފީތައް ހިމެނެއެވެ. މީގެއިތުރުން އާންމުކޮށް ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ހުރިހާ ބާވަތްތަކުގެ ކެއުންތަކާއި، އަދި ޕޮޕްކޯނާއި އައިސްކްރީމްގެ ވައްތަރުތަކާއި، ގިނަބާވަތްތަކެއްގެ ފުރެޝް ޖޫސްތައް ވެސް މިތަނުން ލިބެން ހުރެއެވެ.
ހަނިމާދޫއަކީ ގިނަ ގެސްޓް ހައުސްތަކެއް އިމާރާތް ކުރެވެމުންދާ ރަށަކަށްވެފައި އަދި މިހާރުވެސް ސިޓީ ހޮޓަލެއް ރަށުގައި ހުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ މުސްތަގުބަލު އޮތްރަށަކަށް ވެފައި މި ކެފޭގައި ފަތުރުވެރިންނަށް ހާއްސަ މެނޫތައް ވެސް ހިމެނެއެވެ.

މި ކެފޭ ފަރުމާކޮށްފައި ވަނީ އެއްފަހަރާ 24 މީހުންނަށް ވީއައިޕީގެ ޚިދުމަތް ފޯރުކޮށްދެވޭ ވަރުގެ ވީއައިޕީ ކޮޓަރިއަކާއިއެކު ކައިވެނީގެ ހަފްލާތަކާއި، އެކިކަހަލަ ބައްދަލުވުންތަކާއި، އާއިލީ ކެއުންތައްފަދަ ހަރަކާތްތައް ވެސް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނޭފަދަ ގޮތަކަށެވެ.
ކޮންމެ ދުވަހަކު ވެސް ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 01:00 އަށް ހުޅުވިފައި ހުންނަ މި ކެފޭ ހުންނަނީ ހަނިމާދޫ ކާނޭޝަން މަގުގައި، ހަނިމާދޫގެ ރަސްމީ ކުޅިވަރުބިމުގައި ހިނގާ ހަރަކާތްތައް ކެފޭގައި ތިބެގެން ބަލައިލެވޭނޭ ފަދަ ހިތްގައިމު ސަރަހައްދެއްގައެވެ. ޖުމްލަ ބާރަ މުވައްޒަފުން މަސައްކަތް ކުރާ މި ކެފޭގައި ވޭޓަރުންގެ ގޮތުގައި މުޅިންވެސް މަސައްކަތް ކުރަނީ ދިވެހިންނެވެ.

ބީތްރީ ކޮންޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ 07 އޮކްޓޯބަރ 2008 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ހަނިމާދޫގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!