ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ދުވާލަކު 1000 މީހުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަލުން ރާއްޖޭގެ ބޯޑަރ ހުޅުވާލާއިރު ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެކި ޤައުމުތަކުން އެ ޤައުމުތަކުން އެހެން ޤައުމުތަކަށް ދަތުރުކުރުމަށް އުސޫލުތަކެއް ހަމަޖައްސާފައި ހުރިއިރު، ރާއްޖެއަށް ދަތުރުކުރާ ޤައުމުތަކުގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާނީ އެ ޤައުމުތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިގޮތުން ޗައިނާ ޓޫރިސްޓުން ރާއްޖެ ގެނައުމާއިމެދު މަޝްވަރާ ކުރަށްވާފައިވާ ކަމަށާއި، އެ ޤައުމުން ބޭނުންވަނީ އަނބުރާ އެ ޤައުމުގެ ރައްޔިތުން ޤައުމަށްދާއިރު 4 ދުވަސް ކުރިން ކޯވިޑަށް ޓެސްޓުކޮށް ޕޮޒިޓިވްކަމުގެ ޕީސީއާރު ޓެސްޓެއްގެ ނަތީޖާއެއް އޮންނަން ކަމަށެވެ. އެގޮތަށް ރާއްޖެއިން އެއްބަސްވެ އެ ޔަޤީންކަން ދީފައިވާނެ ކަމަށާއި، އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން ފޮނުވާނެ ކަމަށް ޔަޤީންކަން ލިބިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން މާލޭ އިބްރާޙީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ދުވާލަކު 1000 މީހުން ޓެސްޓް ކުރެވޭނެ އިންތިޒާމު ޗައިނާ ސަރުކާރުން ހަމަޖައްސަވަމުން މިހާރު ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަތިތަކާއިއެކުވެސް މިއަހަރު އަށްލަކަށްއަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކުރަށްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިއަދު ވަނީ އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ޤައުމުތަކަށް ހުޅުލާނެކަމަށް ޢިއުލާން ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!