ހއ. އަތޮޅު ކައުންސިލް ނައިބު ރައީސް އަލީ ޝަމީމްގެ ސައިކަލު ރޯކޮށްލާ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
މިކަމާއި ގުޅިގެން "ތިލަދުން" އަށް އިތުރު މަޢުލޫމާތު ދެއްވަމުން އަލީ ޝަމީމް ބުނެފައިވަނީ މިއީ ރޭގެ ދަނވަރުގެ ވަގުތެއްގައި ބަޔަކު ގަސްދުގައި ދިން ގެއްލުމެއްކަމަށެވެ. ސައިކަލުގައި ހުޅު ޖެހުމުގެ ސަބަބުން ސައިކަލާއި އިންވެގެންހުރި ބައިސްކަލެއްވެސް ގެއްލުންވެފައިވާކަމަށާއި އަދި ސައިކަލު ބަަހައްޓާފައިހުރި އަނބުގަހެއްގެ ދަށުގައިކަމުން އަނބުގަހުގެ އެއްފަޅިވެސް ވަނީ އަނދާފަކަމަށް އަލީ ޝަމީމް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލައެއް ރޭ ފަތިހުގެ ވަގުތެއްގައި ހުށައެޅިފައިވާކަމަށާއި މިމައްސަލަ އިތުރަށް ތަޙުޤީގު ކުރަމުން ދާކަމަށެވެ.
މީގެ އިތުރުން ޝަމީމް ބުނެފައިވަނީ މިއީ ގޭގައި ހުޅު ޖެހުންފަދަ އަމަލެއްކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ. ސައިކަލުގައި ރޯކޮށްލާފައިވާކަން އިނގުނީ ފަތިސްނަމާދަށް ދާން ތެދުވަން ވަގުތު ކަމަށެވެ. މިހާރު މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބާރަށު ޕޮލިސްޓޭޝަންއިން ބަލަމުން އަންނަކަމަށް ޝަމީމްބުނެއެވެ.
ޝަމީމް އިތުރަށް ބުނީ މިދިޔަ ރޯދަމަހުވެސް އޭނާގެ ސައިކަލަށް ބަޔަކު ގެއްލުން ދީފައިވާކަމަށާއި އެގޮތުން ފަހަތު ފުރޮޅުގެ ބޯލްޓް ނައްޓާލާފައިވާކަމަށާއި ސައިލެންސަރަށްވެސް ގެއްލުންތަކެއް ދީފައިވާކަން ފާހަގަ ކުރެވޭކަމަށެވެ. އަދި މިއީ ބަޔަކު ގަސްތުގައި ދީފައިވާ ގެއްލުމެއްކަމަށް ބެލެވޭކަމަށް ޝަމީމް ފާހަގަކުރިއެވެ. މިފަދަ ގެއްލުންތަކެއް ދީފައިވުމުން ފަހަކަށް އައިސް ސައިކަލު ބޭރުގައި ނުބަހައްޓާކަމަށް ބުނެފައިވެއެވެ.
އަވައްޓެރިންނާއި ކައިރި ހިސާބުގައި ދިރިއުޅޭ ފަރާތްތަކުގެ ވާހަކަ ތަކަށް ބަލާއިރު މިކަމެއް ކޮށްފައިވަނީ ރޭ 3 ޖަހާއިރުކަމަށް ބެލެވޭކަމަށް ޝަމީމް ބުނެފައިވެއެވެ. އެސަރަހައްދުގައި އުޅޭފަރާތްތަކާއި ހަވާލާދީ ޝަމީމް ބުނެފައިވަނީ ދަންވަރު 3 ޖެހިއިރު އާދަޔާ ހިލާފު ވަހެއް އަދި އަލިކަމެއް އެސަރަހައްދުން ފެނިފައިވާކަމަށް އެމީހުންގެ ވާހަކައިން އިނގޭކަމަށެވެ.
އަލީ ޝަމީމް އަކީ މީގެ ކުރިން އެމްޑީޕީގައި ވަރަށް އިސްކޮން ހަރަކާތްތެރިވުމަށް ފަހު ޕީޕީއެމް އަށް ދާދިފަހުން ވަދެފައިވާ ބޭފުޅެކެވެ. މީގެ ކުރިންވެސް ޝަމީމްގެ އާއިލާއަށް އަމާޒުކޮށް ވަނީ ގެއްލުންތަކެއް ދީފައެވެ. އެގޮތުން އެއިނާގެ ކޮއްކޮގެ ސައިކަލުވެސް ވަނީ ރޯކޮށްލާފައެވެ. އަދި2011 ވަނަ އަހަރު އެއިނާގެ ބައްޕަގެ ދޯންޏާއެކު ހަރުގެއެއް ވަނީ އަންދާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!