ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމް ވިނަކޮށާ މެޝިނެއް ހަދައިފިއެވެ.

އަޝްހަމް އެ މެޝިން ހަދާފައިވަނީ ގޮނޑަށް އުކާލާފައިއޮތް ބްލެންޑަރެއް ނުވަތަ މިކްސަރެއްގެ މޯޓަރުބައި މަރާމާތުކޮށްގެންނެވެ. އަދި ވިނަ ކޮށާ ތިލަ ހަދާފައިވަނީ 2 ވަޅި ދެކޮޅަށް ބައިންދައި ވެލްޑިންކޮށްގެންނެވެ.

Ad
rt

ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގައި އުޅެމުން އަންނަ އަޝްހަމް ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ބަރުދަނުގެ ވެންޓިލޭޓަރެއް 7 ދުވަސް ތެރޭގައި އުފެއްދީ މިމަހުގެ ކުރީ ކޮޅުގައެވެ. އަޝްހަމް މިފަހަރު އުފެއްދި ވިނަކޮށާ މެޝިން ހަދަން ހޭދަވީ ތިން ދުވަހެވެ.

އަޝްހަމްގެ އެ މަސައްކަތަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ގުޅުއްވައި ހިތްވަރު ދެއްވާފައެވެ. އަޝްހަމަށް ފެނަކަގެ ގެ އެމްޑީ އަހުމަދު ސައީދުވެސް ވަނީ ގުޅުއްވައި، މުސްތަގުބަލަށް ހިތްވަރުދެއްވައި ފެނަކައިން ވަޒީފާގެ ފުރުޞަތު ހުށަހަޅާފައެވެ. މީގެ އިތުރުން ޕްރޮފެސަރ އުގައިލުވެސް ވަނީ އަޝްހަމަށް ގުޅުއްވައި ހިތްވަރު ދެއްވާފައެވެ. އަދި އަޝްހަމްގެ އުފަންރަށް، ށ ގޮއިދޫ ކައުންސިލްގެ ފަރާތުން ވެސް ވަނީ އަޝްހަމަށް ހިތްވަރުދީފައެވެ.