ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފިއެވެ.
ހެދިފައި ހުރި ގާނޫނުތަކުން އަންހެނުންނަށް ހަމަ ހަމަ ފުރުސަތާއި ބާރު ލިބި ނުދެވޭ ތީވެ އަންހެނުންނާއި މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ދެނެގަތުމަށް އެދި ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރުގެ އިބްތިދާއީބަހުސް ފަށްޓަވައި ބަހުސްކުރެއްވުމަށްފަހު ޤަރާރު މަޖިލީހުން ބަލައިގަތުމަށް ވަނީ ފާސްކުރެވިފައެވެ.
އެ ގަރާރުގައި ވަނީ އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންނާއި މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އެކި ގޮތް ގޮތުން އެތައް މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ ގާނޫނާ ގަވާއިދުތަކުގެ ތެރެއިން އަންހެނުންނަށް ލިބިދޭ ހަމަހަމަކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަންކަން ދެނެގަތުމަށް ގަރާރުގައި ވަނީ ހިމަނާފައެވެ.
ގަރާރާ ބެހޭގޮތުން އީވާ އަބްދުﷲ ވިދާޅުވީ ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއިން ޕާލިމެންޓްރީ އިންކުއަރީއެއް ހަދަައި. އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހުކުރަން ޖެހޭ ކަންކަން ބަޔާންކޮށް އެކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މި ގަރާރުގައި ވާނެކަމަށް އީވާ ވިދާޅުވިއެވެ.
އިތުރަށް ގަރާރާއި ބެހޭގޮތުން ބަހުސް މަރުހަލަގައި ވިދާޅުވީ އަންހެނުުންނާއި ފިރިހެނުންގެ ވާހަކަ ގާނޫނުއަސާސީގައިވެސް ލިޔެވިއްޖެ ކަމަށާއި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމަށް ގޮވާލާ އެތައް ގާނޫނެއް ހަމަހަމަ ކަމަށް ބާރުދޭގޮތަށް ފާސް ކުރެވިފައިވާ ވާކަމަށް އީވާ ވިދާޅުވިއެވެ.
އެހެންނަމަވެސް ރާއްޖޭގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމާ ގާތައްވެސް ނުދެވޭކަން ރައްޔިތުންގެ މަޖިލީހަސް ބަލާލީމާ ފެންނަ ކަމަށެވެ.
މައްސަލަ ކޯޓަށް ހުށަނޭޅެނީ ނުވަތަ ނުބެލެނީ އަންހެނުންނަށް މައްސަލަ ދިމާނުވާތީ ނޫން ކަން އެންމެނަށްވެސް އެނގޭނެ ކަމަށް ގަރާރަށް އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުން އީވާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!