ގަވައިދާއި ހިލާފަށް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަމަށް، ބުނެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، (އާކް) އިން އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައިވާ ގޮތުން ގެސްޓްހައުސްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ނުވަތަ އެކްސްޕްލޮއިޓޭޝަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ވަނީ ގޮވާލައްވާފައެވެ.

Ad
rt

އަދި މީގެ އިތުރުން އެކްސްޕްލޮއިޓް ކުރުމުގެ މަގުސަދުގައި ކުޑަކުދިން އެއް ރަށުން އަނެއް ރަށަށް ގެންދާކަމަށާއި ރިޕޯޓްކުރެވޭ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށާއި، އިންސާނީ ވަގުފާރިން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ދަތުރުފަތުރުކުރުމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށް ޖެހޭކަމަށް އާކްގެ ނޫސްބަޔާނުގަވެއެވެ.

އާކު އިން ބުނެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި ގެސްޓްހައުސްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން ގަވާއިދުން މޮނިޓާ ނުކުރެވޭކަމަށެވެ. އަދި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރަމުންދާކަން ފާހަގަކުރެވިފައިިވާ ކަމަށެވެ.

އުމުރުން 11 އަހަރާއި 16 އަހަރުގެ ދެ ކުއްޖެއް މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ރޭޕްކުރި މައްސަލަތަކާ ގުޅޭގޮތުން އާކް ބަޔާނުގައިވަނީ މި ދެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް 2019 އަހަރު ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122، 123، 124، 125 އަދި 126 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައިފައެވެ.

އެ މާއްދާތަކުގައި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށާއި، ގްރޫމްކުރުމުގެ ކުށާއި، ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި ކުޑަކުއްޖަކު އަނިޔާގެ އަމަލަކުން ސަލާމަތްކުރުމުގައި އިހުމާލުވުން އަދި ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅާފައިވެއެވެ.

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގައި ބެލެނިވެރިންނާއި މުޖުތަމައުން އިތުރު ސަމާލުކަން ދިނުން ވަރަށް މުހިއްމުކަމަށާއި ކުޑަކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަމަށް ޝައްކު ކުރެވޭނަމަ ލަސްނުކޮށް ޗައިލްޑް ހެލްޕްލައިން 1412 ނުވަތަ ފުލުހުންގެ ހެލްޕްލައިން 3000600 އަށް ރިޕޯޓްކުރުމަށް އާކުން ވަނީ އިލްތިމާސްކޮށްފައެވެ.