ހދ. ކުމުންދޫ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން މިއަދު ޖަނަނޭޓަރ ސެޓެއް އެރަށަށް ފޮނުވައިފިއެވެ.

ފެނަކައިން އެ ރަށަށް ޖަނަނޭޓަރ ސެޓެއް ފޮނުވާފައިވާކަން ހާމަކުރަށްވައި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް ފެނަކައިން ޖަނަނޭޓަރ ސެޓެއް ފޮނުވާފައި ވާކަމަށެވެ.

Ad
rt

އަމީން ވިދާޅުވީ ފެނަކައިން މިއަދު އެރަށަށް ފޮނުވާފައިވަނީ 400 ކިލޯ ވޯޓުގެ ޖަނަނޭޓަރ ސެޓެއް ކަމަށެވެ.

އެކަމަށްޓަކައި އަމީންވަނީ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އަށާއި، ރައީސް ޞާލިޙަށާއި، ފެނަކައިގެ އެމްޑީ ސައީދުގެ އިތުރުން ފެނަކައަށް ޝުކުރު އަދާކޮށްފައެވެ.

ކުމުންދޫއަށް މިއަދު 400 ކިލޯ ވޯޓުގެ ޖަނަނޭޓަރ ސެޓެއް ލިބިގެން ދިއުމުން އެރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ހުރި ދަތިތައް ހައްލުވެގެން ދާނެއެވެ.

ފެނަކައިން ދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި އެކުންފުނީގެ ފަރާތުން ހިންގަމުންދާ އިންޖީނުގޭތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމަސްކަތުގައި އެކުންފުނިން ވަނީ ބޮޑު ކާމިޔާބެއްވެސް ހޯދާފައެވެ.