ކުޑައިރު މަންމަމެންނާއެކު ހަވީރު ސަޔަށް މާރަންދުއަށް ދާ ދިޔުމަކީ މާރަންދޫގެ އެންމެ ދުރު ހަނދާންތަކެވެ. ހަވީރު ގޮސް އިރުއޮއްސެން ވާއިރަށް އެނބުރި ރަށަށް އަންނާނެއެވެ. މިކަހަލަ ދަތުރުދަތުރަކީ ތަކަންދު އާއި މާރަންދޫ އަންހެނުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އިޖުތިމާޢީ ކަންކަމެވެ. އެއްރަށެއްގައި ޚާއްޞަކަމެއް އޮތިއްޔާ ނުވަތަ ކުޅިވަރެއް އެއްޗެއް ކުޅެންޏާ އަނެއް ރަށުމީހުން ނާންނާނޭކަމަށް ބަލައިގެން ތިބުމަކީ މޮޔަކަމެކެވެ. ގިނަ ފަހަރަށް މިކަހަލަ ކޮންމެ ކަމަކަށް އަނެއްމީހުނަށް އޮންނާނީ ސިއްރުގައި ވިޔަސް، ފާޅުގައި ވިޔަސް ބަރާބަރަށް ދަޢުވަތު ދެވިފައެވެ. މާރަންދު މީހުނަށް ވުރެ ވަކިން ހިތްތިރި، ހިތްހެޔޮ، އުފާވެރި ބަޔަކު އަޅުގަނޑެއް ނުދަންނަމެވެ. މިދެރަށުގެ ގުޅުމަކީ ތާރީޚީ، ޠަބީޢީ، މަތިވެރި ގާތް ގުޅުމެކެވެ.
ދެރަށުގެ ގާތްގުޅުމާއި ވާދަވެރިކަމުގެ ތާރީޚުގެ ތަފުސީލުތައް އަޅުގަނޑަށް އެނގެން ފެށީ ތަކަންދޫގެ ތާރީޚް ދިރާސާކުރުގެ "ފީލްޑް ރިސާރޗް" މަސައްކަތުގައި 2008 ވަނަ އަހަރު ތަކަންދޫ މުސްކުޅީންނާއެކު އަޅުގަނޑަށް ހޭދަކުރެވުނު 7 މަސް ދުވަހުގެ ތެރޭގައެވެ. މިމުއްދަތުގައި ހުރިހާ ވަގުތެއްހެން ހޭދަކުރެވުނީ މުސްކުޅީންގެ ގާތުން މަޢުލޫމާތު ހޯދުމާއި، އޮޅުން ފިލުވުމާއި ނޯޓުކުރުމުގައެވެ. ދިވެހި ތާރީޚުގެ ތެރެއަށް މަގުދައްކައި ދިނީ ތަކަންދޫގެ ފަޚުރުވެރި، މުއްސަނދި ތާރީޚެވެ. މީގެތެރެއިން އެކައްޗަކީ ތަކަންދޫގެ އަދަބިއްޔާތެވެ. ޚާއްޞަކޮށް މާރަންދުއާ ބެހޭގޮތުން އެކި ދުވަސްވަރު ހެދިފައި ހުރި ރައިވަރާއި ފަރިއްސެވެ. މިއިން ކޮންމެ އެއްޗެއް ހެދިފައި ހުރީ ދެރަށުގެ ދެމެދުގައި ހިނގާފައި އޮތް ކޮންމެވެސް ހާދިސާއަކަށެވެ. ތަކަންދޫ މުސްކުޅީން ބުނާގޮތުގައި، ތަކަންދުއަކީ ނިކަން ބޮޑެތި ޝާޢިރުންނާއި ޝާޢިރާއިން އުޅުނު ރަށެކެވެ. މިއާއެކު މާރަންދުއަކީ ފަރިހި، ރައިވަރު ކިޔައިއުޅުމަށް މިރާއްޖޭގައި އެންމެ ކުޅަދާނަ މީހުން ތިބި ރަށެކެވެ. ރައިވަރު، ފަރިހި އެއްޗެހި ހަދައި އުޅުމަކަށް ވެސް ވަކި ދެރަވާނޭ ކަމަކަށް ނުފެނެއެވެ.
މީގެ 85 ވަރަކަށް އަހަރު ކުރިން ތަކަންދޫ ބޮޑު މާލޫދަށް ޅެންކިޔަން ނުކީ މައްސަލައިގައި މާރަންދު މީހުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ތިއްބައި، ކުޑަ މާލޫދު ޅެންކިޔަން ކިޔާނަމޭ ކިޔައިފައިމެ ކުޑަމާލޫދުގައި ވެސް އެއްވެސް ކަނަކަށް ނުކީމާ، މާރަންދު މީހުން ތަކަންދޫ މާލޫދު ހަރުގެއިން ވަގުތުން ނުކުމެފައި، އަތްޖަހައި ލަވަކިޔަމުން ރަށުން ފައިބައިގެން ދިޔަ ދިޔުމަކީ ވެސް މާރަންދު މީހުން މިކަމުގައި އަރާހުރި މިންވަރު ބުނެދޭ ކުޑަކުޑަ މިސާލެކެވެ.
ތަކަންދޫ ކޯރުގައި ބޮއްކުރާ ޖަހާފައި ކީ ރައިވަރު
މި ޖޫން މަހުގެ 4 ވަނަ ދުވަހު، ތަކަންދޫ އޮޑިއަޅާ ކޯރުގައި ބޮއްކުރާ ޖަހާފައި ދޮހަމުން ތަކަންދޫ "ބެރު ހަމްނާ" (މޮޅަދު ޢަބްދު ﷲ) ރައިވަރެއް ކިޔާ ވީޑިޔޯއެއް މީސްމީޑިއާގެ ފޭސްބުކުން ފެނިއްޖެއެވެ. އޭނާ އެކިޔަނީ މީގެ 65 ވަރަކަށް އަހަރު ކުރީގައި ތަކަންދޫ އަންހެނުން މާރަންދު އަންހެނުންނަށް ހެދި ރައިވަރެކެވެ. "ބެރު ހަމްނާ" އަކީ ދިވެހި ސަގާފީ ކުޅިވަރުގެ އެދުރެކެވެ. މި ވީޑިޔޯއެއް ފޭސްބުކުގައި ހިއްސާކުރީ، ތަކަންދޫގެ އިޖުތިމާޢީ ހަރަކާތްތެރި އަންހެނެއް ކަމުގައިވާ ޢާޞިމާ ފާރޫޤެވެ. މިކަހަލަ ކަންކަމުގައި ޢާޞިމާގެ އެހީތެރިޔަކީ އޭނާގެ ފިރިހެނުން އައްޔެވެ. ހަމަ މިދުވަހު، މާރަންދޫ ޒަކަރިއްޔާ ކަލޭފާނުގެ ޢާޠިފާ މިރައިވަރާ ބެހޭ ގޮތުން ފޭސްބުކުގައި ލިޔުނު ހިތްގައިމު ލިޔުން ކިޔާފައި އަޅުގަނޑަކަށް ނުހުރެވުނެވެ. މިރައިވަރާ މެދު އެއްޗެއް ދަންނަވާލުމުގެ ހިތްޖެހިއްޖެއެވެ.
މިރައިވަރަކީ އެއްކަމަކަށް ހަދާފައިވާ 5 ރައިވަރެއްގެ ތެރެއިން ފުރަތަމަ ރައިވަރެވެ. މީގެ 65 ވަރަކަށް އަހަރު ކުރީން އެއް އަހަރެއްގެ އީދުގައި މާރަންދު އަންހެނުންގެ އީދުކުޅި ދަފިނަގާތަން ބަލައިލުމަށް ތަކަންދު އަންހެނުން އެރަށަށް ދިޔުމުން ރުޅި މޫނު ދައްކައިފައި، އީދުކުޅި ނުކުޅުނެވެ.
ފުޅިފުޅިން އަތަރުލައި
ގުޅިލަންކަމަށް ދިޔައިމާ
މުޅިއަންހެނުން ރަންދުމާ
ރުޅިމޫނުފާ ދައްކަވާ
ބުޅިކެނޑޭހެން ކަނޑުގެ ވަތަށް
ކުޅިވަރު ލައިފި ފޮށިވަތަށް
ރައިވަރުގެ ދޭހައަކީ، ފުޅިފުޅިން އަތަރުލައިގެން މާރަންދު މީހުނާ ގުޅުން ބަދަހިކޮށްލަން ދިޔައިމާ މާރަންދު އަންހެނުން ރުޅި މޫނު ދައްކާފައި އީދު ދަތްޕެއް ނުނެރުނެވެ. ކަނޑުގެ ވަތަށް ބުޅި ކެނޑޭހެން އީދު ކުޅިވަރު ފޮށިވަތަށް ލީއެވެ.
އެންމެ ގާތް ރަޙުމަތްތެރި ރަށުގެ އުޚުތުން އައުމުން، ރުޅިމޫނު ދައްކާފައި ކުޅިވަރު ނުކުޅުނީ ކީއްވެބާއެވެ؟ އީދުގެ އުފާވެރި ހަވީރެއްގައި ފިސާރި ރީއްޗަށް އެކުވެރިކަން ބަދަހިކޮށްލާން އަޔަތީވެސް ރުޅިމޫނު ދެއްކީ ކީއްވެބާއެވެ؟
ދެރަށުގެ މައްސަލަ
ޒަމާނުއްސުރެ މިދެރަށަކީ ދިރިއުޅުމާއި، ތިމާގެކަމާއި، އަވައްޓެރިކަމާއި، ރައްޓެހި ރަޙުމަތްތެރިކަމުގައި އިންތިހާޔަށް ގާތް އެކުވެރި ދެރަށެވެ. ތަކަންމާރަންދުއޭ ބުނެވެނީ ޠަބީޢީ ގޮތުންނާއި ސަގާފީ ގޮތުންވެސް ދެރަށް ގުޅިލައިމެހިފައިވުން ބޮޑުކަމުންނެވެ. މިގާތްކަމާއެކު ދެބައިމީހުންގެ މެދުގައި މައްސަލަޖެހި ނުތަނަވަސްކަން އުފެދޭ ގޮތް ގޮތަކީ ވެސް އާދަކާދައިގެ ތެރެއިންވާ ކަމެއްކަމުގައި ދަންނަވަން ޖެހެއެވެ. ދެރަށުގެ ދެމެދުގައި އަރާ ފޯރިއެއްގެ ސަބަބާމެދު ތަފާތު ރައުޔުތައް ވެއެވެ. މިއަދަށް (11 ޖޫން 2020 އަށް) ބަރާބަރު 93 އަހަރު ފުރޭ މާރަންދޫ ކަތްދަ ހަސަންބޭ ބުނާގޮތުގައި، އޭނާގެ ހަނދާނަށް ވީއްސުރެ ތަކަންދުއާއި މާރަންދުއާ މައްސަލަ ޖެހޭ މައިގަނޑު ސަބަބަކީ މުށިމަސްގަނޑެވެ.
އަދި ކަތްދަ ހަސަންބޭ ބުނާގޮތުގައި މާރަންދޫފަރުގައި ދެރަށު މީހުން ފަތްގަނޑުލާން އުޅޭ އުޅުމަކީ ވެސް ދެބައިމީހުންގެ މެދުގައި ފޯރިއަރައި، މައްސަލަ ޖެހޭ ކަމެކެވެ. މީގެ 80 އަހަރު ކުރީގައި މާރަންދޫފަރުގައި ދެރަށު މީހުން ފަތްގަނޑުލާން އުޅެފައި ދެރަށު ގޮންޏަށް މަސްވަންނަން އައިއިރު ދެބައިމީހުން ބަޑިތަޅައިގަނެގެން އެއްވެސް ބަޔަކަށް މަހެއް ނުލިބި އަތްތަޅައިލައިފައި ރަށަށް އަންނަން ޖެހުނު ދުވަހެއްގެ ހަނދާންތައް އާކުރަމުން، ތަކަންދޫ ވެރިއެއް ކަމުގައިވާ އަދި ތަކަންދޫގެ އިޖުތިމާޢީ ހަރަކާތްތަކުގެ ވިލިވިލީގެ ސަރުދާރެއް ކަމުގައިވާ ގޮއިކާސިމް އެދުވަހު ދިން އިންޒާރެއްގެ ވާހަކަ ކިޔައިދެމުން ކަތްދަ ހަސަންބޭ ބުނިގޮތުގައި، "ގޮއިކާސިމު ނުކުމެފައި އަތްވީއްލާފައި ބުނީ މާރަންދު މީހުން އެއްބަޑި ޖެހިއްޔާ ދެބަޑި ޖަހާނަމޭ. ނިކަން ގޮންޏަށް މަސް ވައްދަބަލާށޭ" އެވެ. ހަސަންބޭ ބުނާގޮތުގައި މާރަންދު މީހުން އެއްބަޑި ޖެއްސަސް ތަކަންދޫ މީހުންގެ ގޮންޏަށް މަސް ވައްދާކަށް ނުކެރެއެވެ. ނުވެއްދެއެވެ. އެދުވަސްވަރު ތަކަންދޫ އައިސާފުޅުދައިތަ ހެދި ރައިވަރެއްގައި މާރަންދުފަރަކީ ތަކަންދޫ މީހުން ފަތްގަނޑުލާން ވެގެން، ބޮޑު ރަތް ފޭޔެއް ދީފައި ގަނެފައިވާ ފަރެއްކަމުގައި ވެސް ބުނެފައި އޮވެއެވެ.
މާރަންދޫ ވަހީދު ކަތީބުގެ ރައުޔުގައި ވެސް މައިގަނޑު މައްސަލަ އަކަށް ފެންނަނީ މުށިމަސްގަނޑެވެ. މާރަންދޫ ޒަކަރިއްޔާ ކަލޭފާނުގެ ޢާޠިފާ ލިޔުނު ލިޔުމުގައި ވަނީ، "މި ދެ ރަށު މީހުން އެއް ބަޔަކު އަނެއް ބަޔަކު ދެކެ ހިތްހަމަނުޖެހެން ދިމާވާ މައިގަނޑު ސަބަބަކީ މުށިމަސްގަނޑެވެ. މިހާރު ވެސް މަދުން ނަމަވެސް މި ކަމާ މައްސަލަޖެހެއެވެ. ކުރީގައި އަދި މާ ފޯރިގަދައެވެ". މާރަންދޫގެ ސަގާފީ ކުޅިވަރުތަކާއި އާދަކާދައަށް ނުހަނު އަހަންމިއްޔަތެއް ދެމުންދާ އެރަށު ޢަބްދު ﷲ މަނިކު ދެކޭގޮތުގައި ދެރަށު މީހުންގެ މެދުގައި ފޯރިއަރާ ސަބަބަކީ ދެރަށުގެ ވާދަވެރި ކަމެކެވެ.
އަޅުގަނޑުގެ އުސްތާޒު، ތަކަންދޫ އެދުރު ޢަބްދުއްލަޠީފުގެ ރައުޔުގައި މާރަންދުއާއި ތަކަންދުއާ ދެބައިމީހުން މައްސަލަ ޖެހޭ ސަބަބަކީ މިދެރަށް އެހައި ކައިރީގައި އޮތުމެވެ. ކޮންމެ ދެރަށެއްވެސް ކައިރިއްޔާ އެކަހަލަ މައްސަލަތައް ހުންނާނޭ ކަމަށް އޭނާ ދެކެއެވެ. ވަކި މުށިމަސްގަނޑު ވެގެން ދިމާވާ ކަމެއް ނޫންކަމުގައެވެ. އަޅުގަނޑު ވެސް ބުރަވާ ގޮތަކީ މިއީއެވެ. ދެރަށް އެހައި ކައިރިވީމާ ދިރިއުޅުމުގެ އެކި ދާއިރާތަކުގައި ދެބައިމީހުން ގުޅި ޝާމިލުވުން ބޮޑުވުމުން، ކަންކަމުގައި ފޯރިއަރައި ބައެއް ފަހަރު މައްސަލަ ޖެހޭގޮތް މެދުވެރިވަނީއެވެ. އީދު ކުޅެފައި ހަރުގޭގައި ރައްކާކޮށްފައި ހުންނަ އީދު އުނދޯއްޔާއި، އުނދޯލި އެލުވަން ބޭނުންކުރާ ވާވެލާވެލި ދެރަށް ދޭތެރެ ގަނޑުއޮޅިއަށާއި ކަނޑަށް އުކާލުމަކީ އިހުޒަމާނުގައި މާރަންދުއާއި ތަކަންދޫގެ ދެމެދުގައި ހިފާހިފުމެކެވެ. މާލޫދަށް ކިޔުމުގައި ވެސް ދެރަށުގެ ދެމެދުގައި މައްސަލަ އޮވެއެވެ. އެއްރަށުން އަނެއް ރަށަށް ދަރަށްދާ އިރުގައިވެސް މައްސަލަ އޮވެއެވެ. ފުޓުބޯޅަ އާއި އެނޫންވެސް ކުޅިވަރުތައް ކުޅޭ އިރު ވެސްމެއެވެ. މިހުރިހާ ކަމަކާއެކު ވެސް މުށިމަސްގަނޑުގެ މައްސަލަ އަކީ އެންމެ ބޮޑު އެއް މައްސަލަކަމުގައި ނުހިމެނިއެއް ނުދާނެއެވެ.
އަޅުގަނޑުމެން ކުޑައިރު، އަޅުގަނޑުމެނަށް ވުރެ ތަންކޮޅެއް ދޮށީ ކުޑަކުދީން ބުނާތީ އިވެނީ، ދެރަށުގެ މީހުންގެ މެދުގައި ފުޓުބޯޅަ ކުޅުން އޮންނަނީ ސަރުކާރުން މަނާކުރައްވާފައެވެ. އަތޮޅުވެރިންގެ ޚާއްޞަ ހުއްދައެއް ލިބިގެން ނޫނީ ފުޓުބޯޅައެއް ނުކުޅެވޭނެއެވެ. މިހަނދާނާއެކު ހިތަށް ވަންނަނީ މީގެ 70 އަހަރު ކުރީގެ ތާރީޚެކެވެ. 15 ރަޖަބު 1369ހ. އެވެ. މީލާދީން 3 މެއި 1950 ވަނަ އަހަރެވެ. ރާއްޖެއަށް ފުޓުބޯޅަ ތަޢާރަފުވެ، ރަށްރަށުގައި ފުޓުބޯޅަ އާއި ކުޅިވަރު ކުލަބުތައް ރަޖިސްޓަރީ ކުރެވުނު ދުވަސްވަރެވެ. ކޮންމެ ރަށަކަށްހެން ވަކި ކުލަބެއް ރަޖިސްޓަރީ ކުރެވުނު އިރު ތަކަންދު އާއި މާރަންދު އަކީ އެއްކުލަބެއް ކަމުގައި ރަޖިސްޓަރީ ކުރެއްވިއެވެ. ކުލަބުގެ ނަމަކީ "ފުޓްބޯޅަ ކްލަބް" އެވެ. ސަނަދު ނަންބަރަކީ 21 އެވެ. މަޤްޞަދަކީ ހ. ތަކަންދޫ، މާރަންދޫގައި ފުޓުބޯޅަ ކުޅުމެވެ. ކުލަބުގެ ވެރިއަކަށް ކަނޑައެޅުއްވީ މާރަންދޫ ޒަކަރިއްޔާ މުދިމް ކަލޭގެ (ފަހުން ޒަކަރިއްޔާ ކަލޭފާނު) އެވެ. އެއިރު ސަރުކާރުން ކޮންމެ ރަށަކަށް ބޯޅަޔެއް ދެއްވާފައި އޮވެއެވެ. ބޯޅަޔަށް ވައިޖެހުމަށް ދެއްވާފައި އޮންނަނީ ދެރަށުގެ މައްޗަށް އެންމެ ބުންބާއެކެވެ. މި ބުންބާ އޮންނަކަމުގައި ބުނެވެނީ ތަކަންދޫގައެވެ. މާރަންދު މީހުން ބޯޅަޔަށް ވައިޖަހަން ވީމައި ތަކަންދުއަށް އަންނަނީ އެވެ. އައިސާފުޅު ދައިތަގެ ފަރިހީގައި ކިޔައެވެ.
ރަށްދެ ކުޅުމަށް މިދާއިރު
އަންގަވައެ ރަށު ބޮޑެތި މީހުން
ރަންދު އަށްވުރެމާ ފަހަށް ނުޖެހޭށޭ
މީގައި މިބުނަނީ ދެރަށް ކުޅެން ދާއިރު، ރަށު ބޮޑެތި މީހުން (ވެރީން) އަންގަވާކަމުގައެވެ. މާރަންދުއަށް ވުރެ ދަށް ނުވާށެވެ.
އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތަކަންދުއާއި މާރަންދުއާ ދެބައިމީހުންގެ މެދުގައި ފުޓުބޯޅަ މެޗެއް ނުކުޅެ އެތައް އަހަރެއް ވޭތުވެގެން ދިޔައެވެ. އަދި އެއްފަހަރެއްގައި ވީކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ. އަޅުގަނޑުމެން ކުޑައިރު އިހަވަންދުއާއި މާރަންދުއާ ދެމެދު މާރަންދޫގައި ކުޅޭ ފުޓުބޯޅަ މެޗެއް ބަލައިލުމަށް ރަށުގެ ވަރަށް ގިނަ ބަޔަކު މާރަންދުއަށް ދިޔައެވެ. ކޮންމެވެސް ކަމަކާ ގުޅިގެން ރެފްރީއަކަށް އަރަން ހަމަޖެހުނީ ކުޅިބަލަން މާރަންދުއަށް ދިޔަ ތަކަންދޫ ޒުވާނަކަށެވެ. ކުޅޭ ދެރަށުންކުރެ ރަށެއްގެ މީހެއްގެ ބަދަލުގައި އެހެން ރަށެއްގެ މީހަކު އިންސާފުކުރަން އެރީމާވެސް މާބޮޑުތަން ރަނގަޅުވާނެތާއެވެ. މެޗު ނިމުނު އިރު "ހަނގުރާމަ" އޮތީ ތަކަންދުއާއި މާރަންދުއާ ދެމެދުގައެވެ. ރެފްރީކަން ކުރި ޒުވާނާއަށް ދޯންޏާ ހިސާބަށް ދެވުނީ ވެސް ވަރަށް ވަރުންނެވެ.
ދެރަށުގެ މެދުގައި މިޖެހޭ މައްސަލަތަކުގެ ނަތީޖާއަކަށް ވަނީ އެއްރަށު ދޯންޏެށް އަނެއް ރަށަށް ދިޔައީމާ ގާއުކުމާއި، ވާވެލާވެލި ފޮރުވުމާއި، ފަޅުތެރެއަށް ތެޔޮ އެޅުމާއި، މިނޫންވެސް ބަހާއި އަމަލުން ކުރެވޭ އެކިއެކި ގޯނާއެވެ. އެއްފަހަރަކު މާރަންދޫ ޅޮސްގަހުގައި ވަހުތާނެއް ނަގާފައި ހުއްޓައި ފެނިގެން ހުކުރު ގަޑީގައި ތަކަންދޫ ޒުވާނުންގެ ބަޔަކު ގޮސް އެނެގިއެވެ. އަޅުގަނޑުމެން ހަޔާތުގައި ވެސް، ހަނދާނުގައި ވެސް ދެރަށުގެ ފޯރިގަނޑުގަނޑާ ކުރިމަތިވެފައި ހުރީ މަދެއްކޮށެއް ނޫނެވެ. އަޅުގަނޑުމެން ކުޑައިރު އެއް ރަށާއި އަނެއްރަށާ ވާދައަށް ޗޯޓު ބައްތިވެސް އަޅާ ހަދަމެވެ. ތަކަންމާރަންދޫގެ މިބާވަތުގެ ވާހަކަތަކަކީ މިހެން ދައްކާ ކޮޅުން ލާނޭ ވާހަކަތަކެއް ނޫނެވެ. އެއީ އެވާހަކަތަކުގެ މައްޗަށް ކިތަންމެ ފޮތްފޮތެއް ވެސް ލިޔެވޭހައި ގިނަ ވާހަކަތަކެކެވެ.
ޝާޢިރާ
20 ވަނަ ޤަރުނުގައި ތަކަންދޫގައި އުޅުން ޝާޢިރާއިންގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ އައިސާފުޅު ދައިތައެވެ. ތަކަންދޫ މުސްކުޅިން ބުނާގޮތުގައި މަޝްހޫރު ފަރިހި، "ދުލާ ކަރުތަލިން ކުޅުމަގޭ ހިކި ދަނިއްޔޭ" އަކީ މިއައިސާފުޅު ދައިތަ ހެދި ފަރިއްސެކެވެ. މިހެން ދެންނެވީމާ، އޭނާގެ ކުޑަނަމަވެސް ތަޢާރަފެއް ނުދީ ދިޔުމަކަށް މިމަޒުމޫނު ކިޔާ މީހަކު ނުއެދިދާނެއެވެ. މިއީ ލޯފަން ޝާޢިރާ އެކެވެ. އަންހެނުންގެ އިމާމާއެއްގެ ގޮތުގައި އީދު ނަމާދާއި ތަރާވީސް ނަމާދު ކޮށް ހަދާ ދައިތައެއް ކަމުގައި ބުނެވެއެވެ. ނިކަން ހިތް އަލި ދައިތައެކެވެ. ތަކަންދޫގެ ކޮންމެ ދެމަފިރިއަކަށް އެމީހުން ހިތާވެގެން އުޅުން ދުވަސްވަރު އައިސާފުޅު ދައިތަ އެމީހުންނަށް ރައިވަރެއް ހަދާފައި އޮންނަ ކަމަށް ބުނެވެއެވެ. ތަކަންދުއަށް ޖައްސާ ދޯނިފަހަރާ ވާދައަށް ދޮންވެލި ގަނޑަށް އެއްވެ އަންހެންވެރިން ރައިވަރު ކިޔައިހަދާ އިރު އެކަމުގައި އިސްކޮށް ހުންނަކަމަށް ވަނީ މި އައިސާފުޅު ދައިތައެވެ. މިދައިތަ ހަދާ ރައިވަރާއި ފަރިހި އެއްޗެހި ކުދީންކުދީން ލައްވައި ކަރުދާހުގައި ލިޔުއްވާ ހަދައެވެ. ލޯފަން މީހެއް ކަމަކު، ބަދިގޭގެ މަސައްކަތުގައި ވެސް އުޅެއެވެ. އެއްޗެހި ތެލުލައި، ގަރުދިޔަ އެއްޗެހި ކައްކާވެސް ހަދައެވެ. ތަކަންދޫ މީހުން އަލަށް ވެލާ މަސް ކާންފެށުމުން އޭނާ ހެދި ފަރިހީގައި ކިޔައެވެ.
"ލަވާކަތި މަސް ވެލާކެއުމީ ކަމާލާ ސުންނަތެއް ބާއޭ
އަލަލް އަޚުލާޤުތަކުނަށް ދެއްވަވާ ހެޔޮ ނިޢުމަތެއް ބާއޭ"
އަދި ވެސް އައިސާފުޅު ދައިތަ ހެދި ލޯބީގެ އެހެން ފަރިއްސެއްގައި ކިޔައެވެ.
"ކިލަނބުގަދަ ކަނޑަކުތެރަށް ތިލަފެނަކަށް ނުވެރިފަތާ
ޑިލަގޮފެޅި ޑިސިކުމަވިރި ދާއިރު ވާނެތަނުތުރާ"
އައިސާފުޅު ދައިތަ ނިޔާވީ މީގެ 70 ވަރަކަށް އަހަރު ކުރީންނެވެ.
އައިސާފުޅު ދައިތަގެ ބައްޕަ، ތަކަންދޫ ކަތީބުކަލޭފާނަކީ ވެސް ނިކަން ބޮޑު ޝާޢިރެއް ކަމުގައި ބުނެވެއެވެ. އޭނާ ހެދި ފަރިހި، ރައިވަރުގެ ތެރޭގައި، "ކެއްކި ތެލަބަޑި ކަރުވެނުދަނީސް ދިއްދުއަށްށޭ ގެންދަވާ" ނިކަން މަޝްހޫރެވެ. ކަތީބުކަލޭފާނު ނިޔާވީ މީގެ 92 އަހަރު ކުރިންނެވެ.
ރައިވަރަކުން ނޫނީ ޖަވާބެއް ނުދޭކަމަށް ބުނެވޭ ކުޑަމޫސަބެއަކީ ވެސް ފާހަގަކޮށްލެވޭ ޝާޢިރެކެވެ. އެއްދުވަހަކު މިރަށު މުލީ މޫސަގެ މަންމަ އަވީއްލާފައިހުރި މަސްތަކަކުން މަސްގަނޑެއް ކުޑަމޫސަބޭ ގެންގުޅޭ އަސްދޫންޏެއް ކެއި ކަމުގެ ވާހަކަ ކުޑަމޫސަބޭ ގާތު ބުނުމުން ޖަވާބުގައި ބުންޏެވެ.
"ދޭކަށެއް ނުލިބޭނެ މަށަށް
ރޭވެހުނު ފެން ބިމަށްގަނޑެއް
ކޭއަސްދޫނި މަސްގަނޑެއް"
ކުނބޯބެ އާއި، ގޮއިއާދަމްބެ އާއި، އިސްމާލު އައިސަ އާއި، އިސްމާލު ހައްވަ އާއި، ކާސިމް ދަލޭކަ އާއި، މިނޫންވެސް ޝާޢިރުންނާއި ރައިވަރު، ފަރިހި އެއްޗެހި ކިޔުމަށް ކުޅަދާނަ މީހުން އުޅުނު ރަށެއްކަމުގައި ތަކަންދޫ ވެއެވެ.
މާރަންދޫ އަންހެނުންނަށް ހެދި 5 ރައިވަރުގެ ގޮތުގައި މިމަޒުމޫނުގައި ހިމަނާލެވިފައިވާ ރައިވަރުތަކުގެ ޝާޢިރާ އަކީ ތަކަންދޫ ބޭސް އައިމިން ދައިތައެވެ. މި 5 ރައިވަރުވެސް މިދައިތަ ހެދީ އީދުކުޅި ދަފިނަގާތަން ބަލައިލާން މާރަންދުއަށް ގޮސް ނާކާމިޔާބު ވެގެން އެނބުރި ރަށަށް އައިސްފައެވެ. މިދައިތަގެ ބައްޕައަކީ ލާނެތްބެ (ލާނެތް މޫސަ) އެވެ. ބޭސް އައިމިން ދައިތައަށް ލާނެތް އައިމިނައޭ ވެސް ކިޔައެވެ. ދައިތަ ނިޔާވީ މީގެ 42 އަހަރު ކުރިން، 14 އޮކްޓޫބަރު 1977މ. ގައި އުމުރުން 70 އަހަރުގައެވެ.
2 ވަނަ ރައިވަރު
މިރައިވަރަކީ މާރަންދޫ މުދިން އަލީގެ ފުތް މުދިން އާދަންބެއާ ބެހޭގޮތުން އޮތް ރައިވަރެކެވެ. މި މުދިން އާދަންބެއަކީ ނިކަން ބަސް ގަދަ މީހެކެވެ. ތަކަންދޫ މީހުން ބައްތެލި ބަންނަށް އުޅުން އިރުވެސް ތަކަންދޫ މީހުނަށް ވަރަށް އެއްޗެހި ކިޔައި އުޅުނުކަމަށް ބުނެވެއެވެ. މިރައިވަރު މިއޮތީ ތަކަންދޫ އަންހެނުން، މާރަންދޫ އީދުކުޅި ދަފިނަގާތަން ބަލައިލާން މާރަންދުއަށް ދިޔަ ދުވަހު އަންހެންވެރީންނާ ދިމާއަށް މުދިން އާދަންބޭ ކީކަމަށް ބުނެވޭ އެއްޗެއްސެވެ.
ލާހަސަދަ ހިތުތެރޭން
އާދަނު މުދިން ހުރެބުނޭ
މާރޯދަ އީދުގެ ތެރޭން
ވާރު ނެގުމަށް އައީހޭ
ކާއެތި ކޮޅެއް ނުލިބިގެން
ތިޔާ ފަދަ ހާލު ޖެހިގެން
ރައިވަރުގެ ދޭހަ އަކީ، ހިތުގައި ހަސަދަ ލައިގެން މާރަންދޫ މުދިން އާދަންބޭ ހުރެފައި ބުނާ ވާހަކަ އަކީ، ކަލޭމެން ތަކަންދޫ މީހުން މާރޯދަ އީދުގައި މާރަންދުއަށް ތިއައީ ވާރުނެގުމަށް ހެއްޔެވެ؟ ނޫނީވިއްޔާ ކާއެތިކޮޅެއް ނުލިބިގެން ހާލުގަ ޖެހިގެން އައީހެއްޔެވެ؟
3 ވަނަ ރައިވަރު
މާރަންދޫ މުދިން ހައްވަދައިތަ (ދޮންމަނިކުބޭ އިން ހައްވަދައިތަ) ބުނިކަމަށް ބުނާ ވާހަކަ ތަކަންދޫ އަންހެނުން ބުނާގޮތަކީ، "ކޮޔާމެންނޭ އެޔައީ ދަފިލާގޮތް ދަސްކުރަންނޭ. އެއްގޮތަކަށްވެސް ދަފިނުލާށޭ" އެވެ.
ގޭގޭ ދޮރަށް އަރައި
އޭމުދިން ނަމަކަށް ކިޔާ
ލޭގޮވަ ހައްވަ ހަސަނުއާ
ދޭށޭ މިދަފި ނެރެހިލާ
ދޭށެ ދެން މިބޮޑު ޢިލްމެކޭއީ
ދޭމިބުނީ ތެދެކޭއީ
މިރައިވަރުގައި މިބުނަނީ، މުދިން ހައްވައޭ ކިޔާ މާރަންދޫ ހައްވާ ޙަސަނު، ގޭގޭ ދޮރުމައްޗަށް އަރައިފައި ދަފިލައި ނުދެހެރޭ ކިޔައި ގޮވައިހަދައެވެ. އޭނާ ބުނާ ކަހަލައެވެ. މިއީ ބޮޑު ޢިލްމެކެވެ. އަދި މިބުނީ ތެދެކެވެ.
4 ވަނަ ރައިވަރު
ހަތަރުވަނަ ރައިވަރަކީ ވެސް މުދިން ހައްވަދައިގެ ވާހަކަތަކުގެ މައްޗަށް އޮތް ރައިވަރެކެވެ. އެދައިތަ އުޅުން ގޮތުން ތަކަންދޫ އަންހެނުން އަޖައިބުވާހައި ވިއެވެ. ދަފިނެރެން ނުދިއުމަށް ހައްވަ ދައިތަ ބާރުއެޅިލެއް ބޮޑުކަމުން މިރައިވަރުގެ ޝާޢިރާގެ ހިތުގައި ހައްވަދައިތަގެ އެބަސްތައް ތަރުޖަމާ ކުރެވުނު ގޮތެވެ.
ގައިބުވެ ނުވާނެހޭ
ފާނުކުމެ ހައްވާ ބުނޭ
މާބޮޑު ޢިލްމު ފިލްމެކޭ
ލާފިދަފި ނެރެ ނުދާށޭ
އާދޭސް ކުރަމެ ކޮޔާމެނަށް
ވާދަސް ނޭތަ އެންމެނަށް
ރައިވަރުގެ މާނައަކީ، އަޖައިބު ނުވާނޭ ވަރެއް ހެއްޔެވެ. މާރަންދޫ މުދިން ހައްވަ ނުކުމެފައި އެބަބުނެއެވެ. ދަފިނެރުމަކީ މީ މާބޮޑު ޢިލްމަކާއި ފިލްމެކެވެ. ކޮޔާމެންނަށް އާދޭސްކޮށްފަ ބުނަމެވެ. ދަފި ނެރެން އެއްވެސް މީހަކު ނުދާށެވެ. މިޔަކީ އެންމެންނަށް ދަސްވާނޭ އެއްޗެއްވެސް ނޫންވިއްޔާއެވެ.
5 ވަނަ ރައިވަރު
ތަކަންދޫ އަންހެނުން މާރަންދުއަށް މިދިޔަ ދިޔުމުގައި މާރަންދޫ މާވަޑި ދޮން ޢަލީ (ކަލޭފާނުބޭ އިން ހައްވަދައިތަގެ ބައްޕަ) އާ ބައްދަލުވިއެވެ. ތަކަންދު މީހުން ކުޅިބަލަން އަޔަތީ މާރަންދު މީހުން ކުޅިވަރު ނުކުޅުން ވާހަކަ މި ދޮންއަލިބެ ގާތުގައި ތަކަންދޫ ބޭސް އައިމިންދައިތަ ބުންޏެވެ. އަދި މިމައްސަލާގައި ރައިވަރު ހަދާނެކަމަށް ވެސް ބޭސް އައިމިންދައިތަ ބުންޏެވެ. ދޮން އަލިބެ ވެސް ބޭސް އައިމިންދައިތައާ އެއްބައިވެލައިފައި ބުނިކަމަށް ވަނީ ރައިވަރު ހަދާށެވެ. (މައްސަލައިގައި މި ދޮން އަލިބެ މިހުރީ ތަކަންދު މީހުންނާ އެކުގައި ތާއެވެ). މިރައިވަރުގައި މިއޮތީ މިވާހަކައެވެ.
ކޮންމެހެން ނަމެ ބުނާ
އޮންނަ ހިތަކުން ރުޅިއަރާ
ގޮއްވާލުމާ އެކީގާ
ކޮންމެހެން ވަރުހެދީރައި
ވޮށް ބަލައި ފޮތް ބަލައިގެންނެ
ދޮން އަލިބެ ބުނެގެންނެ
ރައިވަރުގެ ދޭހަ އަކީ، ކޮންމެހެން ބުނަމެވެ. ކޮންމެހެން ރައިވަރު ހެދީ ރުޅި އައިސްގެނެވެ. އަދި މާރަންދު މީހުން ގޮއްވާލުމުގެ ގޮތުންނެވެ. ވޮށް ބަލައި ފޮތް ބަލައިގެނެވެ. ދޮން އަލިބެ ވެސް ބުނެގެންނެވެ.
ނިންމުން
ތަކަންމާރަންދޫގެ ކަންކަމަށް ވިސްނާލާއިރު، ތަކަންދޫ މީހުން މާރަންދުއަށް އީދުކުޅި ދަފިނަގާތަން ބަލައިލާން ދިޔައިރު ދެބައިމީހުންގެ މެދުގައި އޮތީ މައްސަލަ ޖެހިފައި ކަމެއް ނުވަތަ ނޫންކަމެއް ވެސް ދަންނަވާކަން ނޭނގެއެވެ. ދެގޮތުން ކުރެ ކޮންމެ ގޮތެއްވެސް ވުން ކައިރިއެވެ. ތަކަންދޫ އަންހެނުން އަތަރުލައި ނަލަހެދިލައިގެން އަޔަތީވެސް މައްސަލައަކަށް ފުދޭ ވަރުވެއެވެ. އެކަމަކު، ރުޅި މޫނު ހަދައިފައިވެސް ހިނިތުންވާނެ މޫނަކީ ހަމަ ތިއީ އެވެ. ތިޔަ ގާތްކަމާއި، ރަޙުމާއި، ހިތްހެޔޮ ކަމަށް އަބަދުވެސް އެދެމެވެ. އަބަދުވެސް ޝުކުރުވެރިވަމެވެ.
ޚާއްޞަ އެހީތެރިކަން (ތަކަންދޫ)
ކެލާ އަޙްމަދުބޭ، ކަތީބު ކަނބުލޯ ދައިތަ، އެދުރު ޢަބްދުއްލަޠީފުބޭ، މޫސާފުޅު ޚަޠީބުގެ ކަމަނަ، ގޮއި ފާތުމަ، ގޮއި އާދަނު، ތަކުރުފާނު އައިމިނަ، ދޮންކޮއްކޮ ހައްވަދައިތަ، ކަމަނަ ހައްވަދައިތަ، ދޮންކޮއްކޮ ޢަބްދުއްރަޙީމްބޭ، ޢަބްދުއްޞަމަދުބޭ، އާގެ ހަލީމްބޭ، މުލީ މޫސަބޭ، ދޮންކާސިމު ޚަޠީބުގެ ވަހީދާ، ދޮންކާސިމު ޚަޠީބުގެ ރުޤިއްޔާ، ދޮންކާސިމު ޚަޠީބު ކަމަނަ، އެދުރު ކަނބުލޯ ދައިތަ، އަލިވާ މުޙައްމަދުބޭ، ހުސެންކޮއެބޭ، ދޮން ހިޔައްދައިތަ، ޢަލީ މުޙައްމަދު (ޑޭޒީމާގެ)، ޢަބްދުއްރަޙްމާނު މުޙައްމަދު (ފެބްރިކްވިލާ)، ކަތްދައިތަ، ހައްވަ ކާސިމް އިބްރާހީމް (މުދިންބޭ)، މޫސަކޮއެބޭ، ފާނަ އާދަންބޭ، ގުޑީ ފާތުންދައިތަ، ގުޑީ ދަލޭކަ ދައިތަ، އައިމިނަ ހުސެންބޭ، ލޮނު އާދަންބޭ، ގޮއެ މުޙައްމަދުބޭ، ސީދީބެ، ބުޅާ ފާތުންދައިތަ، އައިސާކޮއެ ދައިތަ، މާލެދޮންބެ، ހުލި އާދަންބެ، ޢަބްދުﷲ ބެ (ހިތިގަސްދޮށުގެ)، ބުޅާ ޢަބްދުއްރަޙިމްބޭ، ޗާންދަނީ ރަޝީދާދައިތަ، ދަލޭކަ އައިމިން ދައިތަ، ގޮއެ އިބްރާހިމްބެ، އީސަ ހުސެންބޭ، މޮޅު ރަޝީދާ ދައިތަ، ހަފުސާ ދައިތަ، ކުރަހާ އިބްރާހިމްބެ، ސީދީ ޞަފީނަތު ދައިތަ، ޒަކަރިއްޔާ ދޮންބެ، ކޮކަޑި މަރިޔަ ދައިތަ، މުދިމް ދަލޭކަ ދައިތަ، ކަތީބު ޢަބްދުއްރައްޒާޤު، ކަތީބު ޢަބްދުއްރަޙީމް، އިބްރާހިމްފުޅުބޭ، އަޒީޒުބޭ، މޮޅަދޫ ޢަބްދު ﷲ، ޞަފީނަތު ދައިތަ (ނަލަހިޔާގެ)، މޫސަ ހަސަންބޭ، ހުލި އާދަންބޭ، ވަޑި އާދަންބެ، ބުޅާ އައިމިން ދައިތަ، މުޙައްމަދު ޢަބްދުއްޞަމަދު (އެޑީ)، ބޭސް މޫސަބޭ، އެދުރު ޢަލީ އިބްރާހިމް، ފާނަ ޢަބްދު ﷲ ބެ، މަރިޔަމް ޢަލީ (އޯކިޑުމާގެ)، ޢަބްދުއްރަޙިމްބޭ (ހޮޅަލަފުށީ)، އަޙްމަދު ޢާރިފް، ޢާޞިމާ ފާރޫޤު، ކޯޓު އަލިބެ، ކޯޓު ފަރީދާ ދައިތަ، ރިހި ޢަބްދު ﷲ ބެ، ކުޅުދުއްފުށީ ހަސަންބޭ، ސަންފަ ދައިތަ، ގުޑީބޭ. (އަދި މިނޫންވެސް ތަކަންދޫގެ މުސްކުޅީންނާއި ހަރު މީހުން ހިމެނެއެވެ).
ޚާއްޞަ އެހީތެރިކަން (މާރަންދޫ)
ކަތްދަ ހަސަންބޭ، ވަހީދު ކަތީބު، ޒަކަރިއްޔާ ކަލޭފާނުގެ ޢާޠިފާ، ވަޑި ބަކުރުބޭ، ޚާލިދުބޭ (ޑޮކްޓަރު)، ހާރޫނުބޭ، މާލެ އާދަންބޭ، ޢަބްދު ﷲ މަނިކު. (އަދި މިނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ).
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!