ދިމާވެފައިވާ ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މެލޭޝިޔާގެ ރައްޔިތުން ނުފޮނުވާނޭ ކަމަށް އެގައުމުން ބުނެފިއެވެ.
އެޤައުމުގެ ޕްރައިމިނިސްޓަރު އޮފީހުގެ މިނިސްޓަރު ޑރ. ޒުލްކިފީ މުޙައްމަދު އަލް- ބަކްރީ އާއި ހަވާލާދީ އެ ޤައުމުގެ ދަ މެލޭޝިޔަން ރިޒާވް.ކޮމް ނޫހުގައި ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ މެލޭޝިޔާގެ ހެލްތު މިނިސްޓްރީއާއި، އެ ޤައުމުގެ ނޭޝަނަލް ކައުންސިލް އޮފް އިސްލާމިކް އެފެއަރޒްއާއި އެނޫންވެސް ކަމާއި ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ޖޫން މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ބައްދަލު ވުމަކަށް ފަހުގައި ކަމަށެވެ.
1441 ވަނަ އަހަރު މުސްލިމުންގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރަން ނުފޮނުވަން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށް ޤަބޫލު ކުރަށްވާ ކަމަށްވެސް އޭނާވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިން ރައްކާތެރި ވުމަށް މިހާތަނަށް ވެކްސިނެއްވެސް ހޯދިފައި ނުވާކަންވެސް ފާހަގަ ކުރަށްވާފައެވެ.
ހައްޖަށް މީހުން ނުފޮނުވާނޭކަން މެލޭޝިޔާއިން ހާމަކުރިއިރު، މެލޭޝިޔާއާ އަވަށްޓެރި އަދި ދުނިޔޭގެ މުސްލިމުންގެ އެންމެ ބައިބޯ ގައުމު ކަމަށްވާ އިންޑޮނޭޝިޔާއިންވެސް ވަނީ މިއަހަރު ހައްޖަށް މީހުން ނުފޮނުވާނޭ ކަމަށް ބުނެފައެވެ. ވެރިރަށް ޖަކާޓާގައި މިދިޔަ ހަފްތާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިންޑޮނޭޝިޔާ ސަރުކާރުގެ ރިލިޖަސް އެފެއަރޒް މިނިސްޓަރ ފަޟުލުއް ރާޒީ ވިދާޅުވީ، ބަލިމަޑު ހާލަތާ ގުޅިގެން މިއަހަރު ހައްޖަށް މީހުން ނުފޮނުވާން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން، އިންޑިއާ ސަރުކާރުގެ ހައްޖު ކޮމިޓީން ބުނެފައިވަނީ، ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން، ބަލިމަޑު ހާލަތާ ގުޅިގެން ދަތުރު ކެންސަލްކުރަން ބޭނުންވާ ފަރާތްތަކުން ދައްކާފައިވާ %100 ފައިސާ އަނބުރާދޭން ނިންމާފައިވާ ކަމަށެވެ.
މެލޭޝިޔާއާއި އިންޑޮނޭޝިޔާގެ އިތުރުން، ސިންގަޕޫރުންވެސްވަނީ، އެގައުމުގެ ރައްޔިތުން ހައްޖަށް ނުފޮނުވަން ނިންމައި އެކަން ހާމަކޮށްފައެވެ.
މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ބަލިމަޑު ހާލަތުގައި ހައްޖުގެ އަޅުކަމާއިގެން ކުރިއަށްދާނެތޯ ނުވަތަ ނޫންތޯއާމެދު ސައުދީ ސަރުކާރުން އަދިވެސް ރަސްމީގޮތުން ގޮތެއް ނިންމާފައި ނުވާއިރު، އެގައުމުން އިސްލާމީ ގައުމުތަކަށް ގޮވާލާފައިވަނީ ހައްޖަށް ދިއުމުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ދިމާވަނީ ކުރިއަށްއޮތް ޖުލައިމަހުގެ ފަހުކޮޅާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!