އަންނަ ހޯމަ ދުވަހުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް، މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މޮނިޓަރިން އުވާލިތާ 14 ދުވަސް ހަމަ ނުވާތީ މިސްކިތްތައް ހުޅުވުމުގެ ހުއްދަ އަދި ނުދީ އޮތް ދެ ރަށަކީ ށ. ނަރުދޫ އާއި ނ. މަނަދޫ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ނަރުދޫގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެއެވެ.

Ad
rt

އަދި މީގެ އިތުރުން އަންނަ ހޯމަ ދުވަހުން ފެށިގެން މަނަދޫ ގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވެފަވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މާލެއާ އެކު ހަތް ރަށެއް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ޖަމާއަތުގައި ނަމާދުކުރުމުގައި ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެގޮތުން މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުން ހިމެނެ އެވެ.