މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހދ. ފިނޭއިން 3 މީހަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަންއާއި ބެހޭ މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ 2 މީހުންކަމަށެވެ. އަދި މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އިއްޔެ އިރު އޮއްސުނު ވަގުތު ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިން ކޮތަޅު ޕާނަކަށްލައި ފޮރުފައިގެން ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި 3 މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ. މިމައްސަލަ މިހާރު ދަނީ ތަހުޤީޤު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ހަނިމާދޫއަށް އައި ލޯންޗަކުން ފައިބައިގެން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިގެން މިމަހުގެ 6 ވަނަ ދުވަހު 38 އަހަރުގެ މީހަކު ހަނިމާދޫއިން ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު ކުޅުދުއްފުށިންވެސް ވަނީ 57 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް ހދ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ ކަނބޮޑުވާ ދަރަޖައަށް އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!