ހދ. ވައިކަރަދޫގެ ކަރާ ދަނޑުތަކަށް ގެއްލުން ތަކެއް ދީފިއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލުންތަށް ދީފައިވަނީ ވައިކަރަދޫގެ ފުރަތަމަ ކައުންސިލަރ އަޙަމަދު ހާޝިމް އަދި މިދައުރުގެ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ގެ ބައްޕަގެ ދަނޑަށެވެ.
އެތައް ދުވަހެއްގެ މަސައްކަތް، އަނެއްކާވެސް އެއްރެއިން ކޮށާ ކުދިކުދި ކޮށްލައިފި
ކޮށާ ކުދިކޮށްފައިވާ ކަރާތަކުގެ ފޮޓޯތައް ހިމަނުއްވާ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރުގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ބުނެފައިވަނީ މިމައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. ނަމަވެސް މިމައްސަލަ ތަޙްޤީގު ކުރުމަށް ފުލުހުން އެރަށަށް އައިސްފައިނުވާކަން ނަސީމް ފާހަގަ ކުރިއެވެ. ނަސީމް އިތުރަށް ބުނީ އެރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ޑެސްކު މިދިޔަ ސަރުކާރުން އުވާލާފައިވާކަމަށެވެ. އެއާއި އެކު އެރަށުން ފުލުހުން މައްސަލައެއް ބަލަން ވެއްޖެ ނަމަ ޖެހެނީ ކުޅުދުއްފުށިން ފުލުހުން އެރަށަށް ދަތުރު ކުރާށެވެ.
މިފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ ފުލުހުން ގެނައުމަކީ ވަރަށް އުނދަގޫކަމެއް، ޝައްކުވާ ފަރާތެއް ނެތްނަމަ ފުލުހުން އެރަށަށް ދަތުރު ކުރުމަށް އުޒުރުވެރިވޭ، މިރަށުގައި ފުލުހުންގެ އިދާރާއެއް އެޅުމަށް ބިމެއްވެސް ވާނީ މިހާރު ރަޖިސްޓްރީ ކުރެވިފަ، ނަމަވެސް މަސައްކަތް ނުފެށޭ،
ވައިކަރަދޫ ކައުންސިލްގެ ރައީސް ބުނެފައިވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިންވެސް އެދަނޑަށް ވަނީ ގެއްލުންތަކެއް ދީފައެވެ. މިފަހަރު 19 ކަރާ ކޮށާ ކުދިކޮށްލާފައިވާއިރު ކުރިން ވަނީ ކެޔޮގަނޑެއް ކޮށާ ކުދިކޮށްލާފައެވެ.
މިކަމާއި ގުޅިގެން އެކި ފަރާތްތަކުން އަންނަނީ މިކަން ކުއްވެރިކޮށް މިއީ ވަރަށް ފިނޑި އަމަލެއް ކަމަށް ބުނެފައެވެ. އެގޮތުން ވައިކަރަދޫގެ ޒުވާނަކު ވަނީ މިކަމާއި ބެހޭގޮތުން އޭނާގެ ޝުއޫރު ފާޅުކޮށް މި ހިނގައި ދިޔަ އަމަލު ކުއްވެރި ކޮށްފައެވެ.
ުދަނޑުވެރިކަމީ ބުރަ މަސައްކަތެއް، އެތައް ވަގުތެއް އެކަމުގައި ހޭދަކޮށް، ގައިން ދާ އޮހޮރުވައިގެން ކުރާ މި ބުރަ މަސައްކަތުގައި އަގެއް އޮންނާނެ، އުންމީދެއް އޮންނާނެ، އެމީހުން ދެކޭ ހުފެންތަކެއްވެސް ހުންނާނެ، ހިތް ހަމަ ނުޖެހޭ ކަމެއް ވެފައި އޮތަސް، މީހަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ގެއްލުންދީ، އެތަނެއް ސުންނާފަތިކޮށްލުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް.
ހުސައިން ޒަބީރު އޭނާގެ ފޭސްބުކްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޒަބީރު ބުނެފައިވަނީ މިއަދު މިއީ އެންމެ ދަނޑުވެރިއަކަށް ކުރިމަތިވި ކަމެއް ނަމަވެސް، މިކަމުގެ ސަބަބުން ގެއްލި ދަނީ ވައިކަރަދޫގެ ހުރިހާ ދަނޑުވެރިނަށް ލިބެންވާ ރައްކާތެރިކަމާއި އިތުބާރާއި ޔަޤީންކަންކަމަށް ބުނެފައިވެއެވެ. އަދި ދަނޑުވެރިންނާއި، ދަނޑުބިންތައް ހިމާޔަތްކޮށްދިނުމަށް ވައިކަރަދޫ ކައުންސިލް ޓެގުކުރައްވާ އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!