ހދ އަތޮޅުގެ ރައްޔިތުންނަށް ފުރަބަންދުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ އަދި ފެރީ ދަތުރުތައް ފަށާފައިނުވާތީ ހުރިހާ ރަށަކަށް ގައިނިކޮލޮޖިސްޓުން ހިމެނޭ ގޮތަށް އައުޓްރީޗު ޕްރޮގުރާމެއް ފަށަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) އިން ތައްޔާރުވެއްޖެއެވެ.

އައުޓްރީޗު ޕްރޮގުރާމު ފެށުމަށް ހަމަޖައްސާފައި މިހާރު ވާނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް "ތިދަލުން" އަށް މަޢުލޫމާތު ދެއްވަމުން ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފައިވެއެވެ.

Ad
rt

ދާއޫދު އިތުރަށް ބުނެފައިވަނީ ގައިނޮކޮލޮޖިސްޓުގެ އިތުރުން އެ ރަށަކުން ރިކުއެސްޓްކުރި ސްޕެޝަލިސްޓްވެސް މި ދަތުރުތަކުގައި ހިމަނާފައި ވާނެ ކަމަށެވެ.

އަޅުގަނޑުމެން ޕްލޭން މި ކުރަނީ އެންމެ ދުރު މަކުނުދޫއިން ފަށަން. އަޅުގަނޑުމެންގެ އަމާޒަކީ ޕޯޓަބްލް ސްކޭން މެޝިންއަކާއެކު ސްކޭން ވެސް ކުރެވޭނޭހެން މި ދަތުރުތައް އެޅުން. ކުޅުދުއްފުށި ނުލައި އަތޮޅު ތެރޭގައި މި ވަގުތު 91 މާބަނޑު މީހުން އެބަ ތިބި ކަމަށް ރިކޯޑްތައް ދައްކާ

މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފައިވެއެވެ.

ކޭއާރއެޗް އިންވަނީ ހދ. އަތޮޅުގައި މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ތާވަލު މިނޫހަށް ހިއްސާ ކުރައްވާފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށާއި އެހެންކަމުން އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މާބަނޑު މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ސްކޭން ހެދުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޔާޒް ވިދާޅުވިއެވެ. އެގޮތުން 20 އަދި 24 ހަފުތާގައި ހަދަން ޖެހޭ ސްކޭން ރަށްރަށުން ހެދޭނެ އިންތިޒާމު މި ހަފްތާގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.

މާބަނޑު މީހުންގެ ސްކޭން ހެދުމުގައި ދަތިތަކެއް ކުރިމަތިވުމުން ބައެއް ހިތާމަވެރި ހާދިސާތައް ވަނީ ހިނގައިފައެވެ.