ކުޅުދުއްފުށީ ސިޓީއަށް ކުރި ވިއްސާރައިގައި އެސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ މީހުން ދިރިއުޅޭ ގެތަކަށް ފެން ވަނުމުގެ ސަބަބުން ކައުންސިލްގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ރިޕޯޓް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ އެސިޓީގެ 02 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރެވިފައި ވާކަމަށެވެ. އަދި ތިން ވަނަ ސަރަހައްދެއްގައި ކޯރު ކޮނެ ފެން ބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

Ad
rt

އެސިޓީގެ ޖުމްލަ 8 ގެއަކަށް ފެން ވަނުމުގެ ސަބަބުން، ފެންވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމަށްޓަކައި ވެލި ދޫކުރެވިފައިވާ ކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

ެއެކައުންސިލުން ދަނީ، އެސިޓީގެ ބައެއް އެހެން މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު ރޭން ފެށިގެން އެސިޓީގެ ފެން ބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މިމަސައްކަތުގައި ދިވެހި ރެޑް ކްރެޒެންޓް ހދ. ގޮފި، މޯލްޑިވްސް ނޭޝެނަލް ކެޑޭޓް ކޯޕްސް، ކުޅުދުއްފުށި އެސް.ޓީ.އޯ، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން، ޕަބްލިކް ވާރކްސް އަދި އެމް.އެން.ޑީ.އެފް ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފަވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރަށް އިއްޔެއާއި، ރޭވެސް ވަނީ ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެފައެވެ.

މޫސުން ގޯސްވާނެ ކަން ބަޔާންކޮށް ރާއްޖޭގެ ޤައުމީ މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯކްޑިވްސް މީޓިއޮރޮލޮޖީ ސާރވިސް އިން އާންމުކޮށްފައިވާ ޔެލޯ އެލާރޓް މިހާރުވަނީ ވައިޓް އެލާރޓަށް ބަދަލު ކޮށްފައެވެ. މިއީ ހއ ން ޅ އަތޮޅަށް އަށް އެ އިދާރާއިން ނެރެފައިވާ ހުދު ސަމާލުގައި ބުނާގޮތުން ފަތިހު 5:00 އިން މިއަދު ހެނދުނު 10:00 އާއި ދޭތެރޭ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑެއްގައި ގަޑިއަކު 45 މޭލަށް ވައި ޖެހޭނެއެވެ.