ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (5 ވަނަ ބައި):ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތް “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ބައެއް ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް ، އެހަރަކާތަކީ ދައުލަތާއި ދެކޮޅުވެރިވެ، ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން އުތުރުގެ ހިތްވަރުގަދަ ރައްޔިތުން ކުރިކަމެއް ނޫނެވެ.
އެހަނދާންތައް އައު ކޮށްލުމަށް ދައުލަތުގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި ތިލަދުންމަތީ ރައްޔިތުން ސުލްހަ ކުރުމަށް ވަޑައިގަތް މުޙައްމަދު ޖަމީލުމުޙައްމަދު ޖަމީލުގެ “ތިލަދުންމަތީގެ ދަތުރުގެ ހަނދާން” ފޮތުން އިތުރު ބަޔަކަށް ބަލައިލާނަމެވެ.
" އަހަރެމެންނަށް މިހެން މިއުޅެވޭ ގޮތަކީ، މާލެއިން ފަސްސަތޭކަ ބިޑިހިފައިގެން މިރަށަށް ބަޔަކު އަންނަވާހަކަ އިވިފައި އެބައޮވޭ. ތިލަދުންމަތީ މީހުން މާލެދިޔައިމާ، ބޮޑުބަޑީގެ އުންޑައިން ވައްދާނެ ވާހަކަ މާދޫގޭ އަޙްމަދު ކަލޭގެފާނު ބުނެފައި އެބައޮތޭ. އެހެންވީމާ، އަހަރެމެން މިއުޅެނީ އެގޮތެއް ބަލައިލާށޭ. މާލެވަންނަނީ ބޮޑުބަޑީގެ ތުނބުންކަން އެނގޭނީވެސް ދިޔައިމާތާއޭ. މިއަދު، އަހަރެމެންނާއި ދިމާއަށް އެކަހަލަ ބަހެއްބުނި މީހަކު އައިނަމަތާޔޭ. މިހެނެއް ދުލެއްނުކުރީމުހޭ."
ދެން މުޙައްމަދު ކަތީބު، އަޅުގަނޑުމެން ދެމީހުންގެ އަތުގައި ހިފައިގެން ހިނގައިގަތީ، ރަނިކަގަސްދޮށާއި ދިމާއަށެވެ. އެއީ، އެރަށުގެ ރައްޔިތުން އެކިއެކި މުނާސަބަތުގައި އެއްވެއުޅޭ ތަނެކެވެ. އެތަނަށް އަޅުގަނޑުމެން ގޮވައިގެން ދިއައިރު ދެއްކީ ދެގޮތެކެވެ. އެއީ، ހައްޔަރު ކޮށްގެން އަތުލައި ގަނެގެން ގެންދާގޮތް މީހުނަށް ދައްކާގޮތާއި، އަޅުގަނޑު މެންނަށް ކަމޭހިތައި އެހީތެރިވާގޮތް އަޅުގަނޑު މެންނަށް ދައްކާގޮތެވެ.
މިގޮތުގައި ގޮވައިގެންގޮސް ރަނިކަގަސްދޮށުގައި ފަލުކާ ފަޅިއަކުން އަޅައިފައި ހުރި ބޮޑުއަށްޓެއްގެ މަތީގައި ބައިތިއްބައި، ކޮންމެ މީހަކަށް ރާތަށްޓެއް ބޯންދިނެވެ. އެއިގެފަހުގައި އަޅުގަނޑުމެން އެންމެ ފުރަތަމައަށް އެދުނުކަމަކީ މިސްކިތްދޮށަށް ގޮސްލުމެވެ.
އެއިރު ޢިޝާވަގުތުވެސް ހުރީ ވެފައެވެ. މިހެންކަމުން މިސްކިތަށްދާން ދިޔައިރު އަޅުގަނޑުމެންނާއިއެކު އެރަށު މުދިމުކަލޭގެ ދިޔައެވެ. މިސްކިތުން ފައިބައިގެން މުދިމުކަލޭގެ ގެއަށް ވަތްތަނާ، މުޙައްމަދު ޚަޠީބު އައިސް އިހު ކަތީބު ގެއަށްދާން ބުނީމައި އެގެއަށް ދިއައިރު އެގޭގައި އެރަށުގެ ވެރިންނާއި، ރައްޔިތުންގެ ބޮޑެތިމީހުން ތިބޫއެވެ. ވާހަކައެއް ދައްކައި ލެވޭގޮތް އެންމެ ފުރަތަމަ ދިމާވި ވަގުތަކީ މިއެވެ.
މުޙައްމަދު ކަތީބު " އަހަރެމެންނަށް މިހެން މިއުޅެވޭ ގޮތަކީ، މާލެއިން ފަސްސަތޭކަ ބިޑި ހިފައިގެން މިރަށަށް ބައަކު އަންނަވާހަކަ އިވިފައި އެބައޮވޭ. ތިލަދުންމަތީ މީހުން މާލެ ދިޔައިމާ، ބޮޑުބަޑީގެ އުންޑައިން ވައްދާނެ ވާހަކަ މާދޫގޭ އަޙްމަދު ކަލޭގެފާނު ބުނެފައި އެބައޮތޭ. އެހެންވީމާ، އަހަރެމެން މިއުޅެނީ އެގޮތެއް ބަލައިލާށޭ. މާލެވަންނަނީ ބޮޑުބަޑީގެ ތުނބުންކަން އެނގޭނީވެސް ދިޔައިމާތާއޭ. މިއަދު، އަހަރެމެންނާއި ދިމާއަށް އެކަހަލަ ބަހެއްބުނި މީހަކު އައިނަމަތާޔޭ. މިހެނެއް ދުލެއްނުކުރީމުހޭ.
މުޙައްމަދު ދީދީ:
އަހަރެމެން މިއައީއަކީ، ތިޔަބުނާކަހަލަ އެއްޗެއް ހިފައިގެނެއްނޫނޭ. ދައުލަތުން ފޮނުއްވީމާ، އެހެންޏާވެސް ރަށްފުށުގައި ކިޔާ ޒާތުގެ ސިޓީއެއް ކިޔާށެވެ. މިކަހަލަ ކަންތަކުގެ ޤަވާޢިދު އޮންނަގޮތުން އެންމެ ފުރަތަމަ ފަށައިގަންނަ ތަނަކީ، ތިލަދުންމައްޗެވެ. އެހެންވީމާ، ތިލަދުންމަތީން ފަށައިގަންނާން އައިއިރު މިތާނގެ ކަންތައް އޮތްގޮތުން މިރަށަށް އައިސްފައިނޫނީ ފަށާން ނުފެނިގެން އައީއެވެ. ތިޔަބުނާ ޒާތުގެ އެއްޗެއް އަހަރެމެން ނުގެންނަމުއެވެ. އަހަރެމެން ގެނައި ފޮށިފޮށީގައި ހުންނާނީ، ސަރުކާރުން އަހަރެމެންނަށް ދެއްވި ކޮއްތާއި، ލިޔުންކިޔުމުގެ ސާމާނެވެ."
މިހައިތަނަށް ބުނިތަނާ، އެރަށު އަލަވަލުބަނޑޭރި އައިސް ބުނެފިއެވެ.
"މިތާމިތިބީ މިރަށުގެ ހަތަރު ވެރީންނޭ. މިތިއްބެވި ބޭފުޅުން މިވަޑައިގަތް ގޮތެއް ބަލާން ރައިއްޔަތުން އެދިއްޖެއޭ"
އެގޮތް ދެން، އަޅުގަނޑުމެން އަނެއްކާވެސް، މުޙައްމަދު ކަތީބުގާތުގައި ދެއްކި ވާހަކަ ހަމަ އެމޭރުމުން ދައްކައިފައި، އަދި ތިޔަބައިމީހުން އަހަރެމެން މިބުނާ ބަސްގަބޫލު ނުކުރަނީވިއްޔާ، އަހަރެމެންގެ ފޮށިތައް އެހެރީއޭ! ކަލޭމެންބަލާން ބޭނުންގޮތަކަށް ބަލާށޭ! މިހެންބުނެފީމުއެވެ. އެކުން، މިހެން ބުނާން ޖެހުނު ގޮތަކީ، އަޅުގަނޑުމެން އައީ، އެރަށު އެންމެން ބިޑިއަޅައި ހައްޔަރު ކުރުމަށް، ބިޑިހިފައިގެންނޭ ކިޔައި، މިރަށުތެރޭގައި ދައްކައިފައި އޮތް ވާހަކައަކުން، އެކަމުގެ ތުހުމަތު އަޅުގަނޑުމެންގެ ކިބައިގައި އެބައިމީހުން އަޅުވައިގެން ތިބިކަން އެނގުމުންނެވެ.
ދެން މުޙައްމަދު ކަތީބު، އެތާއިން އެހެންމީހަކާއި ދިމާއަށް "ކުމުންދޫ ރައިއްޔަތުން އަތުވެއްޖެއޭ، އެމީހުން ފޮނުވައިލައިފައި އަންނާނަމޭ!" މިހެންބުނީމާ، އެމީހާ އަހައިފިއެވެ. "އެމީހުން އައީ ކީއްކުރަންހޭ؟"މިހެން އެހީމާ، މުޙައްމަދު ކަތީބު ބުނެފިއެވެ. " އެއީ، މިތާނގައި ކަމެއްހިނގައިފިކަން އެނގިގެން، އަހަރެމެންގެ ޚަބަރު ބެލުމަށް އައީއޭ!"
މި ކުމުންދޫ ރައިއްޔަތުންނަކީ، މިކަންތަކުގައި އެންމެބޮޑަށް ބައިވެރިވެގެން ތިބި ބައެކެވެ. އަޅުގަނޑުމެން ހިފައިގެން މިރަށަށް ގެނައި ޚަބަރު އިވުނީމައި، ކުޅުދުއްފުށީ މީހުންނަށް ނަސްރު ދިނުމަށް އައީއެވެ. އައިއިރު ތިބީ، އެބައިމީހުންގެ ހުޝިޔާރުކަމާއި، ޖެހުނު ކޮންމެކަމެއް ކޮށްލުމަށް ތައްޔާރަށް ތިބިކަން ދެއްކުމަށް، ކޮންމެމީހަކު ދަމައި އެއްނަރަކަށް ފޫގަޅައިފައެވެ. ކޮންމެމީހެއްގެ ފުށުގައި، ބަޅުވަޅި ޖަހައިފައި ހުއްޓެވެ.
މުޙައްމަދު ކަތީބު އެހެންބުނެފައި ތެދުވެގެންގޮސް ތަންކޮޅެއް ދުރުގައިހުރި މީހަކާއި ވާހަކައެއް ދައްކައިލައިފައި އައިމާ، އަޅުގަނޑުމެން މުދިމުކަލޭގެ ގެއަށްދާން ތެދުވެގެން، އެގެއަށް ދިޔަމަގުމަތީގައި،
މުޙައްމަދު ދީދީ:
"އަހަރެމެންކުރާން އައިކަންތައް، މިތަންވަޅު މިތާނގައި ކުރެވޭނެގޮތް ނުފެންނާތީ، އަހަރެމެންދެން ބޭނުމީ، އަވަހަށްދިޔުމޭ! މިތާކުތިބޭކަށް ބޭނުމެއްނޫނޭ!"
މުޙައްމަދު ކަތީބު"
"މިބައިމީހުން މިވާ މަޖިލީހެއްވެ، ފުރައިގެން ދިއުމުގެ ކުރީގައި، ތިޔަބައިމީހުން މިރަށުން ބޭރުވުމަކަށް ރައިއްޔަތުން ޤަބޫލެއްނޫނޭ! ދާން އުޅުމުގައި ތިއަބައިމީހުންގެ ޖާނަކަށް، ރައްކައުތެރިކަމެއް ނެތޭ." ދެން، އަޅުގަނޑުމެން ދިއައީ، މުދިމުކަލޭގެ ގެއަށެވެ. އަޅުގަނޑުމެން ނިދާންތިބުމަށް އެބައިމީހުން ތައްޔާރުކުޅައީ އެގެއެވެ.
އިރުކޮޅެއް ވާންދެން ތިބެފައި، މުދިމުކަލޭގެ ގޮވައިގެން، އަތިރިއަށް ދާން ދިއަ މަގުމަތީގައި، "އަޅުގަނޑު މިރަށުގައި ސިޓީކިއައި، ވާހަކައެއް ދައްކައި ހަދައިލެވޭނެ އެއްގޮތެއްވެސް ނޯންނާނެހޭ؟"
މުދިމްކަލޭގެ- " ސިޓީއެއް ކިއިދާނެއޭ! ސިޓީއެއްކިއަކަސް ގަޔަށް އަރައިގެންފާނެއެކޭ ހީއެއްނުވެއޭ! އެކަމަކު، އަޑުގަދަކޮށް، ހަޅޭލަވައި ހަދައިގެން، ކިޔާއެއްޗެއް އެނގޭވަރުވިއަކަ ނުދޭނެއޭ!"
އަތިރިއަށް ގޮސްފައި އައިއިރު، ނުވައެއްޖެހުމާއި ދާދި ކައިރިވެއްޖެއެވެ. އެތަންވަޅު ފެނުނީ، ވައިކަރަދޫ ނާއިބުކަލޭގެއާއި، ކަތީބުކަލޭގެއާއި، ހުވަރަފުށީ ކަތީބުކަލޭގެފާނާއި ތިންމީހުން ގޮވައިގެން، އެރަށު، ހައްވައަލީގެ އަލިތަކުރުފާނު ކިޔާ ބަނޑޭރިއަކުއައިސް، މުދިންކަލޭގެ ކޮއްކޮ ޙަސަނާއި ޙަވާލުކުރިތަނެވެ. އަދި، ޙަސަނާއި ދިމާއަށް ބުންޏެވެ. " އަހަރެމެން މިދަނީ މި ދެބޭފުޅުންނާއި މި ތިންމީހުންނާ ކަލޭގެ ޙަވާލުގައި ބައިތިއްބައިފައޭ! މި ބައިމީހުން ބެލެހެއްޓުމަށް ކަލޭބޭނުން ބަޔަކު ރައްޔިތުންގެ ތެރެއިން ނަގާށޭ! މިބައިމީހުން އެކަނި ތަންތަނަށް ދިޔަނުދީ ރަނގަޅަށް ބަލަހައްޓާށޭ!"
މިހެން ބުނެފައި ދިއުމުން، އަޅުގަނޑުމެންނަށް މަދިރީގެ އުނދަގޫ ބޮޑުވުމާއިއެކު، ނިދާންއޮށޯތީއެވެ. މިރޭ ހަތަރުދަމު، ރަށު އެންމެންތިބީ ހެއިލައެވެ. ރައްޔިތުންވެސް ތިބީ، ޖެހުނުކޮންމެކަމެއް ކުރުމަށް ތައްޔާރުވެ، ގަސްދޮށަށް އެއްވެފައެވެ. ރަށުގެ ހަތަރުފަރާތުގައި ހަތަރުދޯނި، މާލެއަށް ޚަބަރެއް ހިފައިގެން ބައަކު ދޭތޯބަލާން ފޯރީގައި ތިބެއެވެ. އަދި ކައިރިކައިރީގެ ރަށްރަށަށް ޚަބަރުބަލާން އަވަސް އަވަހަށް ދޯނިފަހަރު ދާކަމާއި، ކައިރީގެ ރަށްރަށުގެ މީހުން އަންނަކަމުގެ ޚަބަރު ލިބެއެވެ.
ދޮންޢަލީ ޙާޖީ ދިއްދޫ ބާވީސް ގަނޑެއްޗާއިގެން އައިސް، ހޮޑާފުށީބޭރުގައި، އުތީމު ބައްތެލިކޮޅު ހިފަހައްޓައިގެން އެބައުޅެއޭ! އަވަހަށްހިނގާށޭ! އެލަކުޑިބޯ ހާޖީ ގެންނާނީ ބަނދެގެންނޭ! މިހެންކިޔައި، ހާޖީކަލޭގެފާނަށް ވަރަށް އެއްޗިތިގޮވަމުން، މާލެ ދާދިއުމުގައި، ދިއްދޫ އިހުއޮތް ފަދައިން އުތީމަށް ލާނޭކަމުގެ ސައްލާކުރަމުން، ވަރަށްގަދަ ރުޅިވެރިކަން ފައުޅުކޮށް ހަޅޭލަވަމުން ހިނގައްޖެއެވެ. އަދި އެއިގެތެރޭގައި، ތިޔަލަކުޑިބޯ ހާޖީއަށް މިރަށަށް ނާއިބުކަމުގައި އެރޭނެހައި ދުވަހު ތިޔައެރުނީޔޭ! ކޮންހާޖީއެއްހޭ؟ އަދި އާޔަތްކިއައިދެއޭ! އަހަރެމެންވެސް، މިކަހަލަ އާޔަތް ކިއައިފާނަމޭ! އަހަރެމެންގެ ރަށުގެ ނާއިބުކަންކުރާނީ، މިކަހަލަ އެއްޗިތި ގޮވައިއުޅުނެވެ.
ކޮންމެއަކަސް، މެންދަމުން އަލިވެ ތިނެއްޖަހައި އެހައިކަންހާއިރު ބުނާއަޑުއިވުނީ، އުތީމު ބައްތެލިކޮޅު އެއޮތީގެނެސް ކަނޑިންމާގައި އަޅައިފައޭ! މިހެންނެވެ. ދެންއިވެނީ، އެމީހުންގެ މަޖްލިސްގައި ދައްކައިފައިހުރި ބައެއްވާހަކަ، މަޖާކޮށްލުމުގެ ގޮތުން އެކިއެކި މީސްމީހުން އައިސް އުނދޯލީގައި އިށީނދެފައި ދައްކައިލާއަޑެވެ. އެއިގެތެރޭގައި ގިނައިން ދަނީ އިސްޓޯރުގެ ވާހަކައާއި، ކާބޯތަކެތީގެ ވާހަކައެވެ.
ނުނިމޭ،

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!