ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (4 ވަނަ ބައި)

" އަހަރެމެން ބަނޑަށްމަރަނީއޭ. މިހާރަކު ލަދެއްބިރެއްނެތޭ. މިތިބީ ލަދާއި ބިރާ ކަނޑުވައިފައޭ. ތިޔައުޅެނީ ބަނޑުހައިގެން ތިއްބާ އަހަރެމެން ލައްވާ ގޯސްހައްދާށޭ. "ދެބައިކުޅަ" ކައިގެން ކިހިނަކުންހޭ ދިރިތިބެވޭނީ، ތިޔަމަރަނީޔޭ! ކޮންކާޑެއްހޭ؟ އޮރިޔާންކާޑުހޭ؟ މިހާރު އަހަރެމެން މިތެޅެނީ މަރަށޭ! "

Ad
rt

އުތުރު ގަޑުބަޑަކީ، މީގެ 77 އަހަރުކުރިއެވެ. މިއީ، އޭގެ ހަމަ އެހާދުވަސްފަހެވެ. އެދަތުރުގައި ރިޔާނެގި އޮޑިދޯނިފަހަރުގެ 552 ގަނޑެތި މާލެއައިނަމަ، އެއީ ވަރަށް ގިނަ އަދަދެކެވެ. މިޒަމާނަށް ބެލިކަމުގައިވިޔަސްވެހެވެ. ބަނޑަށްޖެހިފައިއޮތް ދިވެހިރާއްޖޭގެ 7452 މީހުން އެދަތުރު މާލެއައިކަމަށްވެއެވެ. އެދުވަސްވަރުގެ ރާއްޖޭގެ އާބާދީއަށް ބަލާއިރު މިއީ ވަރަށްބޮޑު އަދަދެކެވެ. މިހެންމިދެންނެވީ އެދުވަސްވަރު ރާއްޖޭގެ އާބާދީގައި އުޅޭނީ 70 ވަރަކަށް ހާހުގައި ކަމަށް ލަފަކުރެވޭތީއެވެ.
("ކިޔާތީ އަޑުއިވޭ އުތުރުގެ ގަޑުބަޑު" މިސުރުޚީގެ ދަށުގައި 15 ޖޫން 2014 ވަނަ ދުވަހު ނުކުތް ދިވެހި ޑައިޖެސްޓްގެ 10 ވަނަ ޢަދަދުން ނަގާފައި)

ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތް “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ބައެއް ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް ، އެހަރަކާތަކީ ދައުލަތާއި ދެކޮޅުވެރިވެ، ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން އުތުރުގެ ހިތްވަރުގަދަ ރައްޔިތުން ކުރިކަމެއް ނޫނެވެ.

އެހަނދާންތައް އައު ކޮށްލުމަށް ދައުލަތުގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި ތިލަދުންމަތީ ރައްޔިތުން ސުލްހަ ކުރުމަށް ވަޑައިގަތް މުޙައްމަދު ޖަމީލުމުޙައްމަދު ޖަމީލުގެ “ތިލަދުންމަތީގެ ދަތުރުގެ ހަނދާން” ފޮތުން ދެން އޮތްބައި ކިޔާލަމާ ހިންގަވާށެވެ!

ކިޔާނުކިޔާ އެއްޗެއްވެސް އެނގޭވަރެއްނޫނެވެ. އެމީހަކަށް ގޮވުނު އެއްޗެއް ގޮވައި، ލެވުނު ހަޅޭކެއް ލަނީއެވެ. އަޅުގަނޑުމެން ކުޑައިރުކޮޅެއް ވާންދެން ބަލަންތިބެފައި، ދޯނީގެ ދިރުނބާ ކޮޅަށްއަރައި،
- " ކަލޭނޭވޭ! ރުޅިމަޑުކުރާށޭ! އަޑުގަދަނުކުރާށޭ! އަހަރެމެން މިއައީ ދެކޮޅުވެރިގޮތެއްގައެއްނޫނޭ! ސަރުކާރުގެފަރާތުން ފޮނުއްވީމާ،
ތިއަބައިމީހުންނާ ވާހަކައެއްދައްކާށޭ! "
މިހެންކިޔައި އަޑުގެކޮޅަށް ގޮވައިވެސް ފައިދާއެއް ނުކުރިއެވެ.

ގޮވާންފެށިއެއްޗަކީ،
- " ކޮންވާހަކައެއްހޭ؟ ދަމައިގަންނާށޭ! ދޯނިގަނޑުއެހިލާށޭ! " މިއެވެ.

ދެންވާގަޔަށް އަރައިދާނެހެންހީވިމައި، ދޯނިއަނބުރައިލައި،
ވަރަށްބާރަށް ކަނބައި، ވަރަށްހަރުކޮށް ފަލިޖެހިކަމުން، ފަހަތުން އެރިގަތް އެކަކަށްވެސް ދޯންޏަށް ނޭރެނީސް، ދުރަށް ދެވިއްޖެއެވެ.

އެއިރު އެރަށު ކުޑަޚަޠީބު ކަނބުރު އާދަމް އެއްގަމުގައި ހުރެގެން، އަވަހަށް ނިކުތުމަށް އަތުން އިޝާރަތްކުރެއެވެ. ކުޑަ ޚަޠީބުނޫން އެހެން ވެރިއަކު، އެތާކު ފެންނާކަށް ނެތެވެ.

ކަނޑިންމައިން ދޯނި ނިކުންނާން ދިމާކުރިއިރު، އެރަށު އެހެންދޯންޏެއް ކޮންމެވެސް ތަނަކަށް ޚަބަރާއިގެން ގޮސްފައި އައިސް ވަދެއެވެ. މިދޯނިއައީ، އަޅުގަނޑުމެން ނިކުންނާންއޮތްމަގު ބައްދަމުން ހުރަސްކުރަމުންނެވެ. އެކަމަކު، އަޅުގަނޑުމެންގެ ދޯނީގެ ހުންގާނުގައި ހުރި، ވައިކަރަދޫ ނާއިބު ޢަލީގެ ހުޝިޔާރުކަމާއި، ފަރިތަކަމުން، ދެދޯނި ނުޖައްސައި، ސަލާމަތްވެގެން، ކަނޑިންމައިން ނިކުމެއްޖެއެވެ.

ނިކުމެ ރިޔާނަގައި، ނޮޅިވަރަންފަރާއި ދިމާއަށް ބާއްވައި ތަންކޮޅަކަށް ގޮސްފައި ބަލައިލިއިރު، ފަހަތުން މަސްދޯންޏެއް ފުރައިފިއެވެ. އިރުކޮޅަކުން އަނެއްދޯނި ފުރައިފިއެވެ. އިސާހިތަކު، މަސްދޯންޏާއި ޖަހާދޯނީގެ ދޮޅަހަކަށް ގަނޑެތި ފުރައިފިއެވެ.

ކޮންމެ ދޯންޏެއްގައިމެ ތިބީ، މީހުން އަރައި ފުރިފައެވެ. އަންނަނީ، ނުލާހިކު ބާރަށް ފަލިޖަހައި މަރައިފައެވެ. އަޅުގަނޑުމެންވެސް ހެދިގޮތަކީ، ދޯނިފައްސިޔަ ކޮށްލައިފައި، ދެރިޔާނަގައި، ވާހައިބާރަކަށް ފަލިޖެހީއެވެ.

ފަހަތުން އައިމީހުން ވަރަށް އަވަހަށް ކައިރިވަމުން އައިސް، އަތުލުމަކާއި ދާދިކައިރިކުރީމައި، އަޅުގަނޑުމެންވެސް، ތުންމަތިބާއްވައި، ފަލިތައްޖެހިލައި، ތަސްލީމުކޮށްގެން ތިބީއެވެ. މިހެން ތިއްބައި، އެތަނުން އެންމެ ކުރީން އައިދޯނި އައިސް، އަރައި ހަމަކޮށް ކައިރިކޮށް ލައިފައި، ވަލެއް ހިފައިގެން ތިންމީހުން ކަނޑަށް ފުންމައިލައިގެން އައިސް، އަޅުގަނޑުމެންގެ ދޯންޏަށްއަރައި، ދޯނީގައި ވައު ބައްދައިފިއެވެ.

ހަމައެތަންވަޅުމެ، ދޯނީގެރިޔާލައި، ކުޅުދުއްފުއްޓާއި ދިމާއަށް ދޯނި އަނބުރައިލައިފިއެވެ. އެހެންދޯނިފަހަރުވެސް އައިސް، ބައެއްދޯނި
ކުރީގައި އަނެއްބައިދޯނި ފަހަތުގައި ކަފުޖަހައިގެން، ޖަހާދޯނީގެ ހަތަރުދޯނި ދެފަރާތުގައި ތިބެގެން ގެންދާން ފަށައިފިއެވެ.

ކުޅުދުއްފުށީންއައި ދޯނިފަހަރުގެ ތެރެއިން ބައެއްދޯނި، އެތަންގަނޑު ކައިރީ ރަށްރަށަށް ޚަބަރުދިނުމަށް ދިޔައޫއެވެ. އަދި، އެހިސާބުގަނޑުގައި، އާދަޔާޚިލާފަށް މާގިނަ ދޯނިފަހަރު އުޅޭތީ، ވާނުވާއެއް ބެލުމަށް ކައިރި ރަށްރަށުން ދޯނިފަހަރު އަންނާންވެސް ފަށައިފިއެވެ.

ކޮންމެއަކަސް މުޅިއެހިސާބުއޮތީ ވަރުވަރުގެ ދޯނިފަހަރުން ފުރިފައެވެ. ވަގުތުގެ ނުރައްކައުތެރިކަމާއި ބިރުވެރިކަންނެތަމަ، ނުހަނުރީތި، އުފާވެރިމަންޒަރެއް ފެނުނީހެވެ. އޮއްސޭންދާ އިރުގެ ރަންކުލައިގެދަޅަ، ކަނޑުގެރާޅުތަކަށް އެޅިފައި ހުންނައިރުހީވަނީ، ވިރުވައިއަޅައިފައިވާ ރަންފަތްގަނޑެއް ހެންނެވެ. މަސްދޯނިފަހަރުގެ ހުދުރިޔާތަކާއި، ތެމިފައިހުރި ފަލި ދޫތަކަށް އެޅިފައިހުރި ރަންދަޅައިން މުޅިތަނަށް އުޖާލާކަން ލިބިފައިވެއެވެ.

ދޯނިފަހަރުގައިތިބި، ރުޅިއައިސްގެން ރަތްވެފައި، އަދި، ދަލާއި ލޮނުންތެމިފައި، ފޫގަޅައިގެން ތިބި މީހުންތަކުގެ ބުރިކަށިތަކާއި، ނިތްކުރިތައް ވިދަވިފައިހުއްޓެވެ.

މިފަދަ ރީތި ޤުދުރަތީ މަންޒަރު ލޯމައްޗަށް ފެންނާންއޮތުމާއިއެކު، ދޯނިފަހަރުގައި ތިބި މީހުންގެ ދުލުން ގޮވާއެއްޗިއްސަކީ، އެއްގޮތަކަށްވެސް އެނގިގެންނުވާ ދެކަމެކެވެ. ދޯނީގައި ތިބިމީހުންގެ ހިތަށް ކުޑަވެސް އީމާންކަމެއް، މަޑުމައިތިރި ކަމެއް އައިހެނެއް ހީއެއްނުވެއެވެ.

ހުރިހައި ދޯނިފަހަރުންމެ، އެމީހަކަށް ގޮވުނު އެއްޗެއް ގޮވަނީއެވެ. އެތަނުން އެއްދޯނި ކައިރި ކޮށްލައިފައި، ފަނާ ދަނޑިޔާއި، ފަލިތަންޑުތަކުން ތަޅައިގަންނާން ދިމާކުރިތަނާ، އެހެންދޯންޏެއްގައި ހުރި ބޮޑުރުއްދޮށު މޫސާއޭކިޔާމީހަކު ފުންމައިގެން ގޮސް، އެދޯނީގެ ހުންގާނުގައި ހުރިމީހާ ކޮއްޕައިލައިފައި ހުންގާނުއަތުލައި ދުރަށްޖައްސައިލައިފިއެވެ.

ދެންވާހީވަނީ، ދެންމެދެންމެ އަރައިގެންފާނެހެންނެވެ. ބައެއްދޯނީގެ ކުނބުކަފި ލުއްސައި އަޅައިގަނެއެވެ. އަނެއްބައަކު، ފަނާދަނޑި، ފެންފުޅަފި ފަދަ ތަކެތި ހިފައިގެން މަޅަމަޅައިގަނެއެވެ. ގޮވާއެއްޗަކީ،

" އަހަރެމެން ބަނޑަށްމަރަނީއޭ. މިހާރަކު ލަދެއްބިރެއްނެތޭ. މިތިބީ ލަދާއި ބިރާ ކަނޑުވައިފައޭ. ތިޔައުޅެނީ ބަނޑުހައިގެން ތިއްބާ އަހަރެމެން ލައްވާ ގޯސްހައްދާށޭ. "ދެބައިކުޅަ" ކައިގެން ކިހިނަކުންހޭ ދިރިތިބެވޭނީ، ތިޔަމަރަނީޔޭ! ކޮންކާޑެއްހޭ؟ އޮރިޔާންކާޑުހޭ؟ މިހާރު އަހަރެމެން މިތެޅެނީ މަރަށޭ. ބަނޑަށްމަރަނީވިއްޔާޔޭ! ކޮބާ! އަތުނުވެދެވުނުހޭ؟ މިގެންދަނީ މަރާށޭ! "

މިކަންތަކުގެ ތެރޭގައި ދުރުދުރުން އައި ދޯނިފަހަރު އައިސް ކައިރީގައި ދުއްވައިލައިފައި، އެމީހުން ވާހަކައެއް ދައްކައިލައިފައި،
- " ދެންދާށޭ! ފިރިހެނުންގެގޮތުގައި ކަންތައްކޮށްލާށޭ! "
މިހެން ގޮވައިލީމާ، އަނެއްބައި ދޯނީން (ހޭވައްލާ ތައްޔާރޭ!) ގޮވައިލައިފައި ހިނގައްޖެއެވެ.

އިރުއޮއްސި އަނދިރި ގަތްތަންވަޅު، ކުޅުދުއްފުށީ ކުޑަޚަޠީބު އިން ދޯނި ކައިރިކޮށްލައިފައި، މުޙައްމަދު ދީދީއާއި ވާހަކަދައްކައިލާން އުޅުނުތަން ކުރީގައިއޮތް ދޯނީގައިއިން މީހަކު (އިހު ޚަޠީބުގެ ޢަލީ) ދެކެފައި ހަޅޭއިލައިގަތެވެ.

- " ޚަބަރުދާރޭ! ތިޔަ ދޯންޏާ ތިޔަގާތް ކުރަނީ، ދޯނީގައި ތިބިމީހުންގެ ހަލާކަށް! ތިޔައުޅެނީ އަހަރެމެން ލައްވާ ގޯސްހައްދާށޭ! "

ދެން ކުޑަ ޚަޠީބުވެސް އަވަސް އަވަހަށް ދުރަށް ޖެހިލައިފިއެވެ.
ދެން މިކަހަލަ ޙާލެއްގައި އަޅުގަނޑުމެން ގޮވައިގެން ދިޔައިރު، އަޅުގަނޑުމެން ތިބީ މުޅިން ބާރުހުސްވެ، ބުނާނެއެއްޗެއް، ކުރާނެކަމެއް ނެތިފައެވެ. އިރުވެސް އޮއްސިއްޖެއެވެ. އަނދިރިވެސް މޫސުމެވެ. ތިބީކަނޑުމަތީގައެވެ.

ވަށައިގެން ތިބީ، ރުޅި އައިސްފައި ތިބި، ޖަނަވާރު ތަކެއް ކަހަލަ، އެއްވެސް ގޮތެއްފޮތެއް ނުދަންނަ ޖާހިލުބައެކެވެ. އިތުބާރުކުރާން ކެރޭކަހަލަ ދެތިން މީހަކުނޫނީ ކައިރިއަކުނެތެވެ. (ނޯޓު: މިއީ ޖަމީލު ދީދީ ދެކިލައްވާ ގޮތް)

ކިތަންމެ ހައިވެސް ނުރައްކައު ތެރިކަމާއި ބިރުވެރިކަން ބޮޑެވެ. ހަމައަކުން، އަދިކިޔެއްތަ ނަހަމައަކުން ނަމަވެސް ވާހަކަ އެއްދައްކައި، ނަސޭހަތެއް ދެވޭނެ ގޮތެއްނެތެވެ. ލަވާ ހަޅޭކާއި، ގޮވާ އެއްޗެއްސާހުރެ ޙައިރާންވާ ވަރުވެއެވެ.

" ތިޔަބޭފުޅުންގެ ޖާނަކަށްކަމެއްނުވާނެއޭ! އަވަހަށް ފައިބާވަޑައިގަންނާށޭ! ތިޔަބައިމީހުންވެސް ތިޔަހެން އުޅޭންވާނެއޭ! އަހަރެމެންވެސް ބަނޑުހައިގަނެގެން އުޅެވޭގޮތޭ! "

މިގޮތުގައިގޮސް ކަނޑިންމައިން ވަދެ، ގޮނޑުދޮށަށް ކައިރިކޮށްލި އިރަށް އެރަށު މުޙައްމަދު ކަތީބުއައިސް އަރާއްޖެއެވެ. އަރައި ސަލާން ކޮށްލައިފައި،
" ތިޔަބޭފުޅުންގެ ޖާނަކަށްކަމެއްނުވާނެއޭ! އަވަހަށް ފައިބާވަޑައިގަންނާށޭ! ތިޔަބައިމީހުންވެސް ތިޔަހެން އުޅޭންވާނެއޭ! އަހަރެމެންވެސް ބަނޑުހައިގަނެގެން އުޅެވޭގޮތޭ! "

މިހެންބުނެފައި، އެއްވެފައިއޮތް މީސްތަކުންނާއި ދިމާއަށް،
- " ތިޔަކުދިން ދެން ތިބޭނޭ ކަމެއްނެތޭ! ގޭގެއަށްދާށޭ! "
މިހެންބުނުމަށްފަހު، ވަރަށްއަވަހަށް އެކިމީހުން އެކިފަރާތަށްގޮސް އަވަދިވެއްޖެއެވެ. އަޑުފަށްގަނޑުވެސް މަޑުވެއްޖެއެވެ. ފަހަތުންއައި ދޯނިތައްވެސް، ރަމަތަކޮށް ހަމަޖައްސައިފިއެވެ.

- ނުނިމޭ -