ޖަމާއަތުގައި ނަމާދު ކުރެވޭ ރަށެއް ގޮތުގައި ހއ. އުތީމު ހަމަޖައްސައި ދިނުމަށް އުތީމު ކައުންސިލުން އެދިއްޖެއެވެ.

މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ސޮއިކުރަށްވައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ.

Ad
rt

އެ ސިޓީގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފޮނުއްވާފައިވާ ސަރކިއުލަރއާއި އެކު އެޗްޕީއޭއިން ފުރަބަންދުގެ ޙާލަތަށް ގެނެސްފައިވާ ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓްގައި އުތީމު ހިމެނިފައިވާކަމަށެވެ.

ނަމަވެސް އުތީމަކީ 02 މެއި 2020 ވަނަ ދުވަހުގެ 14:12 ގައި އެޗްޕީއޭ އިން މޮނިސްޓަރިންގ ގެ ޙާލަތުން ނަގައި، ޢާއްމު ޙާލަތައް ގެނެސްފައިވާކަމުގެ ލިޔުން ފޮނުވާފައިވާ ރަށެއްކަމަށް އެސިޓީގައި ބުނެފައިވެއެވެ.

މިވަގުތު ރަށުގެ އެއްވެސް ގެއެއް އަދި މީހަކުވެސް ކަރަންޓީނުކޮށްފައިވާ ރަށެއް ނޫންކަމުގައި ދަންނަވާކަމަށްވެސް އެސިޓީގައި ބުނެފައި ވެއެވެ.

އެހެން ކަމުން ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފޮނުއްވާފައިވާ ސަރކިއުލަރ އާއި އެކު ފޮނުވާފައިވާ ލިސްޓުން އުތީމު އުނިކޮށްދެއްވައި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރެވޭ ރަށެއްގެ ގޮތުގައި އުތީމު ހަމަޖައްސައިދެއްވުން އެދޭކަމަށް އެސިޓީގައި ބުނެފައިވެއެވެ.

ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް މިއަދު ހުކުރު ނަމާދުން ފެށިގެން ހުޅުވާލަން ނިންމާފައިވާއިރު މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ކައުންސިލްތަކަށް އެންގި ލިއުމުގައި އުތުރުގެ 20 ރަށެއް ވަނީ ހިމެނިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއް ހިމަނާފައި އެވެ. އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައި އެވެ. އެ ލިސްޓްގައި ހިމެނޭ އުތުރުގެ ރަށްތަކަކީ

ހއ ދިއްދޫ
ހއ އުލިގަމު
ހއ އުތީމް
ހއ ތަކަންދޫ
ކުޅުދުއްފުށި ސިޓީ
ހދ ކުމުންދޫ
ހދ ހިރިމަރަދޫ
ށ ޅައިމަގު
ށ މިލަންދޫ
ށ މާއުނގޫދޫ
ށ ފުނަދޫ
ށ ފީވަކު
ށ ގޮއިދޫ
ށ ނަރުދޫ
ނ ވެލިދޫ
ނ ހޮޅުދޫ
ނ މަނަދޫ
ނ ހެނބަދޫ
ނ ކެނދިކުޅުދޫ
ނ މިލަދޫ
ނ މާފަރު

މީގެ އިތުރުން

ކ. ތުލުސްދޫ،
ކ ހިންމަފުށި،
ބ ކެންދޫ،
ކ މާފުށި

ކޯވިޑް-19 އާ ގުޅިގެން މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އިރުޝާދު ދެއްވާފައެވެ.

ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން
މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން
އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
މާސްކު އަޅައިގެން މިސްކިތަށް ދިޔުން
މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދައަށް އުތީމުން އެދުނު އިރު މިއަދު ވަނީ އެ އަތޮޅު އުލިގަމުންވެސް އެރަށުގައި ޖަމާއަތް ހަދައިގެން ނަމާދުކުރެވޭ ގޮތް ހަދައިދިނުމަށް އެޗްޕީއޭގައި އެދިފައެވެ.

އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދެއްވުމާއިއެކު މިލިސްޓުގައި ނުހިމެނޭ ރަށްތަކުގައި މިއަދު ހުކުރު ނަމާދުން ފަށައިގެން ވަނީ ޖަމާއަތުގައި ނަމާދު ކުރަން ފަށާފައެވެ.