މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ އައި ކޮޅިގަނޑެއްގެ ވައިގައި، ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.
ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކޮޅިގަނޑު އައީ ރޭ 10:30 ހާއިރުކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ.
ފިނޭ ރައްޔިތުންގެ ގެސްޓުހައުސްއަކީ ހަރަތު ކޮޓަރީގެ ގެސްޓު ހައުސްއެކެވެ. އެ ގެސްޓުހައުސް މިހާރު ބޭނުން ކުރަމުން އަންނަނީ އެރަށު ކައުންސިލުން ދޭ ކުނި އުނިއުކާލުމުގެ ޚިދުމަތުގައި މަސައްކަތްކުރާ ބިދޭސީން ބޭތިއްބުމަށެވެ.

އެ ގެސްޓު ހައުސްގައި ކައުންސިލްގެ ފަރާތުން މިވަގުތު ބައިތިއްބާފައި ތިބި ތިން މީހުން ތެރެއިން އެކަކު ނިކަގަސް ވެއްޓުނު ވަގުތު ގެސްޓުހައުސް ތެރޭ ހުރިނަމަވެސް އޭނާއަށް ހާނިއްކައެއް ވެފައި ނުވާކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ނިކަގަސް ވެއްޓުމުގެ ސަބަބުން އެ ގެސްޓުހައުސްގެ މަތީ ވަޑާންގަނޑު އެއްކޮށް ހަލާކުވެފައި ވާކަމަށެވެ. ރައްޔިތުންގެ އެއްބާރުލުމާއި އެކު މިއަދު ހެނދުނުއްސުރެ މަސައްކަތްކޮށް މިހާރު ގެސްޓް ހައުސް މައްޗަށް ވެއްޓުނު ގަހުގެ ބައިތައް ނަގާފައިވާ ކަމަށާއި، ނަމަވެސް އެއްކޮށް ސާފުކޮށް މިރެއާއި ހަމައަށް އަދި ނިންމާ ނުލެވޭ ކަމަށް ހަސަން ވިދާޅުވިއެވެ.
މިކަމުގައި ފިނޭ ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް ހަސަން ވަނީ ފިނޭ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ރޭ ހދ. ވައިކަރަދޫގެ ދަނޑުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ. އަދި މީގެ ކުރީން ވަނީ އުތުރުން ހދ. ހަނިމާދޫގެ ގެއެއްގެ ގޯތި ތެރޭ ހުރި ރުކަކަށް ހޮނު އަޅައި، ރަށުގެ ބައެއް ގޭތަކުގެ ގިނަ އަދަދެއްގެ ކަރަންޓުން ބޭނުން ކުރާ އާލާތްތަކަށް ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!