މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުން މިމަހުގެ 22 ވާ ހުކުރު ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން ނެރުނު ސަރކިއުލަރެއްގައި ބުނެފައިވަނީ، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހެކިބަސް ދެވޭނެ ކަމަށެވެ.

Ad
rt

އެގޮތުން ކޯވިޑް-19 އާ ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ރަށްރަށުން ހަނދު ސާބިތު ކުރަން ބޭނުންވާ ފަރާތްތަކުން އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް ވަނީ އެ ސަރކިއުލާގައި އަންގާފައެވެ.

މާލޭގައި ނަމަ، 7704777 ނަންބަރު ފޯނުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ގުޅައި އެމަޢުލޫމާތު ޙިއްޞާކޮށް އެޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުތަމީގައި ހެކިބަސް ދިނުމަށް ޑީޖޭއޭ އިން ވަނީ އެދިފައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ އަންގަވާފައެވެ.

މިގޮތުން ހަނދު ސާބިތުކުރުމުގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ 29 ރަމަޟާން 1441 (22 މެއި 2020) ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިރުއޮއްސި 7:30 އަށެވެ.