ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މިއަދު މެންދުރެއްހާއިރު ތޫފާނަކަށް ބަދަލުވެގެންދާނެކަމަށާއި އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް 45 މޭލާއި 55 މޭލާދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއްފިޔަވައި އެހެން ދަތުރުތައް މަޑުޖައްސާލުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

Ad
rt

މިއާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވާނެކަމަށާއި އަދި ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ކަނޑުގަދަވާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިންވާނި އެދިލައްވާފައެވެ.

ކުރިއަށް މިއޮތް 24 ގަޑިއިރުގެ ތެރޭގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތުއެބައޮތް، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭ ހަމައެއާއެކު، ޚާއްސަގޮތެއްގައި ފާހަގަކޮށްލަންބޭނުންވޭ، ރާއްޖޭގެ ގިބަ ހިސާބުތަކަށް، ޚާއްސަކޮށް މެދުތެރެއާ އުތުރުގެ އަތޮޅަތަކަށް ކަނޑުތައް ވަރަށް ގަދަވެގެންދާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ މަޑުޖައްސާލަށް އަޅުގަނޑުމެން އެދެން"

މޫސުމާއި ބެހޭ ގައުމީ އިދާރާގެ އޮފިސަލަކު ވިދާޅުވެފައިވެއެވެ.

މިރޭގެ 10:00 އިން މެންދަމު 02:00 އަށް، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެތީ އެސަރަހައްދަށްވަނީ ރީނދޫ އެލަރޓް ނެރެފައެވެ. މި ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގައި ފުރަތަމަފަހަރަށް މެދު ރާއްޖެތެރެއަށް އޮރެންޖް އެލާޓްވެސް އިއްޔެ ވަނީ ނެރެފައެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާއިގައި، ވައިގަދަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީއަށާއި މާލޭސިޓީގެ އިތުރުން ށ. ބިލެއްފައްސަށާއި ބައެއް ރަށްރަށަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައްކާތެރިކަމުގެ އިރުޝާދުތަކެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ނެރެފައެވެ. އެއިރުޝާދުގައި ބުނެފައިވާ މުހިންމުކަންކަން ތިރީގައި އެވަނީއެވެ.

  • ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
    ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށް ގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
  • ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން

މަތީގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ފަރުދީ އަދި ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އެއިދާރާއިން އެދިލައްވައެވެ.