ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު، ރައީސް އޮފީހުން ހާމަ ކުރަށްވައިފިއެވެ.
މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަން ދިނުމަށް ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނަގު އަސަރު ކޮށްފައިވާ ފަރާތްތަކަށާއި، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށެވެ.
އެ އުސޫލުގައި ބުނާ ގޮތުން މި އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ 1 މާރޗް 2020ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތްތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ ފަރާތްތަކަށެވެ.
މި އުސޫލު ބުނާގޮތުން ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު -/ 5,000 (ފަސްހާސް) ރުފިޔާ ދެވޭނެއެވެ. އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯގޭ ލީލް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ، މަހަކު -/ 5,000 (ފަސްހާސް) ރުފިޔާ ލިބިދެވޭނެއެވެ.
މީގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ -/ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، -/ 5,000 (ފަސްހާސް) ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއްލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5,000ރ. އަށްވުރެ ދަށް އަދަދެއް ނަމަ، 5,000ރ. އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށްފޯރުކޮށް ދެވޭނެ އެވެ.
އެލަވަންސް ދިނުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެހެން އާމްދަނީއެއް ލިބޭ މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5,000ރ. ނުވަތަ އެއަށްވުރެމަތީ އަދަދެއް ނަމަ، އެ ފަރާތަކީ، އެލަވަންސް އުސޫލުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައެއް ނުބެލެވޭނެ އެވެ.
މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުތު ހަމަވާ ފަރާތްތައްކަމަށް ބުނެފައި ވަނީ ދިވެހި ރައްޔިތަކަށް ވުމާއިއެކު ރާއްޖެގައި ދިރިއުޅޭ ފަރާތަކަށް ވުމާއި، އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތަކަށްވުމާއި، 1 މާރިޗް 2020 އާއި ހަމައަށް ވަޒީފާގައި ހުރި ފަރާތަކަށް ވުމާއި އަދި ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގުރާމެއްގައި ބައިވެރިވެ، އެ ފުރިހަމަ ކުރުމަށް އެއްބަސްވާފަރާތަކަށް ވުމެވެ.
މި އުސޫލުގެ ދަށުން ޝަރުޠު ފުރިހަމަވާ ފަރާތްތައް ކަނޑައަޅައި، ކަމާއިގުޅޭ އެނޫންވެސް ކަންކަން ނިންމާނީ، ިމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!