ހދ. ކުޅުދުއްފުށީ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން އުތުރުގެ ރައްޔިތުން ޚިދުމަތް ހޯދުމަށް ދާ އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިއުމުގައި ބައެއް ރައްޔިތުންނަށް ދިމާވި ދަތިތަކާއި މެދު ކަން ބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް އެހެން ރަށްރަށު މީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުގައި އަމަލުކުރަންވީގޮތުގެ އުސޫލު އާންމު ކޮށްފިއެވެ.
އެހެން ރަށްރަށު މީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔުމުގައި އަމަލު ކުރަންވީގޮތުގެ އުސޫލު އެ ހޮސްޕިޓަލުން އާންމު ކުރީ 7 މެއި 2020 ގައި އެވެ.
ކުޅުދުއްފުށީ ސިޓީ ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު މެންދު 12:00 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެ މުއްދަތު އިތުރުކޮށް މިހާރު އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ 14 މެއި 2020 ގެ ރޭގަނޑު 12:00 ގައިއެވެ.
އެޗްޕީއޭއިން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. ޅުދުއްފުށީ ސިޓީގެ ލޮކްޑައުންގެ މުއްދަތަށް ގިނަ ދުވަސްތަކެއް ވެފައި ވާއިރު، އެ ސިޓީ ލޮކްޑައުންކޮށްފައި ވަނީ އެސިޓީއާއި އެސިޓީއަށް ޒިޔާރަތް ކުރާ ރައްޔިތުންގެ ސަލާމަތަށް ޓަކައިއެވެ. އެހެންނަމަވެސް އެ ސިޓީއަކީ އުތުރުގެ 3 އަތޮޅު ގެ ރައްޔިތުން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލް ހުންނަ ސިޓީއަށް ވުމުން އެ ހޮސްޕިޓަލުން ޚިދުމަތް ލިބިގަތުމަށް ދަތިތައް ކުރިމަތިވެ، އެ ސަރަޙައްދުގެ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިގޮތުން އެ ސަރަހައްދުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަމުން ދާތާ ދުވަސްތަކެއް ފަހުން މި ކަނޑައެޅުނު އުސޫލުގެތެރެއިން އެ ރައްޔިތުންގެ ކަންބޮޑުވުންތަކަށްވެސް ހައްލު ލިބިގެން ދާނެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމު ކުރި، އެހެން ރަށްރަށު މީހުން ޑޮކްޓަރަށް ދައްކަން ދިޔުމުގައި އަމަލު ކުރަންވީގޮތުގެ އުސޫލު
- ރަށުން ބޭރު އެއްވެސް ފަރާތެއް ކޭ.އާރ.އެޗް ގެ އެއްވެސް ޑޮކްޓަރަކަށް ދައްކަން ބޭނުންވެއްޖެ ނަމަ އެޕޮއިންޓްމަންޓް ހައްދަންވާނެއެވެ. އެޕޮއިންޓްމަންޓް ހެއްދުމުން ކޭ.އާރ.އެޗް އިން ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ބަލިމީހާގެ ހާލަތު ބަލާނެއެވެ. އަދި އިތުރު ފަރުވާ ނުވަތަ ލެބޯޓްރީ އިންވެސްޓިގޭޝަން އެއް ހަދަން ނުޖެހޭނަމަ ރަށުގަ ހުންނަވައިގެން އެރަށެއްގެ މަރުކަޒު މެދުވެރިކޮށް ބޭސް ސިޓީ ލިބޭނެ އިންތިޒާމް މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.
- ޓެލެކޮންސަލްޓޭޝަން ހައްދަވާ އެހެން ރަށެއްގެ ބަލިމީހެއް ހޮސްޕިޓަލަށް ދެއްކުމަށް ނުވަތަ އިތުރު ތަހުލީލު (ލެބޯޓްރީ،ސްކޭން، އީސީޖީ، ސީޓީ، އެކްސް. ރޭ) ހެދުމަށް ނުވަތަ ޑަކްޓަރަށް ޒިޔާރަތްކުރުމަށް ޑަކްޓަރު ލަފާދެއްވައިފިނަމަ އެހިދުމަތަކަށް ބޭނުންވާ ރިކުއެސްޓް ވިނަވި އަދި އެޗް.އައި.އެސްއިން ތައްޔާރު ކުރުމަށްފަހު، ޑަކްޓަރ ރެފަރެންސް ލިޔުމެއް ތައްޔާރުކޮށް އެލިޔުން ބަލިމީހާ ދޭ ނަންބަރަށް ކޭ.އާރ.އެޗް ގެ ކައުންޓަރުން ވައިބަރ މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ކުޅުދުއްފުށީގެ ސޯޝިއަލް ސަޕޯރޓް ޑެސްކް (އެސް.އެސް.ޑީ) އަށް
މިލިޔުން ވައިބަރ ކޮށްދޭންވާނެއެވެ. - އިތުރު ފަރުވާތަހުލީލަށް ކުޅުދުއްފުއްޓަށް އަންނަންވާނީ އެރަށެއްގެ އަދި ކުޅުދުއްފުށީގެ އެސް.އެސް.ޑީ އަށް ރެފަރެންސް ލިޔުން ހުށައަޅާ ހުއްދަ ލިބުމަށް ފަހުގައެވެ.
- އިތުރު ފަރުވާ ތަހުލީލަށް އަންނަ ބަލިމީހާ އާއި އެކު ކުޅުދުއްފުއްޓަށް އައުމަށް ހުއްދަ ދެވޭނީ އެންމެ އެހީތެރިއަކަށެވެ. އަދި އެޑްމިޓް ކުރަން ނުވަތަ ވިހެއުމަށް އަންނަ ބަލިމީހާއާއި އެކު ކުޅުދުއްފުއްޓަށް އައުމަށް ހުއްދަ ދެވޭނީ ގިނަވެގެން 2 އެހީތެރިންނަށެވެ.
- މީގެ އިތުރުން އެމަރޖެންސީ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ކޭ.އާރ.އެޗްގެ ކަމާގުޅޭ ކޮންސަލްޓަންޓެއްގެ ލަފާގެ މަތިން ބަލިމީހާއަށް ފަރުވާ ކުރުމުގެ އެންމެހާ ކަންކަން ހޮސްޕިޓަލާއި އެރަށެއްގެ ޞިއްހީ މަރުކަޒު ގުޅިގެން އިންތިޒާމް ކުރަންވާނެއެވެ.
- ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކުޅުދުއްފުށި ކައުންސިލް އިދާރާގެ އިތުރުން ކުޅުދުއްފުށީ ކޯވިޑް ޓާސްކު ފޯސް އިން ކޮވިޑް 19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުންނާއި އެހީތެރިން އިހުތިރާމްކޮށް އަމަލު ކުރަންވާނެއެވެ.
ތިރީގައި މިހިއްސާކޮށްލަނީ ކުރިން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ދިޔުމުގައި ކުރިމަތިވާ ބައެއް ކަން ބޮޑުވުންތައް ގޮތުގައި މިސަރަހައްދުގެ ބައެއް މީހުން ހިއްސާކޮށްފައިވާ ބައެއް ކަންތައް ތަކެވެ.
- އެ ހޮސްޕިޓަލަށް އަދި މިސަރަހައްދުގައި ދިރިއުޅޭ މާބަނޑުމީހުންގެ ތެރެއިންވެސް މާލެ އަށް ދައްކަމުން އަންނަ ފަރާތްތަކަށް ފަސޭހަ ގޮތެއް ނެތުން.
- މަރުކަޒުތަކަށް ހޮސްޕިޓަލުން މެމޯއެއް ފޮނުވާފައިކަމަށް ހަބަރު ފެތުރުނު، އެ މެމޯގައި ވާގޮތުން މާބަނޑު މީހުންގެ ކަންކަމުގައި ނުގުޅުމަށާއި އެމެޖެންސީ ހާލާތު ދިމާވެގެން ފިޔަވާ ނުގުޅުމަށާއި މީހުން ނުފޮނުވުމަށް އެދެފައިވާ ކަމަށް ޚަބަރު ފެތުރުނު.
- މާބަނޑުމީހުންނަށް މާލެގައި ލުއިގޮތްތަކެއް ހަމަޖެހިފައިވާއިރު ހދ. އަތޮޅުން މާބަނޑުވެ ޑޮކްޓަރަށް ދައްކާފަރާތްތަކަށް ވަރަށް އުނދަގޫ ތަކުލީފެއް ކުރިމަތިވެފައިވުން.
- ޓާސްކްފޯހުގެ ޑެސްކު ތަކުން ހުއްދަލިބި ކުޅުދޫފުއްޓަށް ދެވޭ ހިސާބުން ބަނދަރުގައި މަޑުކުރަން ޖެހުމާއި އަދި ހިދުމަތް ނުލިބި ބައެއް މީހުން އަބުރާ އައިސްފައިވުން.
- ހުއްދަލިބި ހޮސްޕިޓަލަށް ދެވި، ހިދުމަތް ނުލިބޭގޮތް މެދުވެރިވުން.
- ހޮސްޕިޓަލުުން ޑޮކްޓަރ ލިޔުން ލިބިއްޖެއް ނަމަ އެޕޮއިންޓްމަންޓް ލިބޭނެ ކަމަށް ބުނޭ. ނިޔާ ކަޑައަޅަނީ ޑޮކްޓަރ. ޑޮކްޓަރަށް ދައްކަން ބުނާ މުއްދަތު ތެރެގައި ނުދެއްކިންޖެނަމަ އޭގެ ސަބަބުން އިތުރު އުނދަގޫކެއްް ކުރިމަތި ވުން.
އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން ތަކާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވަނީ މީގެ ކުރިން ޚާއްސަ މެސެޖެއް ދެއްވާފައެވެ.
“އަޅުގަނޑުމެންގެ އަވައްޓެރި ރަށްތަކުގެ ރައްޔިތުންނަށް ދަންނަވަމެވެ. މި ހާލަތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އެޗްޕީއޭ އިންވަނީ މުޅި ޤައުމަށް ފުރަބަންދު ގެނެސްފައެވެ. ވީމާ ކުޅުދޫފުއްޓަށް އައުމުގައި ދިމާވާ އުނދަގޫތަކަށް ކެއްތެރިވާށެވެ. ތި ބޭފުޅުން ކުޅުދޫފުއްޓަށް އަންނަން އެއްވެސް މީހަކު ދެކޮޅެއް ނޫނެވެ. އެކަމަށް ހުރަސް އަޅަނީ ހާލަތެވެ."
އެމެސެޖުގައި ލަތީފް ވިދާޅުވެފައި ވެއެވެ.
"މާލޭގައި ފެތުރިފައި އޮތްކަމެއް އެންމެ ފަސޭހައިން އައުމުގެ ފުރުޞަތު އޮތީ ކުޅުދޫފުއްޓަށެވެ. އަދި މިރަށުގައި މިބަލި ފެތުރިއްޖެނަމަ ކައިރި ރަށްތަކަށް މިބަލި ދިއުމަކީ ކައިރިކަމެކެވެ. އަޅުގަނޑުމެން އެދެނީ ތި އެންމެ ބޭފުޅުން ވެސް ކެތްތެރިވުމެވެ. ފަހަރެއްގައިވެސް ތި ބޭފުޅުންނަށް އުނދަގޫ ކުރުމެއް ބޭނުމެއް ނޫނެވެ. އަދި ތިބޭފުޅުންނަށް އުފަލާއިއެކު މެހެމާންދާރީ ދޭން ބޭނުމެވެ."
އެމެސެޖުގައި ލަތީފު އިތުރަށް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!