ދިވެހިރާއްޖޭގެ އުތުރުގެ އެންމެބޮޑު އާބާދީ އޮންނަ ކުޅުދުއްފުށި ސިޓީއަކީ ބޮޑުތިލަދުންމަތީގެ ގިނަގުނަ ޚިދުމަތްތަކެއް އެތަނަކާއި ގުޅިލާމެހިފައިވާ ތަނެކެވެ. ވުމާއިއެކު ތިލަދުންމަތީގެ ރަށްތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް އެކިއެކި ބޭނުންތަކުގައި އެ ސިޓީއަށް ދަތުރުކޮށް އުޅެއެވެ.

ޤައުމަށް ދިމާވެފައިވާ ދަތިއުނދަގޫ މި ހާލަތުގައި އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް ފޭސްބުކް ސްޓޭޓަސްއެއް މެދުވެރި ކުރައްވާ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުއްލަތީފު ހަސަން ވަނީ މުހިންމު މެސްޖެއް ދެއްވާފައެވެ. އެ މެސެޖުގައިވެއެވެ.

Ad
rt

"އަޅުގަނޑުމެންގެ އަވައްޓެރި ރަށްތަކުގެ ރައްޔިތުންނަށް ދަންނަވަމެވެ. މި ހާލަތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ. އެޗްޕީއޭ އިންވަނީ މުޅި ޤައުމަށް ފުރަބަންދު ގެނެސްފައެވެ. ވީމާ ކުޅުދޫފުއްޓަށް އައުމުގައި ދިމާވާ އުނދަގޫތަކަށް ކެއްތެރިވާށެވެ. ތި ބޭފުޅުން ކުޅުދޫފުއްޓަށް އަންނަން އެއްވެސް މީހަކު ދެކޮޅެއް ނޫނެވެ. އެކަމަށް ހުރަސް އަޅަނީ ހާލަތެވެ.

މިއީ އަޅުގަނޑު މެންނަށް މިސްކިތުގެ ޖަމާޢަތަށް ނުދެވޭ ވަގުތެކެވެ. މިއީ މަހުޖަނުން ބޮޑު ޚަރަދުކޮށްގެން ހެދި ރިސޯޓުތައްވެސް ބަންދުކޮށްފައިވާ ވަގުތެވެ. ދުނިޔޭގެ ބާރުބޮޑު އެއާރޕޯޓުތައްވަނީ ހިމޭންވެފައެވެ. ގުގުމަމުންދިޔަ ސްޓޭޑިއަމްތައްވަނީ ފަޅުވެފައެވެ. ބަލަމުންދިޔަ ލައިވް މެޗުތައް ނުފެނެއެވެ. ބޮޑު ޚަރަދުކޮށްގެންދިޔަ މުޤައްދަސް ބިމަކަށް ނުދެވެއެވެ. ވީމާ ކުޅުދޫފުއްޓަށް އައުމުގައި ވެސް ދިމާވެގެން މި އުޅޭ ދަތިތައް ޤަބޫލުކުރައްވާށެވެ.

މާލޭގައި ފެތުރިފައި އޮތްކަމެއް އެންމެ ފަސޭހައިން އައުމުގެ ފުރުޞަތު އޮތީ ކުޅުދޫފުއްޓަށެވެ. އަދި މިރަށުގައި މިބަލި ފެތުރިއްޖެނަމަ ކައިރި ރަށްތަކަށް މިބަލި ދިއުމަކީ ކައިރިކަމެކެވެ. އަޅުގަނޑުމެން އެދެނީ ތި އެންމެ ބޭފުޅުން ވެސް ކެތްތެރިވުމެވެ. ފަހަރެއްގައިވެސް ތި ބޭފުޅުންނަށް އުނދަގޫ ކުރުމެއް ބޭނުމެއް ނޫނެވެ. އަދި ތިބޭފުޅުންނަށް އުފަލާއިއެކު މެހެމާންދާރީ ދޭން ބޭނުމެވެ.

އުންމީދަކީ އަވަހަށް މިބަލި ފެތުރުން ކޮންޓްރޯލުވެ ތިބޭފުޅުންނަށް އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގެ މަގު ފަހިވެގެން ދިއުމެވެ. ހޮސްޕިޓަލުގެ މެނޭޖުމެންޓުވެސް އޮތީ ހަމަ އެހެންނެވެ. އެ ބޭފުޅުންވެސް އައު ޚިދުމަތްތަކާއި އެކު ތި ބޭފުޅުންނަށް މަރުހަބާ ކިޔާނެއެވެ. މިވަގުތު ފިޔަވަޅުތަކާއި މެދު ކެތްތެރިވާށެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން މިބަލިން ރައްކާތެރިވުމެވެ. އެންމެން ގޭގައި މަޑުކުރާށެވެ."

ލަތީފްގެ ދިގު މެސެޖުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް މި މެސެޖް ރައްޔިތުންނަށް ދެއްވާފައި މިވަނީ ކޯވިޑް19 ބަލިމަޑުކަމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކުރުމާއިއެކު އެ ސިޓީއަށް ޚިދުމަތް ހޯދުމަށް ދާ ފަރާތްތަކަށް ވަރަށް ބޮޑުދަތިކަމަކާއި ކުރިމަތިވެފައިވާ ވަގުތެއްގައެވެ.

ހާއްސަކޮށް މިހާލަތާއި ގުޅިގެން ސިއްހީ ހިދުމަތް ލިބުމުގައި ކުރިމަތިވި ދަތިތަކާއި ގުޅިގެން ގިނަބަޔަކުވަނީ ޝޯސަލް މީޑިޔާގައިވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.