ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ފުރަބަންދު، ބަދަލު ތަކަކާއިއެކު ދަމަހައްޓަން ކުޅުދުއްފުށި ކޯވިޑް-19 ޓާސްކް ފޯހުން ނިންމާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.
އެކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ރޯގާގެ ބިރުވެރިކަން ރާއްޖޭގައި މި ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށާއި، އުތުރުގެ ބައެއް ރަށްރަށުން ބައްޔަށް ފައްސި ވެފައިވާ މީހުން ފެނި ބަލި އަންނަނީ އިތުރަށް ފެތުރެމުން ކަމަށެވެ.
ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ އިޤްތިސާދީ، ސިއްހީ އަދި ދަތުރުފަތުގެ ނާރެސްކަމުން ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުން މި ސަރަހައްދުގެ ހާލަތަށް ރިއާޔަތް ކޮށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ކައުންސިލުން 23 އޭޕްރިލް 2020 ވަނަ ދުވަހު ކުރި އިޢުލާން އިން ކުޅުދުއްފުށީގައި ހިންގާފައިވާ ފުރަބަންދު، ބަދަލު ތަކަކާއި އެކު ދަމަހައްޓަން ކުޅުދުއްފުށި ކޯވިޑް-19 ޓާސްކް ފޯހުން ނިންމާފައިވާކަން ދަންނަވާ ކަމަށް އެ ކައުންސިލްގެ ޢިއުލާނުގައި ބުނެފައި ވެއެވެ.
މި ގޮތުން 01 މެއި 2020 އިން 07 މެއި 2020 ގެ ނިޔަލަށް ޒަރޫރީ ބޭނުންތަކަށް ހުއްދަ ހޯދުމަކާއި ނުލައި ހެނދުނު 06:00 އިން ހަވީރު 03:30 އަށް ނުކުމެ އުޅެވޭގޮތައް ހަމަޖައްސައި މި ނޫން ގަޑިތަކުގައި ކުޅުދުއްފުށި ސިޓީގައި ހުއްދަ ހޯދުމަކާއި ނުލައި ބޭރަށް ނުކުމެ އުޅުން މަނާކަން އާންމުކޮށް އަންގައި އިޢުލާން ކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ ކާފިއު އިޢުލާން ކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އެހެން ކަމުން އެ ކައުންސިލްގެ އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އެޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު އެ ކައުންސިލަށް ލިބިފައިވާކަން އަންގާ ކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
ބަލި ކޮންޓްރޯލް ކުރުމަކީ ބަލިން ރައްކާތެރިވުމަށް ތިބުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަން ހަނދާން ކޮށްދީ، ކުޅުދުއްފުށީ ކޯވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެ ކައުންސިލުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.
މި ހައްސާސް ދަނޑިވަޅުގައި އާންމު ސާފުތާހިރުކަމަށާއި، އާންމު ދިރިއުޅުމުގައި އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދުރާލައި ރާވާލައި ބޭރަށް ނުކުމެ އުޅުން މަދުކުރުމާއި މުޖުތަމަޢުގެ އާންމު މަސްލަހަތު ގެއްލޭ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކުޅުދުއްފުށީ ސިޓީ ތިން ދުވަހަށް ފުރަތަމަ ފުރަ ބަންދުކުރީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު މެންދު 12:00 ގައިއެވެ. އޭގެ ފަހުން 23 އޭޕްރިލްގައި އެ ނިންމުމުގެ މުއްދަތުވަނީ ހަތް ދުވަހަށް އިތުރު ކޮށްފައެވެ.
އުތުރުން ށ. ނަރުދޫން 8 މީހުން ކޯވިޑަށް ޕޮޒިޓިވު ވެފައިވާއިރު، ށ. މިލަންދޫ މީހަކާއި އަދި ހއ. އުލިގަމު މީހެއްވެސް ވަނީ ކޯވިޑަށް ފައްސިވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޖުމްލަ 396 މީހުން ޕޮޒިޓިވް ވެފައިވާ އިރު، އޭގެ ތެރެއިން 17 ވަނީ މީހަކު ރަނގަޅުވެފައެވެ.
މިއަދުވެސް މިބައްޔަށް އަލަށް 95 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނައިން ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 73 މީހުންނެވެ.
މިވަގުތު ކަރަންޓީނު ފެސިލިޓީސް ތަކުގައި 1289 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 285 މީހަކު އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!