ށ. މިލަންދޫ މީހަކުވެސް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިލަންދޫ އިން ކޯވިޑް-19 އަށް ފައްސިވެފައިވަނީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި މީހަކަށެވެ. އެޗްޕީއޭގެ ރަސްމީ ބަހެއް މިކަމަށް ލިބިފައި ނުވިޔަސް އެރަށުން މިކަން މި ނޫހަށް ވަނީ ޔަޤީން ކޮށްދީފައެވެ.
މިލަންދޫ މީހަކު ކޯވިޑަށް ފައްސިވިއިރު، އަމާޒު ބޯޓު ނިސްބަތްވާ ނަރުދޫން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ފައްސިވެފައެވެ.
ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވެފައިވާއިރު، އެ ބޯޓުން ވަނީ އެކި ރަށް ރަށުގެ 98 މީހެއް ދަތުރު ކޮށްފައެވެ. އަދި އެމީހުންނާއި ސީދާ ބައްދަލުވި 101 މީހެއް ހޯދި ފައިވާ ކަމަށް އެންއީއޯސީއިން ރޭ ވަނީ ބުނެފައެވެ.
މީގެ ކުރިން ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހެއްވެސް ވަނީ މިބައްޔަށް ފައްސި ވެފައެވެ. އުލިގަމުން ފައްސިވި މީހާއަކީ އަތޮޅުތެރޭ މީހުން އުޅޭ ރަށަކުން ފައްސިވި ފުރަތަމަ މީހާއެވެ.
ކާވިޔާ ބޯޓާއި، އަމާޒު ބޯޓު މިހާރު މޮނިޓަރިންގ ހާލަތުގައި އޮތްއިރު އުތުރުގެ ގިނަ ރަށްތަކެއްވެސްވަނީ މޮނިޓަރިންގ ހާލަތަށް ލާފައެވެ.
ރާއްޖެއިން މިހާރު ވަނީ ޖުމްލަ 245 މީހަކު މިބައްޔަށް ފައްސިވެފައެވެ. މިބަލިން ރާއްޖޭގައި 17 މީހުން ރަނގަޅު ވެފައިވާ އިރު މިވަގުތު ހޮސްޕިޓަލް ގައި އެޑްމިޓް ކުރެވިފައިވަނީ އެންމެ މީހެކެވެ.
ރާއްޖެއިން މިބައްޔަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ 115 މީހުން ފައްސިވެފައިވާ ބަންގްލަދޭޝް މީހުން ނެވެ. ރާއްޖޭގެ 94 މީހަކަށް މިބަލި ޖެހިފައިވާއިރު، އިންޑިއާ 17 މީހަކަށް، އިޓަލީ ވިލާތު 11 މީހަކަށް، ޕާކިސްތާނުގެ 2 މީހަކަށް، ލަންކާގެ 2 މީހަކަށް، އިނގިރޭސިވިލާތުގެ އެކަކަށާއި، ވަކި ޤައުމެއް ހާމަނުކުރާ ތިން މީހަކަށް ރާއްޖެއިން މިބަލި ޖެހިފައިވާ ކަމަށް ހެލުތު މިނިސްޓްރީގެ މައުލޫމާތުތަކުން ހާމަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!