ށ. ފުނަދޫ އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ފުނަދޫ އޮތީ މޮނިޓަރިންގ ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނީ ދެންމެ އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައިއެވެ.

Ad
rt

އެ ޕޯސްޓްގައި ވަނީ އެއްވެސް ބޭނުމެއްގައި ބޭރަށް ނުނިކުތުމަށެވެ.

އެކައުންސިލުން އިތުރަށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން16 އޭޕްރިލް2020 ވަނަ ދުވަހު އެ ރަށަށް ދަތުރުކުރި މީހަކު ހިމެނޭތީ، ކޮންޓެކްޓް ޓްރޭސިންގ ގެ ބޭނުމަށް ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެވިފައިވާ ކަމަށް އެޗްޕީއޭއިން އަންގާފައި ވާކަމަށެވެ.

އެޗްޕީއޭއިން މިހާތަނަށް އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިވަގުތު މޮނިޓަރިންގައި އޮތީ އަތޮޅުތަކުގެ 8 ރަށެވެ. އެއީ މާލެ ސިޓީ، ކ. ގުރައިދޫ، ބ. ފުޅަދޫ، ދ. ކުޑަހުވަދޫ، ކ. ތުލުސްދޫ، ކ. ކުޑަވިނލިގިލި، ކ. ތުޅާގިރި ރިސޯޓު އަދި ހއ. އުލިގަމެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ރާއްޖެއިން ކޯވިޑަށް ފައްސިވި ޖުމްލަ އަދަދަކީ 128 އެވެ. އަލަށް މިބައްޔަށް ފައްސިވި މީހުންގެ ޢަދަދަކީ 20 މީހުން ކަމަށް އެޗްޕީއޭގެ މައުލޫމާތުން ހާމަވާއިރު، އޭގެ ތެރޭ ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ. މާލެއިން ފައްސިވި މީހުން އަދަދު ވަނީ 107 އަރާފަ އެވެ.

މިހާތަނަށް 5441 ސާމްޕަލް ނަގާފައިވާއިރު 5071 ސާމްޕަލް ވަނީ ނައްސިވެފައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 1329 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 125 މީހުންނެވެ.