ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަންގާފައިވާ ގޮތުގެ މަތީން އަމަލު ކުރުމަށްޓަކައި، ހއ. ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ދިއްދޫ ކައުންސިލުން ހާމަ ކޮށްފިއެވެ.
ދިއްދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ކަނޑައަޅުއްވައި، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އަންގައި ނެރުރުއްވާފައިވާ
ބަޔާނުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް ނިންމަވާފައި ވާތީ، ޟަރޫރީ ބޭނުމެއްގައި އެއްވެސް ބޭފުޅަކު ދިއްދޫއަށް ވަޑައިގަންނަވާނަމަ، އެ ބޭފުޅަކު ދިރިއުޅޭ ރަށަކަށް ނިސްބަތްވާ ކައުންސިލެއް މެދުވެރިކޮށް އެބޭފުޅަކު ދިއްދުއަށް ވަޑައިގެންނެވުމުގެ ވީހާވެސް ކުރިން އެ ކައުންސިލަށް އެންގެވުމަށް ދަންނަވާ ކަމަށެވެ.
އޭގެ އިތުރުން ދިއްދޫގައި ދިރިއުޅުއްވާ އެއްވެސް ބޭފުޅަކު އެހެން ރަށަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަދަ ޟަރޫރީ ބޭނުމެއް ޖެހިއްޖެނަމަ ފުރުމުގެ ވީހާވެސް ކުރިން އެކަން އެ ކައުންސިލުގެ ހޮޓްލައިން ނަންބަރ: 7285567 ގުޅާ އެކަން އެންގެވުމަށްވެސް އެކައުންސިލުން އެދިފައިވެއެވެ.
އެކައުންސިލުން އިތުރަށް ބުނެފައިވަނީ ހަލުވިކަމާއެކު މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ވަނީ ނިންމާފައިވާތީ، 19 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ (އިއްޔެ) މަޣްރިބު ނަމާދު ވަގުތުން ފެށިގެން ދިއްދޫގެ މިސްކިތްތަކުގައި ފަރުޟު ނަމާދުތަކާއި ހުކުރުނަމާދު އަދި ތަރާވީޙް ނަމާދުގެ ޖަމާޢަތް މި މަހުގެ ނިޔަލަށް މެދުކަނޑާލެވިފައިވާ ކަމަށެވެ.
އެކައުންސިލުންވަނީ ރާއްޖޭއިން، ޚާއްސަކޮށް ހއ. އަތޮޅުގެ އުލިގަމުން ކޯވިޑް-19 ވައިރަސް ފެނިފައިވުމާއެކު، ދިއްދޫގައި އެ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 19 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 4:00 ން ހެނދުނު 6:00 އަށް ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން މަނާކޮށްފައިއެވެ.
މީގެ އިތުރުންވެސް ދިއްދޫ ކައުންސިލުން އެކުލަވާލައިފާވާ ކޮވިޑް-19 ޓާސްކް ފޯހުންއަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅައި، ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!