ފެތުރެމުންދާ ކޯވިޑް-19ގެ ބިރު ވެރި ރާޅު ތިލަދުން މައްޗަށް ބިންދާލި މިދަނޑިވަޅުގައި، މުޅި ރާއްޖެވެސް އޮތީ ދުނިޔެކޭ އެއްފަދައިން ބިރުވެރި ކަމުގައެވެ.

މިކަން މިހެން ވާން ލޮލާއި ބޮލުން ނޭދޭ ހާލު، މިވަގުތަކީ ޙަޤީޤަތާއި ކުރިމަތިލައި، އެކަކު އަނެކަކުގެ ހާލުބަލައި، އެއްބައި ވަންތަކަން އިސްކޮށް، ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ ބަހަށް ކިޔަމަންވެ، އިރުޝާދުގައި ހިފައި، މާތް ﷲ ގެ ކިބައަށް ދުޢާކުރުން މަތީ ތިބެންވީ ވަގުތެވެ. އުންމީދު ކަނޑާލުމެއްނެތި ތިމާއާއި އަނެކާއަށް ޓަކައި ހެޔޮ ދުޢާކުރާންވީ ވަގުތެވެ.

Ad
rt

މާލެއިން ކޯވިޑް-19 އަށް އިތުރު 16 މީހުން މިއަދުވެސް ވަނީ ފައްސިވެފައެވެ. މި ސޯޅަ މީހުންނަކީވެސް ބިދޭސީންނެވެ. އެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 18 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ހާމަ ކުރެއްވި އިރު ތިލަދުން މައްޗަށް ނިސްބަތްވާ ހަތް ތަނެއް އެލިސްޓުގައި މިވަނީ ހިމެނިފައެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކެއް އެންމެ ގިނައިން އެއްފަހަރާ މޮނިޓަރިންނަށް ގެނައި ފުރަތަމަ ފަހަރެވެ. އަދި ފުރަތަމަ ފަހަރަށް މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށަކުން މީހަކު މިބައްޔަށް ފައްސިވެފައި މިވަނީވެސް ތިލަދުން މަތިންނެވެ.

ހއ. އުލިގަމުގައި ހުރި މީހަކު އެބައްޔަށް ފައްސިވިކަން މިހާރުވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ޔަޤީން ކޮށްދީފައެވެ. އެބަށްޔަށް ފައްސިވެފައި ވަނީ އެ ރަށުން މާލެ އަައުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު އަނބުރާ އެ ރަށަށް ދިޔަ މީހެކެވެ. އޭނާއާ އެއް ބޯޓެއްގައި ދިޔަ މީހުން ވެސް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.

އަލަށް ފެނުނު ކޭސް ތަކާއި ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)އިން މިއަދު އާންމު ކުރި ލިސްޓުގައި ހިމެނޭ މޮނިޓަރިންނަށް ގެނެސްފައިވާ ތިލަދުންމަތީގެ ހަތް ރަށަކީ ހއ. އޮތޮޅުގެ ފަސްރަށް ކަމަށްވާ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހޯރަފުށި އަދި ހދ. އަތޮޅުގެ ދެ ރަށް ކަމަށްވާ ވައިކަރަދޫ، ހިރިމަރަދޫ އެވެ.

މިމަހުގެ 16 ވަނަ ދުވަހު ހަނިމާދޫއަށް ދަތުރުކުރި ފްލައިޓަކުން ހއ. ވަށަފަރަށް ދިޔަ، މާލޭގައި ކޯވިޑް-19 އަށް ފައްސިވި ކޭހަކާއި ގުޅުން ހުރި މީހެއްގެ ސާމްޕަލް މިހާރު ނަގާފައި ވާއިރު، އޭނާ ހުރި ގެ އެޗްޕީއޭއިން ވަނީ މީހުން ވަދެ ނުކުތުން މަނާ ގެއެއް ކަމަށް ކަނޑައަޅައިފައެވެ.

ﷲ ރަޙުމަތް ފުޅުގެ މަތީން އުންމީދު ކަނޑާލުމެއް ނެތެވެ. އޮތީ އެކަލާނގެއަށް ކުށްތަންވެ، ސަބަބުތަކުގައި ހިފައި ހާލަތުން އަރައިގަތުމަށް އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރުމެވެ. އިޖުތިމާއީ ގައިދުރުކަން އިސްކޮށް، ސައިބޯނި ލައިގެން އަތް ދޮވެ، ބަލިން ރައްކާތެރި ވުމަށް ލިބެމުންއަންނަ އެންމެހާ އިރުޝާދުތަކަށް ބޯލެނބުމެވެ.

ދުޢާއަކީ މާތް ﷲގެ ރަޙުމަތުން މިހާލަތުން އަޅުގަނޑުމެންނަށް ވީއެންމެ އަވަހަކަށް އަރައިގަނެވުމެވެ. ރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކަށް ވީ އެންމެ އަވަހަކަށް މިބަލިން ސަލާމަތްތެރިކަން ލިބުމެވެ. ގަދަ ކީރިތި ވަންތަ ﷲ އަޅުގަނޑުމެންނަށް މިކަމުގައި ސާބިތުކަން ދެއްވައި، އަވަސް އަލިމަގެއް ދައްކަވާށިއެވެ.