މިއަދުގެ އިރުއޮއްސި 18:00 ގެ ފަހުން ޒަރޫރީ ބޭނުމެއްގައިވިޔަސް ހދ. ފިނޭއަށް ދާނަމަ ފިނޭ ކައުންސިލްގެ ހުއްދަ ހޯދުމަށް ފިނޭ ކައުންސިލުން އެދިއްޖެއެވެ.
އެކަމާއި ގުޅޭ ގޮތުން ފިނޭ ކައުންސިލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނެފައި ވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާތީ، ފިނޭގައި އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކްފޯހާއި، ފިނޭ ސޯޝަލް ސަޕޯޓް ޑެސްކުގެ އިރުޝާދުގެ މަތިން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާކަމަށެވެ.
އެގޮތުން 2020 އޭޕްރިލް 17 ވާ ހުކުރު ދުވަހުގެ ( މިއަދުގެ) އިރުއޮއްސި 18:00 ގެ ފަހުން ޒަރޫރީ ބޭނުމެއްގައިވެސް އެ ރަށް ދާނަމަ، ދުރާލައި 7467508 ނުވަތަ 9723791 ނަންބަރުފޯނާއި ގުޅުއްވައި އެ ރަށަށް ދާ ބޭނުމާއި، ދާ މީހުންގެ އަދަދު އެންގެވުމަށްފަހު ހުއްދައެއް ހޯދަން އެކައުންސިލުން ވަނީ އެދިފައި އެވެ. އަދި އެ ގޮތަށް ޢަމަލު ނުކޮށްފިނަމަ އެ އުޅަނދެއް އަނބުރާ ފޮނުވާލެވޭނެ ކަމަށްވެސް ފިނޭ ކައުންސިލްގެ ދެންނެވުމުގައި ވެއެވެ.
ފިނޭ ކައުންސިލުން އެޅުމަށް ނިންމާފައިވާ އިތުރު ފިޔަވަޅުތައް
- ދިރިއުޅޭ ގޭބިސީ ފިޔަވައި އަމިއްލަ ތަންތަނާއި އާއްމު ތަންތަންވެސް ހިމެނޭ ގޮތަށް އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓާލުން.
- މާހެފުމާއި ، ދަތުރު ދިޔުމާއި ، މޫދަށް އެރުމާއި ކުޅިވަރު ކުޅުމާއި، އެނޫންވެސް އިޖުތިމާޢީ ޙަރަކާތްތައް ބޭއްވުން ފަދަ ކަންތައްތައް ނުކުރުން.
- ބަލިވެގެން، ޑޮކްޓަރަށް ދެއްކުމަށްޓަކައި ރަށުން ބޭރަށް ދާން ބޭނުންވެއްޖެ ޙާލަތެއްގައި، ފިނޭ ޞިއްހީމަރުކަޒުގެ އޮންކޯލް ނަންބަރު 9772129 އާ ގުޅުއްވައި ރަށުގައި ހުންނެވި ޑޮކްޓަރުގެ ލަފާޔާއި އިރުޝާދު ހޯދުން.
- ޓާސްކްފޯރސް އަދި ސޯޝަލް ސަޕޯރޓް ޑެސްކުގެ ފަރާތުން ބަނދަރު އަދި ރަށުތެރޭގައި ފޯރި މަރަމުން ގެންދިޔުން.
ފިނޭ ކައުން ސިލުގެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ މީގެ ކުރިންވެސް މީހުން އެއްވެ ނޫޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރިނަމަވެސް، އެ ކަމަށް އެދެވޭ ނަތީޖާއެއް ފެނިފައި ނުވާތީ، ރަށުގެ ބަނދަރާއި، މި ނޫންވެސް އަތިރިމަތީގައި މީހުން އެއްވެ އުޅުމަށް މަގުފަހި ވާގޮތަށް ހެދިފައިވާ ޖޯލިފަދަ ތަކެތި 2020 އޭޕްރީލް 21 ގެ ކުރިން އެތަކެތީގެ ވެރިފަރާތުން ނެގުން އެދޭ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފިނަމަ ޓާސްކްފޯރސް އަދި ސޯޝަލް ސަޕޯރޓް ޑެސްކުގެ ފަރާތުން އެ ތަކެތި ނަގާނެ ކަމަށްވެސް ދެންނެވުމުގައި ބުނެފައި ވެއެވެ.
މި ފަދަ ވަގުތެއްގައި ރައްޔިތުން ކެތްތެރިވުމަށް ނަސޭޙަތްތެރިވާކަމަށާއި، އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށްވެސް ފިނޭ ކައުންސިލުން ބުނެފައި ވެއެވެ. މީގެ އިތުރުން ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާ މަޢުލޫމާތުތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފިނޭ ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!