1 އޭޕްރިލް 2020 ގެ ފަހުން މާލެއިން ހއ. އިވަންދޫއަށް ގޮސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް ހއ. އިހަވަންދޫ ކައުންސިލުން އެދިއްޖެއެވެ.
އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ 1 އޭޕްރިލް 2020 ގެ ފަހުން މާލެއިން ހއ. އިވަންދޫއަށް އައިސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދޭ ކަމަށެވެ.
އަހަވަންދޫ ކައުންސިލްގެ މި ފިޔަވަޅަކީ، އިއްޔެ މާލެއިން ކޯވިޑްގެ އައު ކޭސްތަކެއް ފެނުމުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.
އެ ކައުންސިލުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެރަށުގައި އެރަށުގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީވުމަށް ދެވަނަ ފުރުޞަތެއް ދީ، އެ ފުރުޞަތުގައި މިމަހު16 ގެ ކުރިން ރަޖިސްޓަރީ ނުވެއްޖެނަމަ އެފަދަ މީހުން ރަށުން ފޮނުވާލަން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށްވެސް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައިއެވެ.
އިހަވަންދޫ ކައުންސިލުން ވަނީ ކޯވިޑް-19 އާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިއެވެ. އޭގެ ތެރޭގައި ރަށުގެ މަގުތައް ސާފު ތާހިރު ކަންމަތީ ބޭއްވުމަށް އެރަށުގެ މަގުތަކާއި، ބަނދަރު ސަރަޙައްދަށް ފެންޖެހުމުގެ މަސައްކަތް ކުރުމާއި، އިހަވަންދޫއަށް އަރާ ފައިބާ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާއި، މީހުން އެއްވުމުގެ ފުރުޞަތު ހަނި ކުރުމަށްޓަކައި، މިހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ޖޯލި ފަތިތައް ނެގުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
އެގޮތުން އިތުރަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުން ހޭލުންތެރި ކުރުމަށް ހާލަތާއި ގުޅޭ، ދީނީ، ސިއްޚީ، އިޖްތިމާއީ އަދި އިޤްތިޞާދީ މެސެޖްތަކާއި އެކު ޚާއްސަ ޕްރޮގްރާމެއް އެކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ފެށުމާއި، ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރުމުގެ އިތުރުން އިހަވަންދޫ ކައުންސިލުން އަންނަނީ ކޮވިޑް-19 އިން އެރަށުގެ ރައްޔިތުންނާއި، ރަށުގެ ދިރިއުޅޭ މީހުން ރައްކާތެރި ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!