ރާއްޖޭގެ 05 ސަރަހައްދެއްގައި ކޯވިޑް 19 އައް ފަރުވާދޭނެ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުތުރުގެ އަތޮޅުތަކުން ފަރުވާދިނުމަށް އިންތިޒާމްތައް ހަމަޖައްސަމުން އަންނަނީ ށ. އަތޮޅު ހޮސްޕިޓަލުގައިކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއިއޯސީ) އިން ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19އަށް ފަރުވާ ދިނުމުގެ ކަންކަން އަތޮޅުތަކުގައިވެސް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެގޮތުން ކޯވިޑް-19 އަށް ފަސް ސަރަހައްދެއް ކަނޑައަޅައި، އެ ތަންތަނުގައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޒާމް ހަމަޖައްސާ ހޮސްޕިޓަލްތައް
- އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި 23 އައިސީޔޫ އެނދު އަދި 22 އައިސޮލޭޝަން އެނދު
- ގއ. އަތޮޅު ހޮސްޕިޓަލްގައި 23 އައިސީޔޫ އެނދު އަދި 12 އައިސޮލޭޝަން އެނދު
- ލ. އަތޮޅު ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދު އަދި 23 އައިސޮލޭޝަން އެނދު
- ބ. އަތޮޅު ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު
- ށ. އަތޮޅު ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު
މަބްރޫކް ވިދާޅުވީ މި ހުރިހާ ތަނެއްގައި ވެސް ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ. އަދި އެތަންތަނުގައި ފަރުވާ ދޭނީ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށާއި މި ބައްޔަށް ފަރުވާ ދިނުމަށް ވަކި ތަންތަން ހޮސްޕިޓަލްތަކުގައި ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގުނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ބައްޔަށް [ކޯވިޑް19] އަށް ޓެސްޓް ކުރެވޭނެ ތަންތަނަށް ހެދުމަށް.
މަބްރޫކް ވިދާޅުވި އެވެ.
ހޮސްޕިޓަލު ހުންނަ ށ. ފުނަދޫއަކީ ގާތްގަނޑަކަށް 2632 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި އަތޮޅުގައި 14500 މީހުން ދިރިއުޅެއެވެ. މިރަށުގައި އަތޮޅު ހޮސްޕިޓަލުގެ އިތުރުން ޗިލްޑްރަން ސަރވިސް ސެންޓަރެއް ހުރެއެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވަނީ 20 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި 15 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!