ދޮނަކުޅި އިންވެސްޓްމަންޓުން ހިންގާ، ހައިޑަވޭ ބީޗް ރިސޯޓުގެ 390 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގާފައިވީނަމަވެސް އެރިސޯޓުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އާ އެގްރީމެންޓްއެއްގެ ދަށުން މަސައްކަތް ކުރެވޭނެކަމަށް މުވައްޒަފުންނަށް އަންގާފައިވާކަމަށް އެރިސޯޓުން ވާހަކަ ދެއްކި މުވައްޒަފުން ބުނެފިއެވެ.
އެ މުވައްޒަފުންބުނީ މީގެ ދުވަސްކޮޅެއްކުރީން މުވައްޒަފުންނަށް އެކި އޮޕްސަންތައް ހުރިކަމަށް މެނޭޖްމަންޓުން ބޭއްވި މީޓިންތަކުގައި މައުލޫމާތު ދިންގޮތަށް އަމަލު ކުރަން މެނޭޖްމަންޓްއިން ނިންމާފައިވާކަމަށެވެ. އެހެން ކަމުން މިހާރު މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްނުތަނަވަސްކަން ފިލައިގެން ގޮސްފައިވާކަމަށާއި މިހާރު ހުރިހާ ކުދިންވެސް ތިބީ އުފަލުންކަމަށް އެފަރާތުން ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައިވާއިރު، އެރިސޯޓުން މިހާރު ތައްޔާރުވަމުން ދަނީ ރިސޯޓު ބަނދުކޮށްފައި އޮންނަ ދުވަސްވަރު ރިސޯޓުގައި އިތުރު ކޮޓަރިތަކެއް އެޅުމުގެ މަސައްކަތްކަމަށް ވެއެވެ. އެގޮތުން އާ އެގްރީމެންޓްގެ ދަށުން އެމުވައްޒަފުން މަސައްކަތް ކުރާނީ އެކަމުގައިކަމަށާއި ރިސޯޓު ހުޅުވި އާންމު ހާލަތަށް އެޅުމުން ކުރިން ހުރި ވަޒީފާ ލިބޭނެކަމަށް ބުނެފައިވެއެވެ. އަދި އެރިސޯޓުން އެއްވެސް މުވައްޒަފަކަށް ދެރަގޮތެއް ނުހަދާނެކަމުގެ ޔަގީންކަން މެނޭޖްމަންޓްއިން ދީފައިވާކަމަށް އެރިސޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުނެފައިވެއެެވެ.
ހއ ހދ އަތޮޅުގެ ގިނަ ރަށްރަށުގެ ޒުވާނުން ވަޒީފާ އަދާކުރަމުން އަންނަ އެރިސޯޓުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް ދޭގޮތަށް ހަމަޖެހިފައިވާއިރު މި އޭޕްރީލް މަހުގެ ފުލް މުސާރަވެސް ދޭނެކަމަށް ވެއެވެ. އަދި ސަރުކާރުން ހުއްދަދިންހާ އަވަހަކަށް އެރިސޯޓު އަލުން ހުޅުވާލަން ނިންމާފައިވެއެވެ.
ހއ. އަތޮޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޔޮޓް މެރީނާ ހުންނަ ރިސޯޓެވެ. މި ރިސޯޓުގައި ތަރައްގީ ކޮށްފައިވާ ޔޮޓް މެރީނާގެ ބޮޑު މިނުގައ 297,000 އަކަމީޓަރު ހުރެ އެވެ. އަދި މި ރިސޯޓު ތަރައްގީ ކޮށްފައިވާ އަށް ގިންތިއެއްގެ ވިލާ ހުންނަ ގޮތަށެވެ. މި ރަށުގައި ޖުމްލަ 103 ވިލާ ހުރެ އެވެ.
2005 ވަނަ އަހަރު ހުޅުވި ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ފަރުމާކޮށްފައިވަނީ "ހެލްތް އެންޑް ވެލްނަސް" ގެ ގޮތުގައި ސްޕާގެ ހިދުމަތް ބޭނުންކުރަން ރާއްޖެ އަންނަ ޓޫރިސްޓުންގެ ހިތް ދަމައި ގަންނަ ގޮތަކަށެވެ. މި ރިސޯޓުގައި ހުންނަ ސްޕާއަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބޮޑު އެއް ސްޕާ އެވެ. އަދި މި ރިސޯޓުގައި ޓެނިހާއި މި ނޫން ވެސް ކުޅިވަރުތައް ކުޅެވޭނެ ވަސީލްތައް ގާއިމްކޮށްފައިވެ އެވެ.އަދި މިތަނުގައި ފަސް ރެސްޓޯރެންޓު ހުރެ އެވެ.
ފަންސާސް މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ދޮނަކުޅީގައި ތަރައްގީކޮށްފައިވާ "ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ" މަރާމާތައް ފަހު އަލުން ހުޅުވާފައިވަނީ 2015 ވަނަ އަހަރުއެވެ.
.ލިލީ ގުރޫޕުން ރާއްޖޭގައި ހިންގަމުން އަންނަނީ ލިލީ ބީޗާއި އައިލެންޑް ހައިޑަވޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!