ދޮނަކުޅި އިންވެސްޓްމަންޓުން ހިންގާ، ހައިޑަވޭ ބީޗް ރިސޯޓުގެ 390 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގަމުންދާކަމަށް އެރިސޯޓުގެ ބައެއް މުވައްޒަފުން ބުނެފިއެވެ.

ހއ އަތޮޅުގައި ހިންގަމުން އަންނަ އެރިސޯޓުން މިނޫހަށް ވާހަކަ ދެއްކި ބައެއް މުވައްޒަފުންބުނީ ގިނަ ދުވަހު އެރިސޯޓުގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ދެމަހުގެ މުސާރައާއިއެކު، ދެމަސްފަހުން ވަޒީފާއިން ވަކިވާނެ ކަމުގެ ނޯޓިސް ދީފައިވާކަމަށެވެ. އަދި ބައެއް މުވައްޒަފުންނަށް އެއްމަހުގެ މުސާރައާއިއެކު، އެއްމަސް ފަހުން ވަޒީފާއިން ވަކިވާނެ ކަމުގެ ނޯޓިސް ދީފައިވާ ކަމަށެވެ. ނޯޓިސް ދީފައިވާއިރު ރޯދަމަހުގެ އިނާޔަތް ދޭނެކެމަށް ބުނެފައިވާކަމަށް އެމުވައްޒަފުން ބުނެފައި ވެއެވެ.

Ad
rt

އެ މުވައްޒަފުންބުނީ މީގެ ދުވަސްކޮޅެއްކުރީން މުވައްޒަފުންނަށް އެކި އޮޕްސަންތައް ހުރިކަމަށް މެނޭޖްމަންޓުން ބޭއްވި މީޓިންތަކުގައި މައުލޫމާތު ދިންކަމަށެވެ. ނަމަވެސް އިއްޔެ ކުއްލިއަކަށް މުސާރައާއިއެކު ވަޒީފާ ނިމުމަކަށް އަންނާނެ ކަމުގެ ނޯޓިސް ދޭން ފެށީކަމަށެވެ. އެރިސޯޓުގައި މަސައްކަތްކުރާ ދިވެހިންގެ އިތުރުން ބިދޭސީ މުވައްޒަފުންނަށްވެސް ވަނީ ނޯޓިސްދީފައެވެ.

އެރިސޯޓުން މުވައްޒަފުންނަށް ދީފައިވާ ނޯޓިސްގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައިވާއިރު، އެސިނާއަތުގައި ރިސޯޓުތައް ހިންގާ ކުންފުނިތަކުން އަންނަނީ، އެކި ފިޔަވަޅުތައް އަޅަމުންކަމަށެވެ.

އެނޯޓިސްގައި އިތުރަށްބުނެފައިވަނީ އެމުވައްޒަފު ވަކިކުރެވެނީ ވަޒީފާއަށް އެކަށީގެންނުވާތީ ނޫންކަމަށާއި ކޮވިޑް19 ގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. އަދި އެރިސޯޓުގައި ކޮށްދިން މަސައްކަތް ގަބޫލުކުރާކަން ފާހަގަ ކުރަމުން ބުނެފައި ވަނީ މިނާޒުކު ދަނޑިވަޅުގައި އެންމެ ރަނގަޅަށް ކަންތައްތައް ވެގެން ދާނެކަމަށް އުންމީދު ކުރާކަމަށެވެ.

ހއ ހދ އަތޮޅުގެ ގިނަ ރަށްރަށުގެ ޒުވާނުން ވަޒީފާ އަދާކުރަމުން އަންނަ އެރިސޯޓުގެ މެނޭޖްމަންޓްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވަނީ ފޯނަށް ޖަވާބު ނުދެއްވާތީ ނާކާމިޔާބުވެފައެވެ.

އެރިސޯޓުން ވާހަކަ ދެއްކި ޒުވާނަކު ބުނީ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ލިއުން ލިބުމުން ފައިދަށުން ބިންގަނޑުން ދަމައިގެން ދިޔަ ކަހަލައެވެ.

ހުރިހާ ކުދިންވެސް ތިބީ ވަރަށް ދެރަވެފަ، ގޮތް ހުސްވެފަ، ހަދާނެ ގޮތެއް ނެތް، ކުރިއަށް އޮތީ ރޯދަމަސް، މިދަނޑިވަޅުގައި ވަޒީފާއެއް ދޭނީވެސ ވަކި ކާކު؟ އުމުރުގެ ގިނަ ދުވަހު ހޭދަކުރި ތަނުން ނިކަމެތިވިދުވަހު ކަނޑާއެއްލާލުމުން ބުނެދޭން ނޭންގޭހާ ދެރަވެފަ މިހުރީ، އިރާދަ ކުރެއްވިއްޔާ ކޮންމެސް ގޮތެއް އޮންނާނެ. ސަރުކާރުން މިކަންކަން ބަލާނަމޭ ބުނެފަ ފުއްދާލައިގެން ތިބެގެން ނުވާނެ

އެރިސޯޓުން ވާހަކަ ދެއްކި ޒުވާނަކު ބުނެފައިވެއެވެ.

ރިސޯޓުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ޖަމްޢިއްޔާ، ޓޫރިޒަމް އެމްޕޮލޯއީސް އެސޯސިއޭސަން އޮފް މޯލްޑިވްސް (ޓީމް) އިން އަންނަނީ މުވައްޒަފުންގެ ޙައްޤުތަކަށް ވީހާވެސް ބޮޑަކަށް އިސްކަން ދީގެން ޤާނޫނާއި ޤަވާޢިދުގެ ތަރަހައިގެ ތެރެއިން ރިސޯޓުތަކުން ކަންކަން ނިންމައިދިނުމަށް ގޮވާލަމުންނެވެ.

ހއ. އަތޮޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޔޮޓް މެރީނާ ހުންނަ ރިސޯޓެވެ. މި ރިސޯޓުގައި ތަރައްގީ ކޮށްފައިވާ ޔޮޓް މެރީނާގެ ބޮޑު މިނުގައ 297,000 އަކަމީޓަރު ހުރެ އެވެ. އަދި މި ރިސޯޓު ތަރައްގީ ކޮށްފައިވާ އަށް ގިންތިއެއްގެ ވިލާ ހުންނަ ގޮތަށެވެ. މި ރަށުގައި ޖުމްލަ 103 ވިލާ ހުރެ އެވެ.

2005 ވަނަ އަހަރު ހުޅުވި ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ފަރުމާކޮށްފައިވަނީ "ހެލްތް އެންޑް ވެލްނަސް" ގެ ގޮތުގައި ސްޕާގެ ހިދުމަތް ބޭނުންކުރަން ރާއްޖެ އަންނަ ޓޫރިސްޓުންގެ ހިތް ދަމައި ގަންނަ ގޮތަކަށެވެ. މި ރިސޯޓުގައި ހުންނަ ސްޕާއަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ބޮޑު އެއް ސްޕާ އެވެ. އަދި މި ރިސޯޓުގައި ޓެނިހާއި މި ނޫން ވެސް ކުޅިވަރުތައް ކުޅެވޭނެ ވަސީލްތައް ގާއިމްކޮށްފައިވެ އެވެ.އަދި މިތަނުގައި ފަސް ރެސްޓޯރެންޓު ހުރެ އެވެ.

ފަންސާސް މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ދޮނަކުޅީގައި ތަރައްގީކޮށްފައިވާ "ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ" މަރާމާތައް ފަހު އަލުން ހުޅުވާފައިވަނީ 2015 ވަނަ އަހަރުއެވެ.

. ލިލީ ގުރޫޕުން ރާއްޖޭގައު ހިންގަމުން އަންނަނީ ލިލީ ބީޗާއި އައިލެންޑް ހައިޑަވޭއެވެ.