ކޮވިޑް- 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދަވާ ކަމަށެވެ.
އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައި ކަމަށާއި، ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވަނީ ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށުން ދެ ދިވެއްސެއް މޮނީޓާ ކުރަމުންދާ ކަމަށާއި، ފިލިތެޔޮ ރިސޯޓުން ބިދޭސީ އަކާއި ދިވެއްސެއްގެ ގައިން އަލާމާތްތައް ފެނިގެން އެ ރިސޯޓުވެސް މޮނީޓާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ފުރަތަމަ ފަހަރަށް ރާއްޖެގައި މިބައްޔަށް ޕޮޒިޓިވުވި ދިވެހި މީހާއާއި، ރާއްޖެއިން ފުރިފަހުން ޕޮޒިޓިވް ވި އިޓަލީ ދެ ފަތުރުވެރިންނާއި އެކު، ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 16 އަރާފައެވެ. މިބަލި ޖެހުނު މީހުން ތެރެއިން ރާއްޖެއިން 9 މީހުން ވަނީ ރަނގަޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!