•  
  •  
  •  
  •  
  •  
  •  
  •  

ބެޑްމިންޓަން އަންހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި، ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ އައިމިނަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އާއި ފާތިމަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ފުރަތަމަ ފަހަރަށް ހިމެނިއްޖެއެވެ. މިއީ އޭގެ ކުރިން ނެރުނު ރޭންކިންއާ އަޅާބަލާއިރު 10 ދަރަޖައިގެ ކުރިއެރުމެކެވެ.

ހދ. ނޭކުރެންދޫއަށް ނިސްބަޔްވާ މިދެބެއިންގެ ތެރެއިން ނަބާ އިއްޔެ ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޭންކިންގައި މި ލިބުނު ކުރިއެރުމާ އެކު އޮލިމްޕިކްސް އަށް ކޮލިފައިވާން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން އެ ހިސާބަށް ވާސިލްވުމަށް ކަމަށެވެ.

އެކަމާ ގުޅިގެން އެއް މާބަނޑު ދެބެއިން ކަމަށްވާ ނަބާ އާއި ނަބީއަށް، ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް އިއްޔެ ވަނީ މަރުހަބަ ދަންނަވައިފަ އެވެ.

މަހުލޫފް ވިދާޅުވީ، ޖަޕާންގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު އެ ދެ ކުޅުންތެރިންނަށް ލިބިގެން ދާނެ ކަމަށެވެ.

ބެޑްމިންޓަނުން ރާއްޖެ އަށް ހޯދި ތިން ރަން މެޑަލްގައި ވެސް ދެބެންގެ ހިއްސާ ހިމެނެ އެވެ. ބެޑްމިންޓަނުން ރާއްޖެ އަށް ގެނައި ފުރަތަމަ ރަން މެޑަލް ހޯދީ މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް ބައިން ނަބީ އެވެ. އޭގެ ފަހުން ބީޑަބްލިއުއެފްގެ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލް ހޯދީ ޕާކިސްތާން މުބާރާތުގައި ނަބާ އާއި ޒަޔާން ޒަކީ އެވެ. އަދި ހަަމަ އެ މުބާރާތުގައި ނަބީ އާއި ނަބާ ވަނީ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދައިފަ އެވެ

ބޭރު ދުނިޔޭގައިވެސް “މޯލްޑިވިއަން ސިބްލިންގް ޑުއޯ”ގެ ނަން ދީފައިވާ މި ދެބެންގެ ލޭގެ ލޯބި އެންމެ ފުރިހަމައަށް ފެންނަނީ މެޗަށް އެރުމުންނެވެ. އެކުގައި ޑަބަލްސް މެޗުތައް ކުޅޭއިރު އެވެ. އަދި، ދެމީހުން ރާވާލައިގެން ކޯޓުގައި ހުރެ އެކުގައި ޖައްސާ މޮޅެތި އުކުޅުތައް ތަފާތުވެފައި ކާމިޔާބު ވަނީ މި ޑުއޯގެ ހާއްސަކަމުންނެވެ.

“މަންމަގެ ހުރިހާ ހިތްވަރާ އެކު، ބައްޕަގެ ނަން ނަން ފަހަތުގައި ޖަހާލައިގެން މި ކުޅެނީ. ވަރަށް ވަރަށް އުފާވޭ.”

ނަބީ ރާއްޖޭގެ ނޫހަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ޖާޒީގެ ފަހަތުގައި ބައްޕަގެ ނަން އިންނާތީ ފަހުރުވެރިވާ ކަމަށާއި އަމިއްލަ ނަމަށް ވުރެ ވެސް އިސްކަންދެވެނީ “އަބްދުއްރައްޒާގް ސިސްޓާސް” ގެ ގޮތުގައި ޓްވިންސްގެ ގޮތުގައި ބެޑްމިންޓަނުގައި ކުރިއަރައިގެން ދިއުން ކަމަށެވެ.

ފެށުނީއްސުރެ ޑަބަލްސް ޕެއާއެއްގެ ގޮތުގައި ކުޅޭ ދެބެންގެ ހުރިހާ ވިސްނުމެއް މިހާރު ހުރީ ޑަބަލްސް އިން ރަން މެޑެއްޔެއް ހޯދުމެވެ. ހާއްސަކޮށް 2023 ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ ނަމަ އެ ގޭމްސްގައި އެކަން ހާސިލްކުރަން މިހާރުސުއްރެ ވަނީ އަޒުމްކަނޑައަޅައިފަ އެވެ.

ޚިޔާލު

Your email address will not be published.