ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހދ.ހޮޑާފުށީ އައިލޭންޑް ރިސޯޓުގެ މުވައްޒަފަކު ހަނިމާދޫ އަށް ދިޔުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހޮޑާފުށި އައިލޭންޑް ރިސޯޓުގެ މުވައްޒަފެއް، ހަނިމާދޫގައި ހުރެފައި އެ ރިސޯޓުގެ މެނޭޖްމެންޓުގެ ހުއްދަ ނެތި ރިސޯޓަށް އަރައި، ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އެނބުރި ހަނިމާދޫ އަށް ދިޔުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުމާއި އަދި ރަށްރަށުން މީހުން ރިސޯޓުތަކަށް ދިޔުން ވެސް މިވަގުތު އޮތީ މަނާކޮށްފައެވެ.
ތީއޭ ކުންފުނީގެ މަސްލަހަތު އޮންނަ ހޮނޑާފުއްޓަކީ ދިވެހި މުވައްޒަފުން ވަރަށް މަދުން ވަޒީފާގައި އުޅެމުން އަންނަ ރިސޯޓެކެވެ. އެރަށުގައި ގިނައިން މަސައްކަތް ކުރަމުން އަންނަނީ ބަނގުލަދޭސް އަށް ނިސްބަޔްވާ މުވައްޒަފުންނެވެ. އެއީ ރާއްޖޭގައި އެންމެ މަދުން ސާވިސްޗާޖު ދެމުން އަންނަ ރިސޯޓުކަން ފާޙަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!