ކޮރޯނާ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ނެޝެނަލް އިމަޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން އާންމުން ކިބައިން ތަކުރާރުކޮށް އެދިލެއްވީ ގޭގައި މަަޑު ކުރުމަށެވެ! އިތުރަށްވެސް ވިދާޅުވީ ގޭގައި މަޑުކޮށް ދިނުމަށެވެ!

ކޮވިޑް-19 ގެ އިތުރު ކޭހެއް ނުފެނި ދެތިން ދުވަސް ވީނަމަވެސް ފަސޭހަކޮށް ނުލުމަށެވެ. އަދި ހާލަތު ބަދަލުވީ ކަމަށް ނުދެކުމަށެވެ.

Ad
rt

ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވީ ކޮވިޑް-19 ގެ ސީރިއަސް ހާލަތުން ރާއްޖެއަށް އަރައިގަނެވިފައިވާ ކަމަށް ނިންމަން އަދި މާ އަވަސް ކަމަށެވެ.

ރާއްޖެ އަންނަނީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވަމުން ކަމަށާއި، ރާއްޖެ އިން ބޭރުގައި ތިބި ޑޮކްޓަރުން ރާއްޖެ ގެންނަން ނިންމުމާ އެކު ބައެއް ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުން ގެންދާ ކަމަށްވެސް މަބުރޫކް ވިދާޅުވެއެވެ.

" ބައެއް މީހުންް އެބަ ބުނޭ ރާއްޖޭގެ ހާލަތު ގޯހެއް ނުވެއޭ، ދެން ކީއްކުރަންހޭ ބޭރުގައި ތިބި ޑޮކްޓަރުން ގެންނަނީ. އަޅުގަނޑުމެން މިދަނީ ފެސިލިޓީތައް ވެސް އިތުރު ކުރަމުން. އިތުރު ރިސޯޓްތައް ވެސް އެބަ ނަގަން. އެހެންވެ އެ ތަންތަނުގައި ވެސް ސްޓާފުން ވެސް އެބަ ތިބެން ޖެހޭ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކު ގެންދަވަނީ ތަކުރާރުކޮށް އާންމުން ގޭގައި ކޮށްދެއްވަން އެދި އިލްތިމާސް ކުރަމުންނެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުން އަކަށް ނުގޮސްގެން ގިނަ ދިވެހިން އަޑު އުފުލި ކަމަށާއި ނަމަވެސް ގޭގައި ތިބެން އިލްތިމާސްކުރުމުން އެކަން އެގޮތަށް އަމަލުން ނުފެންނަ ކަމަށެވެ.

"މާލޭގެ މަގުމަތީގަ މިއަދުވެސް ރޭ ވެސް ވަރަށް ދުއްވާއެއްޗެހި ގިނަ، ވަރަށް ކާރޫ ބާރު ބޮޑު، ލޮކްޑައުން އަށް ނުގޮސްގެން ވަރަށް އަޑު އުފުލާހެދި، އެކަމަކު މި އުޅެނީ މަގުމަތީ، ބުނާ އެއްޗަކާ އަމަލާ ދިމާއެއް ނުވޭ،" ޑރ، ވިދާޅުވި އެވެ.

ގޭގޭގައި މަޑުކުރަން ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދާއިރުވެސް މަގުތަކަށް ގިނަ ބަޔަކު އާއްމު އުސޫލުން ނިކުމެ އުޅޭކަން ފާހަގަ ކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭން ކޮވިޑް 19 އަށް 13 މީހުން ޕޮޒިޓިވް ވުމަށްފަހު 3 މީހުން ރަނގަޅު ވެފައިވާތީ ރާއްޖެ އެކަމުން އަރައި ގަނެފައިވާ ކަމަަށް ބަލައި މީހުން ރިލެކްސްވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެންމެންގެ ސަލާމަތަށްޓަކައި، އިރުޝާދުތަކަށް ބޯލަނބައި، ސަރުކާރުގެ ނިންމުންތަކަށް ކިޔަމަންވާންޖެހޭ!

ދުނިޔެ އޮތް ހާލަތު ނޭނގުހުރި މީހަކު ހުރިނަމަ އެއީ ވަރަށް ބޮޑު މައްސަލައެވެ. ރިސޯޓުތައް ބަންދުކުރަމުން ދާއިރު، މީހުން އެއްވެސް އުޅުން ހުއްޓާލަން އަންގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައި، ހޮޓާ ރެސްޓޯރެންޓުތައް ބަންދުކޮށް އެތައް އެތައް ފިޔަވަޅެއް އަޅަމުން އެދަނީ އެންމެންގެ ރައްކަލަކަށެވެ. އެއީ ސަމާސާއެއް ނޫނެވެ.

ކޮރޯނާ ވައިރަސް އަށް އިތުރު ބަޔަކު ޕޮޒިޓިވް ވަމުން ނުދިޔަ ނަމަވެސް، މި ހާލަތުން އަރައިގަންނަ އަދި ގާތް ވެސް ނުވާ ކަމަށް ކޮންމެ ދުވަހަކު ނެޝެނަލް އިމަޖެންސީ ސެންޓަރުން ކިޔައި ނުދިނަސް މިކަންކަން ދަނެ ބޯލަނބަން ޖެހެއެވެ.

އެއާދޭސް ކުރައްވަނީ މުޅި ޤައުމުގެ ސަލާމަތަށެވެ!