މެލޭސިޔާއިން އަންނަ އެންމެން 14 ދުވަހުގެ މުއްދަތަށް އެކަހެރިކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މެލޭސިޔާއިން އަންނަމީހުންނުވަތަ މެލޭސިޔާގައި ޓްރާންސިޓް ވެފައި އަންނަ މީހުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ފެސިލިޓީގައި ކަރަންޓީނު ކުރެވޭނެކަމަށެވެ.

Ad
rt

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިއަދު ހަވީރު 6:00 ގެ ފަހުން މެލޭޝިއާ އިން ރާއްޖެ އަށް މީހުންނަށް ނާދެވޭނެ ކަމަށެވެ. އަދި މެލޭޝިއާގައި ޓްރާންސިޓް ވެފައި އަންނަ މީހުންނަށް ވެސް ރާއްޖެ އެތެރެއެއް ނުވެވޭނެ އެވެ. އެކަމަކު، އެ ދެ ގައުމުން އަންނަ ދިވެހިންނަށް ރާއްޖެ އާދެވޭނެ އެވެ. ނަމަވެސް ކުރިއްސުރެ ހަމަޖައްސާފައިވާ އުސޫލުގެ ތެރޭގައި ދިވެހިން ގެންދާނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ފެސިލިޓީ އަކަށެވެ.

ކޮވިޑް ބަލި ބާރަށް ފެތުރޭތީ މެލޭޝިއާގައި ވަރުގަދަ ފިޔަވަޅު ތަކެެއް އެޅުމުން، އެ ގައުމުގައި ތިބޭ ދިވެހިން ސަމާލުވާން ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ވަނީ މިއަދު އެދިފަ އެވެ.

މެލޭޝިއާ އަކީ މިހާރު ކޮވިޑް ބަލި އެންމެ ބާރަށް ފެތުރޭ އެއް ގައުމެވެ. އެ ގައުމުތައި ތަފާތު ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހި ދިރިއުޅެމުން ދާއިރު، އެ ބަލިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ގައުމު މިހާރު ވަނީ "ބަންދުކޮށްފަ" އެވެ. މިރޭ ދަންވަރު 12 ން ފެށިގެން މެލޭޝިއާ އިން ވަނީ ވައިގެ ދަތުރުފަތުރުތައް ހުއްޓާލަން ނިންމައިފަ އެވެ.

މެލޭޝިއާ އިން މިބަލި ކޮންޓުރޯލް ކުރުމަށް އެޅި ފިޔަވަޅުތައް:

- ބިދޭސީން އެ ގައުމަށް ވަނުން މަނާކުރުން. - މެލޭޝިއާގެ ރައްޔިތުން އެ ގައުމުން ބޭރަށް ދިއުން މަނާކުރުން އަދި ބޭރުގައި އުޅެފައި އެނބުރި މެލޭޝިއާ އަށް ދާ އެ ގައުމުގެ ރައްޔިތުން ހެލްތު ޗެކަޕަށްކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރުން

- އެއްވުންތައް ބޭއްވުން މަނާކުރުން.

- ހުކުރު ނަމާދު ހިމެނޭ ގޮތަށް މިސްކިތްތަކުގައި ބާއްވާ ހުރިހާ ދީނީ ހަރަކާތްތަކާއި ބައްދަލުވުންތައް މަނާކުރުން.

- ހުރިހާ ސްކޫލްތައް ބަންދުކުރުން.

- މާކެޓް ފަދަ އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތައް ބަންދުކުރުން.

- އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ފެން، ކަރަންޓު، ޓެލެކޮމް، ދަތުރުފަތުރު، ހަކަތަ، ބްރޯޑްކާސްޓިން، ސެކިއުރިޓީ، ސިއްހަތު، އަދި މާލީ ކަންކަމާ ގުޅޭ އިދާރާތައް، ބޭންކް އަދި ވައިގެ ބަނދަރުތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ވުޒާރާތައް ބަންދުކުރުން.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގައި ތިބި ދިވެހިން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުން ތަކަށް ސަމާލުވާން އެދޭ ކަަމަށެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއުލާނުކޮށްފައިވާއިރު، ރާއްޖެއިން ވެސް ވަނީ އެ ބަލީގެ 13 މީހަކު ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.