އިޖުތިމާއީ އެކަހެރިކަމަށާއި، ގޭގައި ރައްކާތެރިވެ ތިބުމަށް ސިއްޙީ މާހިރުން އިރުޝާދު ދެމުންދާ ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ ކޮމިޓީތައް ބާއްވައި، މީހުން ހާޒިރުކޮށް ހަދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މަޖިލިސްމެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޖުތިމާއީ އެކަހެރިކަމަށާއި ގޭގައި ރައްކާތެރިވެ ތިބުމަށް ސިއްޙީ މާހިރުން އިރުޝާދު ދެމުންދާ ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވައި، މީހުން ހާޒިރުކޮށް ހަދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މަޖިލިސް ބާއްވަންޖެހޭ ޒަރޫރަތެއް މިވަގުތަކު ނެތް ކަމަށްވެސް މެމްބަރު ޢަލީ ވިދާޅުވެފައިވެއެވެ.

Ad
rt

މެމްބަރު ޢަލީ އެގޮތަށް ޓުވީޓު ކުރެއްވިއިރު މިވަގުތަކީ ވީހާވެސް ރައްކާތެރިކަން އިސްކުރަންވީ ވަގުތުކަމާއި، މީހުން އެއްވާ ތަންތަނަށް ނުދިޔުމަށާއި، ގޭގައި ތިބުމަށް އިސްކަންދީ އެގޮތަށް އަމަލު ކުރުމަކީ ކޮވިޑް-19 ފެތުރަނުދިނުމަށް ވަރަށް ވަރަށް މުހިންމު ކަމެއްކަމަށް ރާއްޖެގެ މަޝްހޫރު ޑޮކްޓަރުންނާއި، ސިއްޚީ ފަރާތްތައް ދަނީ ބުނަމުންނެވެ.

''އިޖުތިމާއީ އެކަހެރިކަމަށާއި ގޭގައި ރައްކާތެރިވެ ތިބުމަށް ސިއްޙީ މާހިރުން އިރުޝާދު ދެމުންދާ ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ ކޮމިޓީތައް ބާއްވައި، މީހުން ހާޒިރުކޮށް ހަދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ. މަޖިލިސް ބާއްވަންޖެހޭ ޒަރޫރަތެއް މިވަގުތަކު ނެތް'' މެމްބަރު ޢަލީ ޙުސައިން

ރާއްޖެގެ ބައެއް މަޝްހޫރު ޑޮކްޓަރުން ގެންދަވަނީ "ގޭބަންދު" ހޭޝްޓެގްވެސް ޓުވިޓަރގައި ބޭނުން ކުރައްވައި، އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެހެނަމަވެސް މިދިޔަ ހަފުތާގައިވެސް މަޖިލިސްގެ ޖަލްސާތައް އޮތެވެ. އެޖަލްސާތަކުގައި ބައެއް މެމްބަރުން ކޮވިޑް-19 އަކީ އާދައިގެ ރޯގާއެއްކަމަށް ދޭހަވާގޮތަށް ވާހަކަވެސް ދެއްކެވިއެވެ. އަދި ސަރުކާރުން ރާއްޖެއަށް އިޓަލީ ވިލާތުގެ ފްލައިޓްތައް ހުއްޓާލުމުން އެކަމާއި ނުރުހުންވެ ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް މިއަދު ޖަލްސާގައި އޭގެ މެމްބަރުންގެ ރާގު ވަނީ ބަދަލުވެފައެވެ.

މިއަދުވެސް މަޖިލިސްގެ ޖަލްސާއާއި ކޮމެޓީތައްވެސް އޮތެވެ. މާދަމާއަށްވެސް ވަނީ މަޖިލިސް ޖަލްސާ ތާވަލު ކޮށްފައެވެ.

މަޖިލިސްގެ ޖަލްސާއެއް ބާއްވާނަމަ މެމްބަރުންނާއިއެކު އެޖަލްސާ ބޭއްވުމުގައި ޝާމިލްވާ މުވައްޒަފުންނާއި، އެހެނިހެން ފަރާތްތަކާއި އެކު މަޖްލިސްކުރާ ގެއަށް އެފަރާތްތައް އެއްވަގުތެއްގައި ޖަމާވެ، އުޅެމުންދާން މެދުވެރިވެއެވެ.