ކޮވިޑް19 އާއި ގުޅިގެން އެއް ހަފްތާއަށް ސްކޫލްތައް ހުޅުވުން ފަސްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާ ދުވަހަށް ލަސްކުރަން ނިންމާފައިވާ ކަމަށެވެ.
އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަން ހަމަޖެހިފައިވާ ސްކޫލްތައް މިހާރު އޮތީ ފުރަތަމަ ޓާމްގެ މިޑް ބްރޭކަށް ބަންދުކޮށްފައެވެ.
މަބްރޫކް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ، ސްކޫލްތައް ބަންދުކޮށްގެން ވެސް ކިޔަވައިދެވޭނެ ގޮތަކަށް ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން އޮންލައިންކޮށާއި ބްރޯޑްކާސްޓްކޮށްގެން ވިޔަސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ޓީޗަރުންނާއި ދަރިވަރުންނަށް އޮންލައިންކޮށް ލިބޭ ގޮތަށް ކަރިކިއުލަމް ރިސޯސް ޝެއާރިން ޕްލެޓްފޯމެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޖަވާބު" އާ ހަވާލުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!