އަވަށްޓެރި ލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ލަންކާއިން މިފިޔަވަޅުއެޅީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހަށް ސްރީލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން، ލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުނީ އޮން އެރައިވަލް ވިސާ ސްކީމުގެ ދަށުން އެއްވެސް ބޭރު މީހަކަށް ވިސާ ދޫކުރުން މުއްދަތެއްނެތް ގޮތަށް މެދުކަނޑާލާފައިވާ ކަމަށެވެ.
އެ ޤައުމުން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވެފައިވަނީ އުމުރުން 52 އަހަރުގެ މީހެކެވެ. އެމީހާއަކީ ޓޫއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ މީހާއަށް ވައިރަސް ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުންކަމަށްވެސް ބުނެފައިވެ އެވެ.
ކޮވިޑް-19 ވައިރަހަށް ލަންކާ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ވޫހާން އިން އެ ގައުމަށް ދިޔަ ޗައިނާގެ އަންހެނެކެވެ. އެ މީހާ އަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ވަނީ ދޫކޮށްލައިފަ އެވެ.
މިއީ ކޮވިޑް-19 އަށް ލަންކާ ރައްޔިތަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އޮން އެރައިވަލް ވިސާ ދޫކުރުން ތައިލެންޑުންވެސް މިއަދު ވަނީ ހުއްޓާލައިފި އެވެ.
މީގެ ތެރޭގައި އޮން އެރައިވަލް ވިސާގެ ކެޓަގަރީގައި ހިމެނޭ 18 ގައުމެއްގެ މީހުން ހިމެނެ އެވެ. އޭގެ އިތުރުން ސައުތު ކޮރެއާ، އިޓަލީ އަދި ހޮން ކޮންގު މީހުންނަށް ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތަށް އޮތް އޮތުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
އެ 18 ޤައުމުގެ ތެރޭގައި ސައުތު އޭސިޔާގެ އިންޑިއާއާއި، ބޫޓާން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!