ކޮންކާކަފް ޑަބްލިޔު ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގައި ހުކުރު ދުވަހުގެ ރޭ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެލް ސެލްވަޑޯ ބަލިކޮށް، އެމެރިކާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާގެ ފޯވާޑް އޭޝްލީ ސަންޗޭޒް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ކާމިޔާބީއާއެކު އެމެރިކާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެ ޓީމު ބައްދަލުކުރާނީ ޖެމެއިކާއާއެވެ. ޓެކްސަސް ހެލްތު މެންސްފީލްޑް ސްޓޭޑިއަމްގައި ކޮސްޓަރިކާ އަތުން 3-0 އިން މޮޅުވެ، ޖެމެއިކާއިން ވެސް ވަނީ އެ ދުވަހު ކުރިން ކުޅުނު މެޗުން ވޯލްޑް ކަޕްގެ ޖާގަ ހޯދާފައެވެ. ކުއާޓާ ފައިނަލްގެ މެޗުތައް ހޮނިހިރު ދުވަހު ވެސް ކުރިއަށްދާއިރު، ކެނެޑާ ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. އަދި މެކްސިކޯ ވާދަކުރާނީ ހެއިޓީއާއެވެ. ކުއާޓާ ފައިނަލުން މޮޅުވާ ހަތަރު ޓީމަށް ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭއިރު، މުބާރާތުގައި ބާކީވާ ޓީމުތައް ވާދަކުރާނީ ކޮންފެޑެރޭޝަނަށް ލިބޭ އިންޓަކޮންޓިނެންޓަލް ޕްލޭއޮފްގެ ދެ ޖާގައަށެވެ.

އެލް ސެލްވަޑޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާއިން ވަނީ ހަތް ލަނޑު ޖަހާފައެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ސޯފިއާ ވިލްސަން ނަގައިދިން ހުރަހަކުން އެމެރިކާއަށް ލީޑު ނަގައިދިނީ ކުރިއަށް އަރައި ކުޅުނު ޑިފެންޑަރު ކެނެޑީ ވެސްލީއެވެ. އޭގެ ފަހުން 31 ވަނަ މިނެޓުގައި މެލަރީ ސްވަންސަން ފޮނުވާލި ހިލޭ ޖެހުމަކުން ބޮލުން ޖަހައި ދެވަނަ ލަނޑު ކާމިޔާބުކުރީ ޑިފެންޑަރު ޓިއާނާ ޑޭވިޑްސަންއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ވިލްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސްވަންސަން ވަނީ އެމެރިކާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 40 ވަނަ ލަނޑެވެ.

މި ސީޒަނުގައި ނޯތު ކެރޮލައިނާ ކަރޭޖަށް 20 ލަނޑު ޖަހައިދީ، އެންޑަބްލިޔުއެސްއެލްގެ ގޯލްޑަން ބޫޓް ހާސިލުކުރި ސަންޗޭޒް ވަނީ މެޗުގެ 36 ވަނަ މިނެޓާއި 39 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. އޭގެ ތެރެއިން އޭނާގެ ދެވަނަ ލަނޑަކީ ދުރުން ފޮނުވާލައިގެން ގޯލުގެ މަތީ ކަނަށް ވައްދާލި ހިތްގައިމު ލަނޑެކެވެ. ސަންޗޭޒް އޭނާގެ ހެޓްރިކް ފުރިހަމަކުރީ 43 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، 45 ވަނަ މިނެޓުގައި ވިލްސަން ވަނީ އެމެރިކާގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި އެންޑަބްލިޔުއެސްއެލްގެ އަހަރުގެ މޮޅު މިޑްފީލްޑަރު ކްރޮއިކްސް ބެތޫން ވަނީ ލިންޑްސީ ހޮރާން ތަނަވަސްކޮށްދިން ފުރުސަތަކުން އެމެރިކާގެ އަށްވަނަ ލަނޑު ޖަހާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސްވަންސަން ބުނީ، މެޗުގެ މުހިންމުކަން ދަނެގެން ކޮންމެ ކުޅުންތެރިއަކުވެސް ފުރިހަމައަށް ތައްޔާރުވެ މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މުބާރާތުގައި ދެން އޮތް މެޗަށް އިންތިޒާރުކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. ހެޓްރިކް ހެދި ސަންޗޭޒް ބުނީ ކްލަބް ލެވެލްގައި ހޯދުނު ކާމިޔާބީއާމެދު އުފާކުރާ ކަމަށާއި، މަސައްކަތްކުރީ އެ ފޯމާއި އެއްވަރެއްގައި ހިފެހެއްޓި ކުޅުން ގައުމީ ޓީމަށް ގެނެސްދީ އެންމެ ފުރިހަމަ ކުޅުމެއް ދެއްކުމަށް ކަމަށެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ ޓީމު ނުކުތީ، އެންޑަބްލިޔުއެސްއެލްގެ ފައިނަލް މެޗުގައި ކޮނޑަށް ލިބުނު ކުޑަ އަނިޔާއެއްގެ ސަބަބުން ސްކޮޑުން ބާކީވި ޓްރިނިޓީ ރޮޑްމަން ނުލައެވެ. އޭނާގެ ބަދަލުގައި 23 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ދިނީ ޖޭޑިން ޝޯއަށެވެ. އެލީސާ ނޭހާ ކުޅުން ހުއްޓާލުމާ ގުޅިގެން ކީޕަރުން ބަދަލުކޮށްގެން އަޖުމަބަލަމުން އަންނަ ކޯޗު އެމާ ހޭސް މި މެޗުގެ ފުރަތަމަ އެގާރައިގައި ގޯލް ބެލެހެއްޓުމަށް ފުރުސަތު ދިނީ ކްލޯޑިއާ ޑިކީއަށެވެ. ކޯޗު ހޭސް ބުނީ ފުރަތަމަ ހާފުގައި ޓީމުގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، އިދިކޮޅު ޓީމުގެ ހާފުގެ ތެރޭގައި އެމެރިކާ ޓީމުން ދެއްކި ކުޅުމުން ލަނޑު ޖަހާނެ ގޮތްތަކަށް ފަރިތަކޮށްފައިވާ މިންވަރު ހާމަވެގެންދިޔަ ކަމަށެވެ.

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް އެމެރިކާއަކީ ހަތަރު ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އެންމެ ފަހުން 2019 ގައި ތަށި ހޯދި ނަމަވެސް، 2023 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ސްވިޑަން އަތުން އެ ޓީމު ވަނީ ކަޓާފައެވެ. އަނެއްކޮޅުން ދުނިޔޭގެ ރޭންކިންގެ 78 ވަނައިގައި އޮތް އެލް ސެލްވަޑޯ އަދި މިހާތަނަށް ވޯލްޑް ކަޕެއްގައި ވާދަކޮށްފައެއް ނުވެއެވެ. މިދިޔަ އޮކްޓޫބަރު މަހު ޕެރަގުއާއީ އަތުން ވިދިވިދިގެން ދެ މެޗުން ބަލިވުމުން އެލް ސެލްވަޑޯގެ ކޯޗު އެރިކް އަސޫނާ އަމިއްލަ ޓީމަށާއި ވަކިވަކި ކުޅުންތެރިންނަށް ފާޑުކިޔުމުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެމެރިކާއިން އޮކްޓޫބަރު މަހު ދުނިޔޭގެ އެއްވަނަ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ފުރަތަމަ މެޗުން 2-0 އިން ބަލިވި ނަމަވެސް، ދެވަނަ މެޗު ނިންމާލީ 2-2 އިން އެއްވަރުކޮށްގެންނެވެ.