އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެންމެ ސީރިއަސް ރިޝްވަތުގެ ދައުވާ ދޫކޮށްލުމަށް އެ ގައުމުގެ ކޯޓުގެ ފަނޑިޔާރުން ޕްރޮސެކިއުޓަރުންނަށް ލަފާދީފިއެވެ.
ފަނޑިޔާރުން އެޓާނީ ޖެނެރަލަށް މިގޮތަށް އެންގީ، ސަރުކާރުގެ ތެރެއިން ވަކި ފަހިކަންތައްތަކެއް ކޮށްދިނުމުގެ ބަދަލުގައި މީޑިއާގެ ހެޔޮ ކަވަރޭޖް ހޯދި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ބުނެއެވެ.
ގުދުސްގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އާދަޔާ ހިލާފު ފިޔަވަޅެއް އަޅައި، އެޓާނީ ޖެނެރަލް ގާލީ ބަހަރަވް-މިއާރާ ބުދަ ދުވަހު ކޯޓަށް ހާޒިރުކޮށް ވަނީ އެ ފަނޑިޔާރުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަނޑިޔާރު ރިވްކާ ފްރީޑްމަން-ފެލްޑްމަން ވަނީ، މި މައްސަލައިގައި ކުށް ސާބިތުވުމުގެ ފުރުސަތު ކުޑަކަމަށްބުނެ މި މައްސަލައާ މެދު އަލުން ވިސްނަންޖެހޭ މިންވަރަށް ހާލަތު ގޮސްފައިވާ ކަމަށް ބުނެފައެވެ.
"ކޭސް 4،000" ގެ ނަމުން މަޝްހޫރުވެފައިވާ މި މައްސަލައަކީ ނަތަންޔާހޫއާއި އިސްރާއީލުގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ މައި ހިއްސާދާރާ ދެމެދު އެއްބަސްވުންތަކެއް ހެދި ކަމަށް ބުނާ މައްސަލައެކެވެ.
މީގެއިތުރުން، އެހެން މީޑިއާ ވެރިޔަކާ އެކު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ "ކޭސް 2،000" ގައި ނަތަންޔާހޫގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ މިންގަނޑަށް ފެތޭ ކަންކަންތޯ ވެސް ފަނޑިޔާރުން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އޮސްޓްރޭލިއާގެ ބިލިއަނަރެއްގެ އަތުން ސުއްޓާއާއި ޝެމްޕޭން ހަދިޔާގެ ގޮތުގައި ހޯދައި، އޭނާއަށް މަންފާވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ "ކޭސް 1،000" ގައި ކުށް ސާބިތުވުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މައްސަލައިގައި އިއުތިރާފުގެ އެއްބަސްވުމެއް (ޕްލީ ޑީލް) ހެދުމަށް ފަނޑިޔާރުން ވަނީ ލަފާދީފައެވެ. އާންމު މަސްލަހަތަށްޓަކައި ޝަރީއަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު އަލުން ވިސްނަން ޖެހޭ ކަމަށް ފަނޑިޔާރުން ބުނުމުން އެޓާނީ ޖެނެރަލް ބަހަރަވް-މިއާރާ ވަނީ އެ ލަފާތަކާ މެދު ވިސްނަވާނެ ކަމަށް ބުނެފައެވެ.
އަމިއްލަ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އަބަދުވެސް އިންކާރު ކުރާ ނަތަންޔާހޫ ވަނީ ބުދަ ދުވަހު ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި، އޭނާގެ މައްޗަށް ކުރާ ޝަރީއަތް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
"މިއީ އަހަރެންނާއި އާއިލާއަށާއި ދަރިފުޅަށް ލިބުނު ބިރުވެރި ވޭނުގެ ދިހަ އަހަރު،" އޭނާ ބުންޏެވެ.
"މިއީ ފުރާނައަށް ޒަހަމް ލިބޭ ފަދަ ނަފްރަތު އުފެއްދުމުގެ ދިހަ އަހަރު." އަދި އޭނާއަކީ ސިޔާސީ ޝިކާރައެއް ކަމަށް ބުނެ، އޭނާގެ މައްޗަށް އުފައްދާފައިވާ ދޮގު މައްސަލަތަކެއްކަމަށް ބުނެ ޖަރީމާތަކުން ބޯދަމައިގަންނަން ވަނީ ވާހަކަދައްކާފައެވެ.
ޖިނާއީ ޝަރީއަތަކާ ކުރިމަތިލާން ޖެހުނު އިސްރާއީލުގެ ފުރަތަމަ ދައުރުގައި ހުރި ބޮޑުވަޒީރަށް ނަތަންޔާހޫ ވެފައިވާތާ ހަ އަހަރު ވެފައިވާއިރު، އެންމެ ފުރަތަމަ ދައުވާ އުފުލީ 2019 ގައެވެ. ނަމަވެސް، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަލާމަތީ ކަންބޮޑުވުންތަކާ ހުރެކަމަށްބުނެ އަޑުއެހުންތައް މަދުކުރަން ފަނޑިޔާރުން އެއްބަސްވުމާ ގުޅިގެން މައްސަލަ ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. މި ތުހުމަތުތަކާ ގުޅިގެން އިސްރާއީލުގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާއިރު، ނަތަންޔާހޫގެ ސަރުކާރުން ގެންނަން އުޅުނު ޝަރުއީ ނިޒާމުގެ އިސްލާހުތަކާ އެކު މި މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރަށް ނަތަންޔާހޫ ވަނީ ވެރިކަމުގައި ދެމިހުރުމަށްޓަކައި ހައްދުފަހަނަޅާފައިވާ ކޯލިޝަން ބައިވެރިންނަށް މާ ބޮޑަށް ބަރޯސާވެފައެވެ. ސިޔާސީ ގޮތުން ދިފާއުވުމަށް މަސައްކަތް ކުރައްވަމުން ގެންދާ ވަގުތީ ބޮޑުވަޒީރު ނަތަންޔާހޫއަށް ފަނޑިޔާރުންގެ މި ނިންމުމަކީ ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ނިމިދިޔަ މަހު ބޭއްވި އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބި، އިދިކޮޅު ލީޑަރު ގާދީ އެއިޒެންކޮޓް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. ނަތަންޔާހޫގެ ފެކްޝަނަށް ގިނަ ގޮނޑި ލިބުނު ނަމަވެސް، ސަރުކާރެއް އުފެއްދުމުގެ ފުރަތަމަ ފުރުސަތު ރައީސް ދިނީ އެއިޒެންކޮޓަށެވެ. މީގެއިތުރުން، ޣައްޒާގައި ހިންގި ކަމަށް ބުނާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނަތަންޔާހޫގެ މައްޗަށް އެބައޮތެވެ. އެ ތުހުމަތުތަކަށް ވެސް އޭނާ ދަނީ އިންކާރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!