ޖަޕާނުގެ ފުކުއޯކާގައި ކުރިއަށްދިޔަ ޖައިކާ މޯލްޑިވްސްގެ ކޭ.ސީ.ސީ.ޕީ ތަމްރީނު ޕްރޮގްރާމް، "ހޮސްޕިޓަލް މެނޭޖްމަންޓް" ހއ. އަތޮޅު ހޮސްޕިޓަލުގެ މުޙައްމަދު ޖައިލަމް ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ހޮސްޕިޓަލްތައް ހިންގުމުގައި އިތުރަށް ހަރުދަނާ އަދި ނަތީޖާ ނެރެވޭނޭ ފަދަ ޢަމަލީ އިޞްލާޙީ ޕްލޭންތައް އެކުލަވައިލުމުގެ ޤާބިލުކަން އިތުރުކުރުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން ޖައިލަމް ވަނީ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ޢިލްމާއި ހުނަރުތައް ތަރައްޤީކުރައްވާފައެވެ.
ޖައިކާ މޯލްޑިވްސްއިން ވަނީ ޖައިލަމް ހޯއްދެވި މި ކާމިޔާބީ ފާހަގަކޮށް، އޭނާގެ މަސައްކަތަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ތަމްރީނުން ލިބުނު ފިލާވަޅުތަކުގެ އެހީގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ޚާއްޞަކޮށް އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތަށް އިތުރު ކުރިއެރުމާއި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.ޖައިކާ މޯލްޑިވްސްއަކީ ޖަޕާނު ސަރުކާރުގެ ރަސްމީ އެހީދޭ މައި އިދާރާ ކަމަށްވާ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީން ރާއްޖޭގައި ހިންގާ ހަރަކާތްތަކާއި މަޝްރޫޢުތައް ބަލަހައްޓާ އޮފީހެވެ. މީގެއިތުރުން އެއީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެހީތެރިވެދޭ ޖަޕާނުގެ މައި އިދާރާ ވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!