ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ށ. ފީވަކު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ.
މި އެސެމްބްލީ ކުރިއަށް ގެންގޮސްފައިވަނީ އެ ސްކޫލުގެ ދަރިވަރުން ޑިޖިޓަލް ދުނިޔެއަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައެވެ.
މި އެސެމްބްލީއާ ގުޅޭގޮތުން ށ. އަތޮޅު ފުލުހުން ބުނީ، މި ބައްދަލުވުމުގައި ދަރިވަރުންގެ މެދުގައި ސައިބަރ ރައްކާތެރިކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ޑިޖިޓަލް ދުނިޔޭގައި އުޅޭއިރު ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުކަން ދަރިވަރުންނަށް މި އެސެމްބްލީގެ ތެރެއިން ވަނީ ބަޔާންކޮށްދީފައެވެ.
ފީވަކު ސްކޫލުގައި ކުރިއަށްދިޔަ މި ޚާއްސަ އެސެމްބްލީގައި އެ ސްކޫލުގެ ދަރިވަރުންގެ އިތުރުން މުދައްރިސުން ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
މީގެއިތުރުން، އިންޓަނެޓާއި ޑިޖިޓަލް ވަސީލަތްތަކުގެ ރައްކާތެރިކަމަށް މީހުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމުގެ ގޮތުން ފުލުހުން އަންނަނީ ށ. އަތޮޅުގައި ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން "ސައިބަރ ކްރައިމް އެވެއަރނެސް"ގެ ނަމުގައި އެ އަތޮޅުގެ އެކި ރަށްރަށުގައި ސެޝަންތައް ބާއްވަމުންދެއެވެ.
ށ. އަތޮޅު ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ މި ސެޝަންތަކަކީ އަތޮޅުގެ ރަށްރަށުގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް އަމާޒުކޮށްގެން، ސައިބަރ ކުށްތަކުން ރައްކާތެރިވުމުގެ މައުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ސެޝަންތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!